އެމީހާގެ އުމުރަށް ވުރެ ޒުވާންކޮށް ފެނުމަކީ ވަރަށް ގިނަ މީހުން އުފާކުރާނެ ކަމެކެވެ. ނަމަވެސް ޗައިނާގެ މި ފިރިހެންމީހާ އަށް މިކަން ވެފައިވަނީ ވަރަށް އުނދަގޫ މައްސަލަ އަކަށެވެ. އޭނާގެ ޅަ ސިފައިގެ ސަބަބުން ކެރިއަރެއް ބިނާ ކުރުމަށް މި މީހާ އަށް ވަނީ ނުކުޅެދިފަ އެވެ.
މައޮ ޝެންގް އަށް މިހާރު މީ 27 އަހަރެވެ. ނަމަވެސް ބަލާ ބެލުމަށް އޭނާ އަދިވެސް ހީވަނީ ނުވަ ވަރަކަށް އަހަރުގެ ކުއްޖެއް ހެންނެވެ. އެހެންވެ ވަޒީފާއެއް ހޯދޭނެ ގޮތެއް މައޮ އަކަށް އަދިވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.
ޝެންގް އަށް ދިމާވެގެން އުޅޭ މައްސަލައިގެ ވާހަކަތައް ޓީކްޓޮކް ވީޑީއޯއެއްގައި އޭނާ ޝެއާ ކުރުމުން މި ވީޑީއޯ ވަނީ ވައިރަލް ވެފަ އެވެ. ޑޮންގުއަން ސިޓީގައި ނަގާފައިވާ މި ވީޑީއޯ ކްލިޕްގައި މައޮ ބުނި ގޮތުގައި އޭނާގެ އުމުރުން 27 އަހަރު ފުރިފައި ވިޔަސް މޫނުމަތި ވެސް ކުޑަ ކުއްޖަކާ ވަރަށް ވައްތަރެވެ. އަދި އިސްކޮޅުން ވެސް ކުރު ކަމުން އެއްވެސް މީހަކަށް އޭނާއަކީ ބޮޑު މީޙެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
މައޮ ބުނި ގޮތުގައި އޭނާގެ ބައްޕައަށް ސްޓްރޯކެއް ޖެހިގެން ބަލިވެ އުޅޭތީ ކޮންމެހެން ވެސް ވަޒީފާއެއް އަދާކޮށް ފައިސާ ހޯދަން މިހާރު އޭނާއަށް މަޖްބޫރެވެ. ނަމަވެސް އެއްވެސް މީހަކު އޭނާއަށް ވަޒީފާއެއް ދޭކަށް ތައްޔާރެއް ނޫނެވެ.
އޭނާގެ ގެ ހުންނަ ސަރަހައްދުގައި ހުރި ބައެއް ފެކްޓްރީތަކަށް ވެސް ވަޒީފާއެއް ހޯދަން މައޮ އޭނާގެ އެކުވެރިންނާއެކު ދިޔަ އެވެ. ނަމަވެސް މައޮގެ ހުރިހާ އެކުވެރިންނަށް ވަޒީފާ ލިބުނުއިރު މައޮ އަކަށް ނުލިބުނެވެ.
މައޮ ބުނި ގޮތުގައި ބައެއް މީހުން އޭނާއަށް ވަޒީފާ ދީފައި ވެސް ވަޒީފާއިން ވަކި ކުރެ އެވެ. އެއީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން ޗައިނާގައި މަނާ ކަމަކަށް ވާތީ މައޮ ވެސް އޮޅުވާލައިގެން ބޮޑު މީހަކަށް ހެދިގެން އުޅެނީކަމަށް ހިތަ އެވެ.
ޓިކްޓޮކްގައި މައޮގެ ވީޑިއޯ ވައިރަލްވުމުން މިހާރު އޭނާއަށް ވަޒީފާއެއް ލިބި އެ ވަޒީފާ އަށް ދާން ފަށައިފި ކަމަށް އޭނާ ބުންޏެވެ.