ލައިފްސްޓައިލް

ކުޑައިރު ވަގަށް ނެގި ޗައިނާ ކުއްޖެއް ބުނަނީ ފައިސާއަށް ލޯބި ނުގަނެވޭނެއޭ!

މީގެ 25 އަހަރު ކުރިން، ވަރަށް ކުޑަކުޑައިރު ވަގަށް ނަގައި ބިލިއަނަރު ދެމަފިރިއަކަށް ވިއްކާލި ޗައިނާގެ ކުއްޖަކު ބޮޑުވެގެން އޭނާގެ އަސްލު މައިންބަފައިން ހޯދައިފި އެވެ.

މެއި ޒީކިއަންގް، 27، ބޮޑުވީ ވަރަށް މުއްސަނދިކަމުގަ އެވެ. ނަމަވެސް އޭނާ އަކީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްކަން އެނގޭތީ އަބަދުވެސް އަސްލު މައިންބަފައިން ހޯދުމުގެ ވިސްނުން އޭނާގެ ހިތުގައި އޮތެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެއް ވީޑިއޯއަކީ މެއި އާއި އޭނާގެ އަސްލު މައިންބަފައިން ފުރަތަމަ ފަހަރަށް ބައްދަލުވާ މަންޒަރުތައް ފެންނަ ވީޑިއޯ އެކެވެ.

މިއީ މިދިޔަ އަހަރުގެ ޖޫންގައި ނަގާފައިވާ ވީޑިއޯއެއް ނަމަވެސް ވީޑިއޯ ވައިރަލްވީ މީގެ ދެ ދުވަހެއް ކުރިންނެވެ.

މި ވީޑީއޯގައި ބުނެފައިވާ ގޮތުގައި އެޑޮޕްޓްކުރި މައިންބަފައިންގެ މުއްސަނދި ދިރިއުޅުން ދޫކޮށްލައި މެއި މިހާރު ވަނީ އޭނާގެ އަސްލު މައިންބަފައިން ކައިރިއަށް ދިރިއުޅެން ގޮހެވެ.

ޗައިނާގެ މީޑީއާ އަށް މެއި ބުނެފައިވާ ގޮތުގައި "ފައިސާއަށް އުފާވެރިކަމެއް ނުގަނެވޭނެ" އެވެ.

މެއި ވަގަށް ނަގާފައިވަނީ 1997 ވަނަ އަހަރު އޭނާގެ އުމުރުން 28 މަހުގަ އެވެ.

އޭނާ ވަގަށް ނެގީ ޗައިނާގެ ދެކުނު ހުޅަނގުގައި އޮންނަ ޔުނާން ޕްރޮވިންސްގައި ހުންނަ އޭނާގެ އަސްލު މައިންބަފައިންގެ ގޭގެ ގޯތި ތެރޭގައި ކުޅެން ހުއްޓަ އެވެ.

މެއިގެ މައިންބަފައިން ކަމަށްވާ މީ ޒިއަންހުއާ އާއި ޕޭން ޗޭންގް އަކީ ޖިއާންގްޒީ ޕްރޮވިންސްގެ ބައެކެވެ. އެމީހުން ޔުނާންސް ޕްރޮވިންސަށް ހިޖުރަކުރީ ވަޒީފާ އަދާކުރާށެވެ.

ކުއްލިއަކަށް ދަރިފުޅު ގެއްލުމުން ދެމަފިރިން އެ ދަރިފުޅު ހޯދަން ވަރަށް މަސައްކަތްކުރި އެވެ. އަދި ދަރިފުޅު ގެއްލުނުތާ 20 އަހަރު ފާއިތުވީ އިރުވެސް އެމީހުން ދަރިފުޅު ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެނިދާނެކަމުގެ އުއްމީދު އެ ދެމަފިރިންނަށް އޮތެވެ.

މެއިގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅު ގެއްލުނުތާ ކުރީކޮޅު އެ ދެމަފިރިން އުޅުނީ "ދެ މޮޔައިން" ފަދައިންނެވެ. އެހާވެސް ބޮޑަށް އެކަމާ ހިތާމަކޮށް ރޮއި ހޭރި އަދި ދަރިފުޅު ހޯދަން އެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކުރިކަމަށް ދެމަފިރިން ބުންޏެވެ.

އެމީހުންގެ މަސައްކަތުގެ ފޮނި ނަތީޖާ ލިބުނީ މިދިޔަ އަހަރު އެމީހުންގެ އެކުވެރިއެއް ކަމަށްވާ ޑޭން ޒިއޯހުއާގެ އެހީގަ އެވެ.

ޑޭންގެ ދަރިފުޅެއް މީގެ 12 އަހަރު ކުރިން ވަގަށް ނަގައިގެން އޭނާވެސް ދިޔައީ އެ ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑީއެންއޭ ސާމްޕަލް ނަގައިގެން ކުރި މަސައްކަތުން މެއި ހޯދައިދިނީ ޑޭން އެވެ. އޭރު މެއި އުޅެމުން ދިޔައީ އޭނާ އެޑޮޕްޓްކުރި މައިންބަފައިންނާއެކު ފޫޖިއާން ޕްރޮވިންސްގަ އެވެ.

މެއި ބުނި ގޮތުގައި އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅުނު ބިލިއަނަރު ދެމަފިރިން އޭނާ ގަތީ އެހެން ދެމަފިރިއެއްގެ އަތުންނެވެ. އެމީހުން އޭނާ ގަނެފައިވަނީ ހިއުމަން ޓްރެފިކިން ގްރޫޕެއްގެ އަތުންނެވެ.

އޭނާ ފުރަތަމަ ގަނެގެން ގެންގުޅުނު ދެމަފިރިން އޭނާ ވިއްކާލަން ނިންމީ އޭނާ ހުންނަލެއް ހިކިވެފައި ކުޑަކަމުން ކަމަށް އޭނާ އެޑޮޕްޓްކުރި މުއްސަނދި ދެމަފިރިންނާ ހަވާލާދީ މެއި ބުންޏެވެ.

މެއި އެޑޮޕްޓްކުރި މައިންބަފައިންގެ އަމިއްލަ ދަރިން ތިއްބެވެ. މެއި އަށް ވުރެ ދޮށީ ދެ ދައްތަ އާއި ހަގު ފިރިހެން ކޮއްކޮ އެކެވެ. މި ހުރިހާ ކުދިންނާއެކު މެއި އުޅެމުންދިޔައިރުވެސް އޭނާއަކީ އެ އާއިލާއަށް ނިސްބަތްވާ ކުއްޖެއް ނޫންކަމުގެ އިހްސާސް އަބަދުވެސް މެއި އަށް ކުރެވެމުން ދިޔަ އެވެ.

މެއި ޔުނިވަސިޓީ ތައުލީމު ފުރިހަމައެއް ނުކުރެ އެވެ. ސްކޫލު ނިންމާފައި ހޮސްޕިޓަލެއްގައި މަސައްކަތް ކުރަން ފެށީ އެވެ. އެއީ އޭނާ އެޑޮޕްޓްކުރި މައިންބަފައިންގެ އަމިއްލަ ހޮސްޕިޓަލެކެވެ. މެއި ގަބޫލުކުރާ ގޮތުގައި ކިޔެވުމަކީ ބޭކާރު ކަމެކެވެ.

މެއިގެ އަސްލު މައިންބަފައިންގެ ވެސް އޭނާއަށް ވުރެ ދޮށީ ދައްތަ އަކާއި ހަގު ދެ ފިރިހެން ކޮއްކޮ އެބަތިއްބެވެ. ނަމަވެސް ދޮށީ ފިރިހެން ދަރިފުޅާ ނުލައި މި ދެމަފިރިންނަށް އެއްވެސް އުފަލެއް އިހްސާސް ނުވާ ކަމަށް އެމީހުން ބުންޏެވެ. ކޮންމެ އަހަރަކު އެތައް ފެސްޓިވަލެއް އައިސް ފާއިތުވެގެން ދާއިރު ދެމަފިރިން އޭގެން އެއްވެސް ފެސްޓިވަލެއްގެ އުފާ ހާސިލެއް ނުކުރެ އެވެ. ގެއްލިފައިވާ ދަރިފުޅުގެ ހަނދާނުގަ އެވެ.

މެއިގެ ދައްތަ އާއި ކޮއްކޮމެން އަދި މައިންބަފައިން ކޮންމެ އަހަރަކުވެސް މެއިގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން ގެންގޮސްފައި ވެއެވެ. މިފަދަ ކޮންމެ އުފަން ދުވަހެއްގައި އެ އާއިލާގެ އެއްވެސް މީހަކަށް މެއިގެ އުފަން ދުވަހަށް ޚާއްސަކޮށް ތައްޔާރުކުރާ ކޭކު ކާކަށް ނުކުރެ އެވެ. އޭނާގެ ނެތުމުން ލިބޭ ހިތްދަތިކަމުގެ ސަބަބުންނެވެ.

ފާއިތުވީ 24 ވަރަކަށް އަހަރު ތެރޭގައި މެއިގެ އަސްލު މައިންބަފައިން ވެސް ވަނީ މުއްސަނދި މަހުޖަނުންނަށް ވެފަ އެވެ. އެމީހުންގެ އާއިލީ ވިޔަފާރި ވަނީ ވަރަށް ފުޅާވެފަ އެވެ. ހޮޓާތަކަށް ސަޕްލައިކުރާ ކުންފުންޏެއް ވެސް އެމީހުން ހިންގަ އެވެ. އަދި ކޮންމެވެސް ދުވަހަކުން މެއި އަންނާނެކަމުގެ އުންމީދުގައި އޭނާއަށް ޚާއްސަކޮށް ގެއެއް ވެސް ބިނާކޮށްފައި ވެއެވެ.

މެއި އާ ބައްދަލުވުމުން އޭނާގެ ބައްޕަ ބުނީ އާއިލާ ވިޔަފާރީގެ ހުރިހާ ކަމެއް ދޮށީ ދަރިފުޅަށް ދަސްކޮށްދިނުމަށްފަހު އޭނާއާ ހުރިހާ ކަމެއް ހަވާލުކޮށްފައި ރިޓަޔާ ވާން ގަސްތުކުރާ ކަމަށެވެ.

މެއިގެ ބައްޕަ ބުނި ގޮތުގައި މެއި އެޑޮޕްޓްކޮށްގެން ގެންގުޅުނު ދެމަފިރިންނަކީ ކިތަންމެ މުއްސަނދި މަހުޖަނުންނަށް ވިޔަސް އޭނާގެ އަސްލު މައިންބަފައިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުން ތަފާތު ކަމަށެވެ. ޚުދް މެއި އަށް އެކަން އިހްސާސް ކުރެވިފައިވާ ކަމަށެވެ.

އެތައް ޒަމާނަކަށް ފަހު އަސްލު މައިންބަފައިންނާއި އާއިލާއާ ބައްދަލުވިޔަސް މެއި އަކަށް އެކަމެއް ކުޑަކޮށްވެސް އިހްސާސެއް ނުވެ އެވެ.

އޭނާއަކީ އެ އާއިލާގެ ހިއްސާއެއްކަން ފުރަތަމަ ބައްދަލުވުމުން ވެސް މެއި އަށް ގަބޫލު ކުރެވުނެވެ. ސަބަބަކީ މައިންބަފައިން އޭނާއަށް ދެމުންދާ ލޯބީގެ ފުރިހަމަ ކަމުންނެވެ.