ލައިފްސްޓައިލް

ހޯމްވޯކާއި ފޮތުގެ ވަހަށް އެލާޖިކް ކުއްޖެއް

ކުދިން ހޯމްވޯކް ހަދަން ފޫހިވާ ވާހަކައަކީ އާއްމުކޮށް ދެކެވޭ ވާހަކަ އެކެވެ. ވަރަށް މަދު ކުއްޖެއް ނޫނީ އޭނާއަށް ސްކޫލުން ދޭ ހޯމްވޯކްތައް ފުރިހަމަކުރާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް ހޯމްވޯކަށް އެލާޖިކް ކުއްޖެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟

މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑީއޯއެއްގައި ޗައިނާގެ 11 އަހަރުގެ ކުއްޖަކު ބުނާ ގޮތުގައި އޭނާ ހޯމްވޯކަށް އެލާޖިކެވެ.

މި ކުއްޖާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ވީޑީއޯގައި މި ކުއްޖާ ރޮމުން ރޮމުން ބުނަނީ އޭނާ ހޯމްވޯކަށް އެލާޖިކް ވީމަ ހޯމްވޯކް ނެހެދޭނެ ކަމަށެވެ.

ޗައިނީޒް ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ މި ވީޑީއޯއަކީ ކުއްޖާގެ މަންމަ ރެކޯޑްކޮށް ޝެއާ ކޮށްފައިވާ ވީޑިއޯ އެކެވެ.

ކުއްޖާ ޓިޝޫއެއް ހިފައިގެން ނޭފަތް ފޮޅާލަ ފޮޅާލަ އިންނަތަން ވެސް މި ވީޑިއޯއިން ފެނެ އެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ބަލިވެފައި އިން ހެންނެވެ. ކުއްޖާގެ މަންމަ ޔޫ އައިސް ކިހިނެއްތޯ ވީ އެހުމުން އޭނާއަށް އެލާޖިކް މައްސަލަތަކެއް ދިމާވެގެން އުޅޭކަމަށް ވީޑީއޯގައި ކުއްޖާ ބުނެ އެވެ.

ކޯޗަކަށްތޯ އޭނާ އެލާޖިކްވީ އެ ކުއްޖާގެ މަންމަ ދެން ސުވާލު ކުރެ އެވެ. ޖަވާބުގައި ކުއްޖާ ބުނަނީ އެލާޖިކްވީ ކިޔަވަން ގެންގުޅޭ ފޮތްތަކުން ދުވާ ވަހަށް ކަމަށެވެ.

އެހެންވެއްޖިއްޔާ ހޯމްވޯކް ނިންމާލެވިދާނެހޭ ކުއްޖާގެ މަންމަ ދެން އަހައެވެ. ޖަވާބުގައި ކުއްޖާ ނޭފަތް ފޮޅަފޮޅާ އިނދެ އެވެ. އަދި އޭނާގެ ލޮލުން ކަރުނަ ތިކިތައް ވެއްޓޭ ތަން ވެސް ފެނެ އެވެ.

ޑޮކްޓަރަށް ދާން ހިނގާށޭ ކުއްޖާގެ މަންމަ ދެން ކުއްޖާ ކައިރީގައި ބުނުމުން އޭނާ އެކަމާ ދެކޮޅު ހަދަ އެވެ.
ކުއްޖާގެ މަންމަ ބުނި ގޮތުގައި މިއީ އަލަށް މި ކުއްޖާ ކުރާ ކަމެއް ނޫނެވެ. ވަރަށް ކުޑައިރުއްސުރެ ހޯމްވޯކް ހަދަން ބައިންދާއިރަށް މޮޅު ވާހަކައެއް ހަދާލައިގެން އެ ކުއްޖާ ދައްކާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ވީޑީއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ މިކުއްޖާއަށް ނުކިޔެވުނަސް ބޮޑުވެގެން މޮޅު އެކްޓަރަކަށް ވެވިދާނެ ކަމަށެވެ.