ޗައިނާގެ 11 އަހަރުގެ ފިރިހެން ކުއްޖެއްގެ މި ވާހަކަ ޗައިނާ ސޯޝަލް މީޑީއާ އިން ފެނިގެން ވަރަށް ގިނަ ބަޔަކު ހައިރާންވެ އަންތަރީސް ވެފައި ވެއެވެ. ސަބަބަކީ މި ކުޑަ ކުއްޖާ ދެއްކި އާދަޔާޚިލާފު ހިތްވަރު މި ވާހަކައިން ހާމަވާތީ އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި ކުއްޖާ ފެނިފައިވަނީ އެކްސްޕްރެސް ހައިވޭއެއްގެ ބިންގަރާހެއް ތެރޭގައި އެކަނި މާއެކަނި އިންދަ އެވެ. ކުއްޖާ ފެނުނުއިރު އޭނާ އިނީ ވަރުބަލިވެގެން ގޮސް ވާނުވާ ވެސް ނޭނގޭ ހާލަތުގަ އެވެ. ކުއްޖާ ފެނުނީ އެހިސާބުން ދަތުރުކުރި މީހުންނަށެވެ. އަދި އޭގެ ތެރެއިން ބަޔަކު ކަމާ ބެހޭ އިދާރާތަކަށް މި ކުއްޖާގެ ޚަބަރު ދިނުމުން އެ އިދާރާގެ އޮފިޝަލުން ވަގުތުން ކުއްޖާގެ ހާލަތު ބަލަން އެތަނަށް ދިޔަ އެވެ.
އެގާރަ އަހަރުގެ މި ފިރިހެން ކުއްޖާ ގެއިން ނުކުތީ މަންމައާ އަރާރުން ވެފައި އައި ރުޅިން މަންމަގެ ގޯސް ވާހަކަ މާމައަށް ކިޔައިދޭށެވެ. މަންމަގެ ޝަކުވާ ކުރަން މާމަ ކައިރިއަށް ދާނަމޭ އެ ކުއްޖާ މަންމަ ކައިރީގައި ކިޔަސް އޭނާ ހަގީގަތުގައި އެކަން ކޮށްފާނެ ކަމަކަށް ކުއްޖާގެ މަންމަ ހިތަކަށް ނާރަ އެވެ. އެ މަންމަ ހީކުރީ އެއީ "ބޮޑާހާކަން" ކުއްޖާ ކިޔާ އެއްޗެއް ކަމަށެވެ.
ނަމަވެސް ކުއްޖާ މި ވާހަކަ ދެއްކީ ސީރިއަސް ކޮށެވެ. އޭނާ ވަގުތުން ބައިސްކަލަށް އަރައި މާމަ ކައިރިއަށް ދާން ދަތުރު ފެށި އެވެ. ކުއްޖާގެ މާމަ ދިރިއުޅެނީ ޒީޖިއަންގް ކައުންޓީގެ މެއިޖިއަންގް ގައެވެ. މިއީ އެ ކުއްޖާ ދިރިއުޅޭ ގެއާ 130 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.
ކުއްޖާއަށް އޭނާގެ މާމަގެއަށް ދާކަށް ނޭނގެ އެވެ. އޭނާ ދަތުރުކުރީ މަގުމަތީގައި ހުރި ސައިން ބޯޑުތައް ބަލައިގެންނެވެ. އިރުއިރުކޮޅާ މަގުއޮޅި އެތައް ފަހަރަކު ނުބައި ގޯޅި ގޯޅިން އޭނާއަށް ދަތުރު ކުރެވިފައި ވެއެވެ.
ގާތްގަނޑަކަށް 24 ގަޑިއިރެއްހާއިރު ކުއްޖާ މަގުމަތީގައި ބައިސްކަލްގައި ދަތުރުކޮށްފައި ވެއެވެ. އޭނާއަށް މަގު ނޯޅުނު ނަމަ 12 ވަރަކަށް ގަޑިއިރު ތެރޭގައި އޭނާއަށް މާމަގެޔަށް ދެވުނީހެވެ.
ނަސީބަކުން އޭނާ ގެއިން ނުކުތީ ޕާނާއި ފެނާއި ހިފައިގެންނެވެ. އެހެންވެ ރޭގަނޑު ވުމުން ތަނަކަށް މަޑުކޮށް ޕާން ކައިގެން ފެން ބޮއި ހެދި އެވެ. ނަމަވެސް މާމަގެއަށް ދާން ނޭނގި ބައިސްކަލް ދުއްވާތާ 24 ގަޑިއިރާ ކައިރިވީއިރު ކުއްޖާ ވަރުބަލިވެގެން ގޮސް އިތުރަށް ދެން ބައިސްކަލް ނުދުއްވޭ ވަރަށް ހާލަތު ގޯސްވި އެވެ. އެހެންވެ އެންމެ ކައިރީގައި އޮތް ޓަނަލްއެއްގެ ތެރޭގައި މަޑުކޮށްލައިގެން އޮތީ އެވެ. އޭރު ކުއްޖާގެ މާމަގެ އާއި އޭނާ އިން ހިސާބާ ދެމެދު އޮތީ އެންމެ ގަޑިއިރެއްގެ އިރުގެ ރާސްތާ އެވެ. ނަމަވެސް އޭނާއަށް އެ ހުރެވުނު ތަނެއް ނޭނގޭތީ އެ ގެއަށް ދާން ނޭނގުނީ އެވެ.
ކަމާބެހޭ އޮފިޝަލުން އައިސް ކުއްޖާއަށް ގޮވުމުން ވެސް އޭނާގެ ގައިގައި ތެދުވާހާ ހަކަތަވެސް ނެތެވެ. އެހެންވެ އެ ކުއްޖާ ގެންދިޔައީ އެންމެން ވެގެން އުފުލާލައިގެންނެވެ. ފަހުން ކުއްޖާގެ މައިންބަފައިންނާއި މާމަ އައިސް ކުއްޖާއާ ހަވާލުވެފައިވެ އެވެ.
މި ހަބަރަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ މަންމަގެ ޝަކުވާ ކޮށްގެން މާމަ މިފަހަރު އެއްޗެތި ކިޔާނީ މަންމައަށް ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ކުއްޖާއަށް އެކަށީގެންވާ ރަނގަޅު ފިލާވަޅެއް މާމަ ދޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.