ދުނިޔެ

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް

ޗައިނާ - ކްރިގިސްތާން ސަރަހައްދީ ބޯޑަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޗައިނާގެ އާތުކްއޭކް އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުން ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް އެވެ.

މި ބިންހެލުމުގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެމެޖެންސީ މެނޭޖްމަންޓުން ބުންޏެވެ. އަދި ބައެއް ގެދޮރު ބިމުން އުފުރި ބިމާހަމަވެފައިވާ ކަމަށް ބުންޏެވެ.

ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުން ބިންހެލުން އެރި ހިސާބުގެ ގޮތުން މާބޮޑު ގެއްލުމެއް ނުވި ނަމަވެސް ބޮޑު ގެއްލުމަކަށްވެސް އިދާރާތައް ތިބީ ތައްޔާރަށެވެ.

ސަލާމަތަށްޓަކައި ސަރަހައްދީ ރޭލު ދަތުރުތައް ހުއްޓުވައި އެމެެޖެންސީ އިއުލާންކޮށް އާންމުން ސަމާލުކުރުވި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ޗައިނާގެ އާތުކްއޭކް ނެޓްވޯކް ސެންޓަރުން ބުނީ ބިންހެލުމުގެ ބާރު ކެނޑެމުން ދިޔައިރު އިތުރު 40 ބިންހެލުން -- އެކި ބާރުމިނުގައި އިހުސާސް ކުރެވުނު ކަމަށެވެ.

މި ބިންހެލުމުގެ ބާރުމިން އެކި އަވަށަށް އެކި ވަރަށް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޗައިނާ މީހުން ވަނީ އެ މީހުންގެ އިހުސާސްތައް ހިއްސާކޮށްފަ އެވެ.

ޗައިނާގެ އިދާރާތަކުން ބުނާ ގޮތުން ބިންހެލުމުގައި ގެއްލުން ކުޑަކުރެވުނީ މިފަދަ ހާދިސާތަކަށް އާންމުން ހޭލުންތެރިވެފައިވާތީ އެވެ.

އެމެޖެންސީ އިއުލާންކުރުމާ އެކު ދެން ކަންކުރަން ޖެހޭ ގޮތަށް އާންމުން އެއްބާރުލުން ދީފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ކްރިގިސްތާނަށް މި ބިންހެލުން ރެކޯޑްކުރެވުނީ 6.7 މެގްނިޓިއުޑްގައި ކަމަށް އެމެޖެންސީ މިނިސްޓްރީން ބުންޏެވެ. ބިންހެލުން ތަޖުރިބާކުރި އާންމުންގެ މީހަކު ބުނީ ގެ ބޮލަށް ވެއްޓިދާނެ ކަމަށް ބޭރަށް ނުކުންނަން ޖެހުނު ކަމަށެވެ.

ކްރިގިސްތާން ސަރަހައްދަށް މިއީ ވަރަށް ފިނި ގަދަ މޫސުމެއް ނަމަވެސް ގޭގެ މާހައުލު ދޫކޮށްލާފައި ބޭރަށް ނުކުތީ ކަމަށް އާންމުން ބުންޏެވެ.

އެކަމަކު ކްރިގިސްތާންގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އިމާރާތެއް ވެއްޓި އުމްރާނީ ތަރައްގީއަށްވެސް ގެއްލުމެއް ނުލިބޭ ކަމަށް އިދާރާތަކުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ ބޯޑަރު ސަރަހައްދަށް މިއީ ބިންހެލުން ތަންކޮޅެއް ގިނަ މޫސުމެކެވެ. އާންމުންނަށް އިހުސާސްނުވާ ވަރުގެ ބިންހެލުންތައް މިދާކަށް ދުވަހު ހަމަ މި ސަރައްދަށް އައި ކަމަށްވެސް އިދާރާތަކުން ބުންޏެވެ.