ދުނިޔެ

ޗައިނާއިން އަފްޣާނަށް 7.5 މިލިއަން ޑޮލަރުގެ އެހީ

އަފްޣާނިސްތާނަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު -- ޖޫން 22ގައި އައި ބާރުގަދަ ބިންހެލުމުގައި 1،193 މީހުން މަރުވެ 2،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް އަފްޣާނިސްތާނުން ދުނިޔެއަށް ވަނީ ގޮވާލާފަ އެވެ.

ތުރުކްމެނިސްތާން ފަދަ ގައުމުތަކުން އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭނެކަން އިއުލާން ކޮށްފައި ވަނިކޮށް އަފްޣާނަށް އެހީވުމަށް މުށްހުޅުވާލާނެ ކަމަށް ޗައިނާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން އަފްގާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 7.5 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅުމަށް ރައީސް ޝީ ޖިންޕިން ވަނީ އަންގަވާފަ އެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ވަގުތީ ހައްލެއް ގޮތުގައި ކަނޑައެޅި ބަޖެޓުން، ޗައިނާ ފޮރިން މިނިސްޓްރީން ބުނާ ގޮތުން އަފްޣާނަށް ފޮނުވަން ހަމަޖެހިފައި ވަނީ އެނދާއި، ޓެންޓާއި، ތުވާއްޔާއި އަދި މިފަދައިން އާންމުކޮށް ބޭނުންކުރެވޭ ތަކެއްޗެވެ.

އަފްޣާނަށް އައި ބިންހެލުމުގެ ބާރުމިނަކީ 6.1 އެވެ. މި ބިންހެލުމުގެ އަސަރު ޕާކިސްތާނަށް ވެސް ފޯރި ކަމަށް ޚަބަރުތައް ބުނެ އެވެ.

ބިންހެލުމުން ލިބުނު ގެއްލުންތަކުގެ ސަބަބުން އަފްޣާން އިރުދެކުނުގެ ދެތިން އަވަށެއް މުޅިން ސުންނާފަތި ވެފައިވާ ކަމަށްވެސް ރޮއިޓާސް ވަނީ ބުނެފަ އެވެ.