ދުނިޔެ

ޕާކިސްތާނަކީ ގާތް އަވައްޓެރިއެއް: ޗައިނާ

ޕާކިސްތާނަކީ އަވައްޓެރިންގެ ތެރެއިން ވެސް ގާތް އެކުވެރިއެއް ކަމަށް ޗައިނާ ބުނެފި އެވެ. ޗައިނާ ސަރުކާރުން ޕާކިސްތާނަށް އަހަންމިއްޔަތުކަން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު މިވަގުތު އުޅުއްވަނީ ޗައިނާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގަ އެވެ. ބީޖިންގައި އޮންނަ ވިންޓާ އޮލިމްޕިސްއާ ދިމާކޮށް އިމްރާން ކުރައްވާ ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ޗައިނާއިން ލޯން ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ދައުލަތުގެ ނޫސް އޭޖެންސީ، ޝިންވާ ބުނާ ގޮތުން ޕާކިސްތާންގައި ދިއިރުޅޭ ޗައިނާ ރައްޔިތުން ރައްކާތެރި ކުރުމާއި ޗައިނާ ސަރުކާރުން ޕާކިސްތާންގައި ހިންގާ ޕްރޮޖެޓްތަކުގެ ހިމާތުގައި ޗައިނާ ސަރުކާރު އޮންނާނެ އެވެ. އަދި ޕާކިސްތާންގައި އެކި ދާއިރާތަކުން އިންވެސްޓް ކުރާނެ އެވެ.

ޕާކިސްތާންގައި އިންވެސްޓްކުރަން ވިޔަފާރިވެރިންނަށް ޗައިނާ ސަރުކާރުން ބާރުއަޅާނެ ކަމަށް ވެސް ޝިންވާ ނޫސް އޭޖެންސި ބުންޏެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުން ޗައިނާއާއެކު އޮންނަނީ މޫސުން ބަދަލުވާހެން ބަދަލުވާ ގުޅުމެއް ނޫނެވެ. އެއީ މޫސުމަށް ބެލުމެއް ނެތި އޮތް ގާތްކަމެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޕާކިސްތާންގެ ޚާރިޖީ ސިޔާސަތުގައި ޗައިނާއަށް އިސްކަން ދިފައި އޮންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ޗައިނާ އާއި ޕާކިސްތާން ވެފައި އޮން އެއްބަސްވުންތަކުގައި، ގައުމީ މަސްލަހަތު ނުގެއްލޭ ކޮންމެ ކަމެއްގައި ޗައިނާ އިސްކުރުން ހިމެނޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ހާން ވިދާޅުވި ގޮތުން ޕާކިސްތާންގެ ސިޔާސަތަކީ ވިޔަފާރީގައި ޗައިނާ އިސްކުރުމެވެ. އަދި އަސްކަރީ ގޮތުންނާއި ޖައްވާއި ޓެކްނޮލީ ގޮތުން ވެސް ޗައިނާއިން ފަސޭހަތައް ޕާކިސްތާނަށް އެތެރެކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ހާން ދަތުރު ނިންމާލެއްވުމުގެ ކުރިން ޗައިނާ ސަރުކާރުގެ އެކި ފަންތީގެ ވެރިންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ޗައިނާއިން ލޯނު ނެގުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.