ދުނިޔެ

ޝީ ޖިންޕިން ޖީ20 އަށް އިންޑިއާއަށް ވަޑައިނުގަންނަވާނެ، ބަދަލުގައި ބޮޑުވަޒީރު

އިންޑިއާގެ ވެރިރަށް ނިއުދިއްލިގައި މިމަހު 9-10 އަށް އޮންނަ ޖީ20 ސަމިޓްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައިވެރިވެ ވަޑައިނުގަންނަވާނެކަން މިހާރު އޮތީ ކަށަވަރުވެފަ އެވެ. އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވި ގޮތުން ޖީ20 ސަމިޓަށް އިންޑިއާއަށް ވަޑައިގަންނަވާނީ އެ ގައުމުގެ ބޮޑުވަޒީރު ލީ ޗިއަންގް އެވެ.

ޝީ ޖިންޕިންގް ޖީ20 ގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ވަޑައިނުގަންނަވާ ސަބެއް، އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި މިއީ ޗައިނާގެ ރައީސްގެ ބައިވެރިވެ ވަޑައިގަތުމެއް ކޮންމެހެން އޮންނަން ޖެހޭ ބައްދަލުވުކަމަށް ނުވާތީ ޝީ ވަޑައި ނުގަންނަވަނީ އެވެ.

ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑް ރޯގާއަށް ފަހު ޝީ ޖިންޕިންގް ގައުމުން ބޭރަށް ކުރައްވާ ދަތުރުތައް ވަރަށް ބޮޑަށް އޮތީ މަދުކުރައްވާފަ އެވެ. ރައީސްގެ ހައިސިއްޔަތުން އަދި ޗައިނާއަށް ވަރަށް މުހިންމު ބައްދަލުވުމަކަށް ނުވާ ނަމަ -- އެ ބައްދަލުވުމަކަށް ޝީ ވަޑައި ނުގަންނަވަ އެވެ.

ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ފަރާތުން ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ތާޒާކޮށްލައްވާނެ އެވެ.

މީގެ އިތުރުން ވެސް ގާތް އެކުވެެރި ގައުމުތަކުގެ ވެރިންނާ އެކު ލަވްރޯފް ބައްދަލުވުންތައް ބާއްވަވާނެ އެވެ. އަދި ރަޝިއާއާ އެކު އިގުތިސާދީ، އަސްކަރީ އަދި ސަލާމަތީ މަޝްވަރާތައް ބާއްވަވާނެ އެވެ.

ނަމަވެސް، ޖީ20 ސަމިޓްގައި ރަޝިއާ ކުށްވެރިކޮށް ފާސްކުރާ އެއްވެސް ގަރާރެއް އެ ގައުމުން ބަލައިނުގަންނާނެ އެވެ. އަދި ރަޝިއާއަށް ފުރުސަތު ބަންދުވާ ގޮތަށް ހުރި އެއްވެސް މުއާހަދާއެއް ވެސް ބަލައިނުގަންނާނެ އެވެ.

އިންޑިއާ އަކީ ޖީ20 ގެ މި ދައުރުގެ ރިޔާސަތެވެ. މި ދައުރުގައި އިންޑިއާ ފެންނަނީ ވަރަށް މުރާލި ގައުމެއްގެ ގޮތުގަ އެވެ.

ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތަކާ އެކު 200 އަށް ވުރެ ގިނަ ގުރޫޕް ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ. އިންޑިއާ ޖީ20 ގެ ރިޔާސަތާ ހަވާލުވީ ޑިސެމްބަރު 1، 2022 ގައެވެ.

މި މަހު ނުވައެއް އަދި 10 ގައި އޮނަން ޖީ20 ބައްދަލުވުމަށް ފަހު، ޖީ20ގެ ރިޔާސަތާ ބްރެޒިލް ހަވާލުވާނެ އެވެ.