ދުނިޔެ

އިންޑިއާ، ޗައިނާ ބޯޑަރު މައްސަލަ ބްރިކްސްގެ ހަވާސާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޗިންޕިންގް -- ދެކުނު އެފްރިކާގެ ޖޮހްނަސްބާގްގައި އިއްޔެ ނިމުނު ބްރިކްސް ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވައިފި އެވެ.

ޝީ އާއި މޯޑީ ބައްދަލުކުރެއްވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ޒަމާންވީ ބޯޑަރު މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ނިޔަތު ގައެވެ.

އިންޑިއާ އާއި ޗައިނާ ހިއްސާކުރާ 3،000 ކިލޯމީޓަރުގެ ހިމާލަޔާ ބޯޑަރަކީ ދޭތެރެ ދޭތެރެއިން އުދާސްވެ ހުޅުހިފާ ސަރަހައްދެކެވެ.

މި ދެގައުމުގެ ދެމެދުގައި -- ބޯޑަރު ސަރަހައްދުގައި، 2020 ގައި އުފެދުނު ހަމަނުޖެހުންތަކުގައި ދެ ގައުމުންވެސް އެތައް ހާސް ސިފައިނެއް ވަނީ އެ ސަރަހައްދަށް ޖަމާކޮށްފަ އެވެ.

ސިފައިންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުން ހަމަލާދީ ގަޔަށް އަތްލާ ވަރު ވަނީ ވެފަ އެވެ. މިފަދައިން ހިނގައިދާ ހަމަނުޖެހުންތަކުގައި ގިނަ ފަހަރު ސިފައިންގެ ތެރެއިން ވެސް އެތައް ބަޔަކު މަރުވެދެ އެވެ. 2020 ގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް 24 އޮފިސަރުން ވަނީ މަރުވެފަ އެވެ.

އިންޑިއާ، ޗައިނާ ބޯޑަރު މައްސަލަ ކޮޅެއްގައި ޖެއްސުމަށް މިހާތަނަށް، ސީނިއާ އޮފިސަރުންގެ ފެންވަރުގައި 19 އަށް ވުރެ ގިނަ މަޝްވަރާ ބައްދަލުވުން ވަނީ ބާއްވާފަ އެވެ. ނަމަވެސް، އަދިވެސް މައްސަލަ އޮތީ ކޮޅެއްގައި ޖެހޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ ކްވާތްރާ ހަބަރަށް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު މޯދީ އާއި ޝީ ޖިންޕިން ވަނީ އަލުން މަޝްވަރާތައް ފެށުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ކޮންމެ ގައުމަކުން ވެސް، މި މައްސަލާއާ ގުޅުން ހުރި އޮފިޝަލުންގެ ޓީމެއް އެކުލަވާލުމަށް ވަނީ އެއްބަސްވެފަ އެވެ.

މޯދީ ވިދާޅުވި ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވީ އިންޑިއާ އަށާއި ޗައިނާއަށް ގާތް ގުޅުމެއް ނުބޭއްވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ވެސް ބޯޑަރު މައްސަލަ ކަމަށެވެ.

ދުނިޔޭގައި އިގުތިސާދީ ގޮތުން އަދި ރައްކާތެރިކަމުގެ ގޮތުން އިންޑިއާ އާއި ޗައިނާ އެއްގަލަކަށް އަރައި އެކައްޗެއް ކިޔާއިރު -- އިންޑިއާ އާއި ޗައިނާ އަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

ބްރިކްސް ސަމިޓް ފަދައިން މި ދެ ލީޑަރުންނަށް ލިބިވަޑައިގަންނަވާ ފުރުސަތުތަކުގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަ އެވެ. މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް ޖީ-20 ސަމިޓްގައިވެސް މި ދެ ލީޑަރުން ވަނީ ބައްދަލުކުރައްވައި ސައްލާކުރައްވާފަ އެވެ.