ދުނިޔެ

ބްރިކްސް ފުޅާކުރަން ހުރަހެއް ނެތް: ދެކުނު އެފްރިކާގެ ރައީސް

ބްރިކްސްގެ ގާބަރިތައް ފުށުންޖަހައި އެކަތި އަނެކައްޗާ ލާމެހެން މިއަށް ވުރެ ވަކިން މުނާސަބު ވަގުތެއް ނެތް ކަމަށް ދެކުނު އެފްރިކާގެ ރައީ ސީރިލް ރާމަވޯސާ ވިދާޅުވެއްޖެ އެވެ.

ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި، އޯގަސްޓް 22 އިން 24 އަށް އޮންނަ ބްރިކްސް ސަމިޓްގެ 15 ވަނަ އަހަރީ ބައްދަލުވުމުގައި ރާމަފޯސާ ވިދާޅުވީ އިގުތިސާދީ ވިޔުގައެއް ގޮތުގައި މެމްބަރު ގައުމުތަކުން ދުނިޔެއަށް ފެތުރިގަންނަ ވަގުތު ޖެހިއްޖެ ކަމަށެވެ.

ބްރިކްސްއަށް ހާއްސަ މާލީ އިދާރާތަކާއި މަރުކަޒީ ބޭންކްތައް އުފައްދަން ޖެހޭ ކަމަށާއި ގައުމީ ފައިސާއިން މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ބްރިކްސްގެ ވައުދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބްރިކްސް ފުޅާކުރުމާ ބެހޭ ގޮތުން ރާމަފޯސާ ވިދާޅުވީ އާޖެންޓިނާ އާއި މިސްރު، އީރާން، އިތިއޮޕިއާ، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް މެމްބަރުކަން ދިނުމަށް ފަންނީ ބައްދަލުވުންތަކުން ނިންމާފައިވާ ކަމަށާއި އެ ގައުމުތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

މި އަހަރުގެ ސަމިޓް ބާއްވާ ގައުމުގެ ރައީސްގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވަނީ ދެކުނު އެފްރިކާގެ ރައީސް ރާމަފޯސާ އެވެ. އެނާ ވިދާޅުވީ ޖެނުއަރީ 1، 2024 ގައި މިގައުމުތަކަށް ބްރިކްސްގެ ފުރިހަމަ މެމްބަރުކަން ލިބޭނެ ކަމަށެވެ.

ބްރިކްސް ފުޅާކުރަމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަން އޭނާ ވަނީ ފާޅުކުރައްވާފަ އެވެ. ޝީ އަދި ވިދާޅުވީ ހުޅަނގުން ފައްކާކުރާ "ޖީ ސެވަން" އަށް ވުރެ ބްރިކްސް މުރާލިވެފައި ހަކަރާތްތެރިވާން ޖެހޭ ކަމަށެވެ.

ބްރިކްސްގެ މި އަހަރުގެ ސަމިޓްގައި ބްރެޒިލްގެ ރައީސް ލޫލާ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ބައިވެެރިވެ ވަޑައިގަންނަވަ އެވެ.

ރަޝިއާގެ ފަރާތުން ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އެވެ.

ޔުކްރޭން ހަނގުރާމައާ ހެދި ދެކުނު އެފްރިކާއަށް ވަޑައިގަތުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށް އޮތީ އުޒުރަކަށް ވެފަ އެވެ. އެއީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރަކާ ގުޅިގެންނެވެ.