ދުނިޔެ

ބްރިކްސް ސަމިޓް އޮންނަ ގައުމު ބަދަލެއް ނުކުރަން: ރަޝިއާ

ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި މިއަހަރުގެ އޯގަސްޓްގައި އޮންނަ ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެ ގައުމަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރުމުގެ އިޚްތިޔާރު -- ލިޔެކިޔުންތައް ބުނާ ގޮތުން އެ ގައުމަށް އޮންނާނެ އެވެ.

ސަބަބަކީ ދެކުނު އެފްރިކާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރަކަށް ވުމެވެ.

ދެނުކު އެފްރީކާގެ ޚާރިޖީ ވަޒީރު ނޯލެދީ ޕަންދޯރާ ދެއްކެވި ވާހަކަތަކެއް އޮޅުވާލައި ހުޅަނގަށް ފޫގަޅާފައި ތިބި ނޫސްތަކުން ވަނީ ދެކުނު އެފްރިކާއަށް ޕޫޓިން ވަޑައިގެންފިނަމަ ހައްޔަކުރާނެ ކަމަށް ބުނެފަ އެވެ. އަދި މިކަމަށް ބިރުން ބްރިކްސް ސަމިޓް އޮންނަ ގައުމު ބަދަލުކުރަން މޮސްކޯއިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ރޮއިޓާސް ބުނާ ގޮތުން ބްރިކްސް ސަމިޓް ޗައިނާއަށް ބަދަލުކުރަން މޮސްކޯއިން ދަނީ ބާރުއަޅަމުންނެވެ. އެހެން ނަމަވެސް، ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރުގޭ ރިޔާބްކޯފް ވިދާޅުވީ ދެކުނު އެފްރިކާ ނޫން ގައުމެއްގައި ބްރިކްސް ސަމިޓް ބޭއްވުމަށް ރަޝިއާ ބާރުއަޅާ ކަމަށް ބުނެ ހުޅަނގުން ދައްކަނީ ބޯގޯސް ވާހަކަތަކެއް ކަމަށެވެ.

ޗައިނާ އިސްވެ އުފައްދާފައި އޮތް ބްރިކްސް ގުރޫޕްގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ. "ބްރިކްސް" އަކީ މި ގައުމުތަކުގެ ނަން ކުރުކޮށްލައިގެން އުފައްދާފައި އޮތް ނަމެކެވެ.

ދެކުނު އެފްރިކާގެ ވެރިރަށް ކޭޕް ޓައުންގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސަރުގޭ ރިޔާބްކޯފް ވިދާޅުވި ގޮތުގައި އޯގަސްޓް ފަހުކޮޅުގައި އޮންނަ ބްރިކްސް ސަމިޓް ބާއްވާ ގައުމަކާ މެދު -- އެ އިއްތިހާދަށް ނިސްބަތްވާ ގައުމުތަކުގެ މެދުގައި ޚިލާފެއް ނެތެވެ.

ހުޅަނގުން އެ ދައްކަނީ މައުލޫމާތު ކޮށިއަރުވަން ދައްކާ ވާހަކަތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އަދި ވިދާޅުވީ ދެކުނު އެފްރިކާގެ ޖޮހަނަސްބާގް ނޫން ތަނެއްގައި ބްރިކްސް ސަމިޓް ނޯންނާނެ ކަމަށެވެ. ދުޝްމަނުންގެ ރޭވުމަކީ ބްރިކްސް ސަމިޓްގެ އެޖެންޑާގައި ހުރި ވާހަކަތައް ހަލާކުކޮށްލައި ފިތުނަ އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިކްސް ސަމިޓްގައި ރަޝިއާގެ ފަރާތުން ބައިވެރިވާނެ އޮފިޝަލަކު އަދި އާންމެއް ނުކުރެވެ. އެހެންނަމަވެސް މިފަދަ ސަމިޓްތަކުގެ އާންމު އުސޫލަކީ އެ ގައުމެއްގެ އެންމެ އިސްވެރިޔަކު ބައިވެރިވެ ވަޑައިގަތުމެވެ.