ދުނިޔެ

ލަންކާ ބްރިކްސްގައި ބައިވެރިވާނެ، އިންޑިއާގެ ތާއީދު ބޭނުން: އަލީ ސަބްރީ

އިގުތިސާދީ އެއްބާރުލުމުގެ ޖަމިއްޔާއެއް ކަމަށްވާ ބްރިކްސްގައި ބައިވެރިވުމާ މެދު ބަހުސްކުރެވެމުން އަންނަ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.

ސަބްރީ ވިދާޅުވީ ބްރިކްސްގައި ބައިވެރިވުމަކީ ބޮޑު ޝައުގެއް ކަމަށާއި މިކަމާ މެދު އިންޑިއާ ދެކޭ ގޮތް އެ ގައުމަށް ވަރަށް މުހިންމު ކަމަށެވެ.

ބްރިކްސްގައި ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށްވެސް ލަންކާގެ ވަޒީރު ވިދާޅުވި އެވެ. މި ކޮމިޓީން އިންޑިއާގެ ތާއީދު ހޯއްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މެންބަރު ގައުމުތަކުގެ މެދުގއި އިގުތިސާދީ އެއްބާރުލުމަށްޓަކައި ބްރިކްސް ތައާރަފުކުރީ 2009 ވަނަ އަހަރު އެވެ. ބްރިކްސް އުފެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ.

ބްރިކްސް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ޖެނުއަރީ 1، 2024 ގައި މިސްރާއި، އިތިއޯޕިއާ، އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ވަނީ މި ޖަމާއަތުގައި ބައިވެރިވެފަ އެވެ.

ސައޫދީ އަރަބިއްޔާ އަކީ ވެސް މިހާރު ބްރިކްސްގެ މެމްބަރެކެވެ. ބްރިކްސްގެ އިސް މެމްބަރެއްގެ ގޮތުގައި އިންޑިއާ އޮތުމަކީ ފަޚުރެއް ކަމަށް އަލީ ސަބްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިކްސްއަށް ލަންކާ ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ ވެސް އެ ޖަމާއަތުގައި އިންޑިއާގެ ބައިވެރިވުން އޮތުން ކަމަށެވެ.

ސަބްރީ ވިދާޅުވީ ލަންކާ ބްރިކްސްގައި ބައިވެރިވުމަށް ސަރުކާރުން -- ކެބިނެޓުން ނިންމާ ނިންމުންތައް ވަރަށް މުހިއްމު ކަމަށެވެ. ވަޒީރުންގެ މަޖިލީހުން ހަދާ ގަވާއިދެއްގެ ދަށުން މި މަސައްކަތަކުގައި އަމަލީ ސިފަ ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާގައި އޮންނަ ބްރިކްސްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް އޭނާއަށް ދައުވަތު ލިބިވަޑައިގެންފައި އޮތް ކަމަށްވެސް ސަބްރީ ވިދާޅުވި އެވެ.