ދުނިޔެ

ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރު ބޭނުންކުރުން މަދުކުރަންޖެހޭ: ޕޫޓިން

ބްރިކްސް މެމްބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރަށް ބަރޯސާކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި، ބްރިކްސްގެ އަމާޒަށް ދަތުރުކުރުމަށް -- އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލައި -- މެމްބަރު ގައުމުތަކުން ގައުމީ ފައިސާއަށް އިތުބާރުކުރުން ހަރުދަނާކުރަން ޖެހެ އެވެ.

ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި އިއްޔެ ފެށި ބްރިކްސްގެ 15 ވަނަ އަހަރީ ސަމިޓްގައި، ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ އެމެެރިކާ ޑޮލަރު ދޫކޮށްލުމަކީ ދާއިމީ ކަމެއް ކަމަށް ހަދަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ މާލީ ނިޒާމަށް ލޮޅުންއަރުވާލުމުގެ ބާރު ހުޅަނގުގެ ކިބައިން ނިގުޅައިގަންނަން ޖެހޭ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގެ އިގުތިސާދީ ދުވެލި ހުއްޓުވާލުމުގެ ބާރު ހުޅަނގަށް އޮވެގެން ނުވާނެ ކަމަށް ޕޫޓިން ގަބޫލުކުރައްވަ އެވެ.

ބްރިކްސްގެ މިއަހަރުގެ ސަމިޓަށް ޕޫޓިންއަށް ވަޑައިގަނެވޭ ގޮތް ވަނީ ނުވެފަ އެވެ. އެއީ އޭނާ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރަކާ ގުޅިގެންނެވެ.

މި އަހަރު ބްރިކްސް ސަމިޓް އޮންނަ ދެކުނު އެފްރިކާ އަކީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގެ މެމްބަރެކެވެ. މިހެންކަމުން ޕޫޓިން އެ ގައުމަށް ވަޑައިގެންފިނަމަ ހަމަނުޖެހުންތަކެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރިކްސް އުފެއްދި ވެރިންގެ ތެރެއިން މި ފަހަރުގެ ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެކުނު އެފްރިކާގެ ރައީސް ސީރީލް ރާމަފޯސާ އަދި ބްރެޒިލްގެ ރައިސް ލޫލާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބްރިކްސް އަކީ އަރައިގެން އަންނަ އިގުތިސާދީ ޖަމާއަތެކެވެ. މި ޖަމާއަތަށް ހާއްސަ މަރުކަޒީ ބޭންކްތަކާއި މާލީ ނިޒާމުތައް އުފެއްދުމަށް ކުރަންޖެހޭ ވަަރަށް ގިނަ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ. މެމްބަރު ގައުމުތަކަށް ލޯނު ދިނުމާއި އަދި ލޯނު ދައްކާނެ ގޮތް ފަހިކޮށްދިނުމަކީ ވެސް މި ޖަމާއަތުން ކުރާ މަސައްކަތެކެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ބްރިކްސް އަކީ "ޖީ ސެވަން" އަށް ވުރެެ ބޭނުންތެރި ޖަމާއަތެއް ކަމަށެވެ. މެމްބަރު ގައުމުތަކުން އަހަރެއްގެ މައްޗަށް ކުރާ މާލީ މުއާމަލާތްތައް، ޖީ ސެވަންގެ ގައުމުތަކަށް ވުރެ އިތުރު ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.