ދުނިޔެ

ބްރެޒިލްގެ ރައީސް ބްރިކްސް ސަމިޓަށް ރަޝިއާއަށް ވަޑައިނުގަންނަވާނެ

ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ ރަޝިއާގައި އޮންނަ ބްރިކްސްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާނެ އެވެ.

ލޫލާގެ އޮފީހުން ބުނާ ގޮން މިކަން މިހާރު ވާނީ ބްރިކްސް ސަމިޓް އޮގަނައިޒްކުރާ އިދާރާއަށް އަންގާފަ އެވެ.

ބްރެޒިލް އަކީ ބްރިކްސްގެ ފައުންޑާ މެމްބަރު ގައުމެކެވެ. އަނެއްކޮޅުން ލޫލާ އަކީ ބްރިކްސް ތަރައްގީކުރުމަށް ވަރަށް ހިތްވަރުދެއްވާ ލީޑަރެކެވެ. މިހެން ކަން އޮތުމުން ބްރިކްސްގެ އަހަރީ ސަމިޓްގައި ބްރެޒިލްގެ ރަައީސަށް ބައިވެރިވެވަޑައި ނުގަނެވުމަކީ ސަމިޓަށް ނިކަމެތިކަން ލިބޭނެ ކަމެކެވެ.

ލޫލާ، 78، އަށް ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިނުގަނެވޭ ސަބަބެއް ކަމަށް އޭނާގެ އޮފީހުން ބުނެފައި ވަނީ އޭނާގެ ތަބީއަތު މި ވަގުތު ހުރި ގޮތުން ދަތުރުކުރުން މަނާވެފައި އޮތުމެވެ.

ބްރެޒިލްގެ ރައީސްގެ ބޮލަށް މިދާކަށް ދުވަހު ލިބުނު ގެއްލުމަކާ ގުޅިގެން ހެލިފެލިވެ އުޅުއްވުން ލޫލާއަށް އޮތީ މަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރައީސްގެ އަމިއްލަ ގަނޑުވަރުގައި އުޅުއްވަނިކޮށް ހިނގާދިޔަ ހާދިސާއެއްގައި ބޮލަށް ލިބިވަޑައިގެންނެވި ގެއްލުމެއްގެ ސަބަބުން ހޮސްޕިޓަލުގައި އެމެޖެންސީ ފަރުވާ ވެސް ވަނީ ދެއްވާފަ އެވެ.

ރަޝިއާގެ ފަސްވަނައަށް އެންމެ ބޮޑު ސިޓީ، ކަޒާންގައި އޮކްޓޯބަރު 22-24 އަށް އޮންނަ ބްރިކްސްގެ އަހަރީ ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިގުތިސާދީ ގޮތުން މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުން އުފެއްދުމަށް ބްރިކްސް ޖަމާއަތް އުފެއްދީ 2006 ގައި، ރަޝިއާ، ޗައިނާ، އިންޑިއާ، ބްރެޒިލް އަދި ސައުތު އެފްރިކާ ގުޅިގެންނެވެ.

ބްރިކްސް އަކީ ސީދާ ހުޅަނގަށް ގޮންޖެހުމަށް އަދި ވިޔަފާރީގެ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ނަގާކިޔާ ޔޫރަޕްގެ ގައުމުތަކުގެ ވިސްނުން ފައްތަރުވާ ގޮތަށް ދާދި އެއް ލަނޑުދަނޑިއެއް ހާސިލުކުރުމަށް އުފެއްދި ޖަމާއަތެކެވެ.

ބްރިކްސް ޖަމާއަގުގެ މައިގަޑު ވިސްނުންތަކުގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ބާރުކަނޑުވާލުން ހިމެނެ އެވެ. މުޅި ދުނިޔެ އެމެރިކާ ޑޮލަރަށް ބަރޯސާކުރަން މަޖުބޫރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަކީ މި އަހަރުގެ އަހަރީ ބައްދަލުވުމުގައި ވަޝްވަރާކުރާނެ މައުލޫއެކެވެ.