އިންޑިއާ އާއި ޗައިނާއާ ދެމެދު މެދުކަނޑާލާފައި އޮތް ދަތުރުތައް ފަސް އަހަރަށް ފަހު އަލުން ފަށަނީ އެވެ. މި ދެ ގައުމުގެ ދެމެދުގައި ކުރިން ކުރި ދަތުރުތައް ހުއްޓާލީ ކޮވިޑާ ގުޅިގެންނެވެ. ނަމަވެސް، ދަތުރުތައް ނުފެށި ލަސްވެފައި ވަނީ ސިޔާސީ ބައެއް ސަބަބުތަކާ ވެސް ހެދި އެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުތަކުގެ ޑިމާންޑް އަބަދުވެސް ބޮޑެވެ. ދަތުރުތައް މެދުކަނޑާލިއިރު މަހަކު 500 އެއްހާ ދަތުރު ކުރެވިފައިވާ ކަމަށް ރިކޯޑުތަކުން ދައްކަ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު ބޯޑަރުގެ މައްސަލާގައި އުފެދިފައި އޮތް ޚިލާފުތައް ކޮޅެއްގައި ޖައްސައި މިހާރު ވަނީ ގުޅުން ބަދަހިކުރުމަށް މިސްރާބުޖަހާފަ އެވެ.
މިއީ އަވައްޓެރި ބޮޑު ދެބާރު ރައްޓެހިވުމަށް މި ދެ ގައުމުގެ ވެރިން ނިންމެވި ސިޔާސީ ނިންމުތަކުގެ ނަތީޖާ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާރިޖީ ސިޔާސަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން އިންޑިއާގެ ހައިސިއްޔަތު ދުނިޔޭގައި ދަނީ އުފުލެމުންނެވެ.
އަދި އަވައްޓެރި ބޮޑު ބާރެއްގެ ގޮތުގައި ދެމިއޮތުމަށް އިންޑިއާ ކުރާ އުންމީދަށް މިހާރު ވަނީ މަގު ތަނަވަވަސްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާ އާއި ޗައިނާ އެއްގަލަކަށް އަރައި ތަރައްގީއަށް މަސައްކަތް ފަށައިފި ނަމަ، ޔޫރަޕާއި އެމެރިކާ ބިރުގަންނަ ވަރުގެ ސަރަހައްދަކަށް ދެކުނު އިރުމަތީ އޭޝިއާ ވާނެ އެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ރިޔާސަތުން މިދާކަށް ދުވަހު ވިކްރަމް ވިސްރީ ކުރެއްވި ދަތުރަކީ ވެސް، އިންޑިއާގެ އެކުވެރިކަން ހުޅުވާލާފައި އޮތް ކަމުގެ މިސާލެކެވެ.
ޚާރިޖީ ސެކްރެޓަރީ ވިކްރަމްގެ ޗައިނާ ދަތުރުގެ ސަބަބުން އެކުވެރިކަމުގެ އާ ބާބުތަކެއް ހުޅުވޭނެ ކަމަށް މުރާސިލުން ބުނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޗައިނާ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް އަޅުން ފެށުމަށް ޓެކްނިކަލް ޓީމްތައް ބައްދަލުކުރަން ފަށާނެ އެވެ. އަދި ދެ ގައުމުގެ ސިޔާސަތާ އެއްގޮތަށް އެއްބަސްވުންތަކަށް އަމަލުކުރަން ފަށާނެ އެވެ.