ދުނިޔެ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޖީ20 ސަމިޓަށް އިންޑިއާއަށް ވަޑައިގަތުން ދުރު

ޗައިނާގެ ރައީސް ޝީ ޖިންޕިން، ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ރޮއިޓާސް ބުނެފި އެވެ.

ރޮއިޓާސް ބުނާ ގޮތުން މިކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައި ހުރި މީހުން ބޮޑަށް ބުރަވަނީ ޝީ ޖިންޕިން އިންޑިއާއަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

ޖީ20 ސަމިޓް އޮންނާނީ އަންނަ މަހު 9 ން 10 އަށް އިންޑިއާގެ ނިއުދިއްލީގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގައި އިންޑިއާ ތަމްސީލުކުރައްވާނީ ބޮޑުވަޒީރު ލީ ޗިއަންގް އެވެ.

އިންޑިއާ ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން، ޖީ20އަށް ޝީ ޖިންޕިންގް ވަޑައިނުގަންނަވާނެކަން އިންޑިއާ ސަރުކާރަށް މިހާރު އޮތީ އެނގިފަ އެވެ. އެކަމު މިކަން އަދި އޮތީ އިއުލާން ނުކޮށެވެ.

ރޮއިޓާސްއިން މިކަމާ ގުޅޭ ގޮތުން ޗައިނާ އާއި އިންޑިއާގެ ޚާރިޖީ ވުޒާރާއަށް ހުށަހެޅި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ.

ޝީ ޖިންޕިން އިންޑިއާއަށް ވަޑައި ނުގަތުމުގައި އޮތް ސިއްރެއް -- ރޮއިޓާސް ބުނާ ގޮތުން، އެ އޭޖެންސިއަށް އަދި އޮޅުންފިލާ ގޮތެއް ނުވެ އެވެ.

ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާލަތަށް ފަހު ޝީ ޖިންޕިން މާގިނައިން ގައުމުން ބޭރަށް ދަތުރެއް ނުކުރައްވަ އެވެ.

ނަމަވެސް، މި އަހަރު މާޗުގައި ރަޝިއާއަށް ވަޑައިގެން މޮސްކޯގައި ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވި އެވެ. އަދި ދެކުނު އެފްރިކާގައި މިދާކަށް ދުވަހު އޮތް ބްރިކްސް ސަމިޓަށް ވެސް ވަޑައިގެންނެވި އެވެ.

ބްރިކްސް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި ޝީ ޖިންޕިންގް ވަނީ އެ ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު މައްސަލަ -- ސަރަހައްދީ ބޯޑަރު މައްސަލަ ހައްލުކުރުމަށް ވަޒީރުންގެ ފެންވަރުގައި ކޮމިޓީއެއް އެކުލަވާލެއްވުމަށް މަޝްވަރާ ކުރައްވާފަ އެވެ.

އެއަށް ފަހު ޗައިނާގެ ޗާޓަށް ގެނައި ބަދަލުތަކެއްގައި، އިންޑިއާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

ޗައިނާގެ ޗާޓު ކަމަށް ބުނެ އެ ގައުމުން އާންމުކުރި ކުރެހުންތަކުގައި، އިންޑިއާގެ ބައެއް ސަރަހައްދު ވެސް ހިމެނެނީ ޗައިނާގެ ބައެއްގެ ގޮތުަގަ އެވެ.

ޗައިނާއިން އާންމުކުރި މި ޗާޓުން ފެންނަ ގޮތުން މެލޭޝިއާގެ ބައެއް ވެސް ޗައިނާގެ ބައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.