ދުނިޔެ

ބްރިކްސް ސަމިޓް މިއަދު ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި

ބްރިކްސް ސަމިޓްގެ އެޖެންޑާއާ މެދު ދުނިޔެ އޮތީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އަރައިގެން އަންނަ 40 ގައުމެއްގެ ވެރިންނާ އެކު ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ބްރިކްސް ސަމިޓް މިއަދު ފަށައިގަންނައިރު، ދުނިޔޭގެ އިގުތިސާދުގެ ބޮޑު ބައެއް ބްރިކްސް ޖަމާއަތަށް ބަރޯސާކުރާނެ އެވެ.

ބްރިކްސް އަކީ، ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ ފުރަތަމަ އަކުރުތަކުން އުފައްދާފައި އޮތް ނަމެކެވެ.

ބްރިކްސްގެ އަމާޒަކީ މެމްބަރު ގައުމުތަކުގެ ސިޔާސަތާއި ރައްކާތެރި ކަމަށް ގޮތެއް ނިންމުމަށް އެހީތެރިވެދިނުމެވެ. މާލީ އަދި އިގްތިސާދީ ހާލަތާއި ސަގާފީ ކަންކަމުގައި ވެސް މެމްބަރުނަށް އަތްގާތްކޮށް ދިނުމެވެ.

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ވިދާޅުވި ގޮތުގައި ބްރިކްސް އަކީ ދުނިޔޭގެ އިގުތިސާދުގެ ހަތަރުބައިކުޅަ އެއްބަ އެވެ. ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް ބްރިކްސްގެ ކުޑައިގެ ހިޔާވަހިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިކްސްއާ މެދު ނުފޫޒުގަދަ ގައުމުތަކުން ސަމާލުވަނީ މި ޖަމާއަތުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަރާނެ ލޮޅުން ބޮޑުކަމުންނެވެ.

ޗައިނާ އާއި އިންޑިއާ އަދި ރަޝިއާގެ ފުރިހަމަ ތާއީދާ އެކު އުފައްދާފައި އޮތް މި ޖަމާއަތަކީ ހުޅަނގުގެ ގައުމުތަކުން އުފައްދާފައި އޮތް "ޖީ ސެވަން" އާ ވާދަކުރާނެ ޖަމާއަތަކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް ވަނީ ބްރިކްސްއާ، ޖީ ސެވަންއާ ގާތް ގޮތެއް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ބްރިކްސްގެ 15 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ބަލާއިރު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހިމެނިވަޑައިގަންނަވަ އެވެ.

އދގެ ތަރުޖަމާން ސްޓެފަނީ ޑުޖައްރިކް ވިދާޅުވި ގޮތުގައި ބްރިކްސްގެ އެޖެންޑާއިން ސެކްރެޓަރީ ޖެނެރަލްއަށް ވަގުތު ދެއްވާފައި އޮތް ކަމަށެވެ. އަދި ސެކްރެޓަރީ ޖެނެރަލް ބްރިކްސްގެ މެމްބަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ ވާހަކަތައް އަމާޒުކުރައްވާނީ އެއްބައިވުމާއި އެއްބާރުލުމާ ބެހޭ ގޮތުންނެވެ. އަދި ދުނިޔޭގެ މޫސުމާއި ސިޔާސީ އޮއިވަރަށް ވެސް އަލިއަޅުއްވާލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ވެރިންނަށް ބަލާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހިމެނެ އެވެ.

ޕޫޓިން ބްރިކްސްގައި ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.