ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ ޗައިނާއިން އަލަށް ތައާރަފްކުރާ ބައެއް ގަވާއިދުތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ދެނެގަނެ އެކަންތައްތައް ރަނގަޅު ކުރުމެވެ.
މި ގަވާއިދުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ބައިނަލްއަގްވާމީ ކުންފުނިތައް ޗައިނާ ދޫކޮށް ނުދާނެ ގޮތެއް ހޯދުމަކީވެސް މި ބައްދަލުވުމުގެ ބޭނުމެކެވެ.
ޗައިނާ އަކީ އިންވެސްޓަރުންނަށް ހުޅުވިފައި އޮތް ދެމެހެއްޓެނިވި ދޮރެއްކަން ކަށަވަރުކޮށްދިނުމަކީ ޝީ ޖިންޕިންގެ ވިސްނުމެކެވެ.
ބައިނަލްއަގްވާމީ ބައެއް ކުންފުނިތަކުގެ ވެރިން ވިދާޅުވާ ގޮތުން ޗައިނާއާ މެދު އެ ކުންފުނިތަކުން ދެކެނީ ގޮތް ނޭނގޭ ގައުމެއް ގޮތުގަ އެވެ. ޗައިނާގައި އަމަލުކުރާ ބައެއް ގަވާއިދުތަކަށް ބިރުން އެ ގައުމު ދޫކޮށް ބައެއް ކުންފުނިތައް ދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސަބަބަކާ ނުލައި މީހުން ހައްޔަރުކުރުމާއި، ކުށަކާ ނުލައި ތަހުތީގަށް ހައްޔަރުކުރުން އަދި ވަރަށް ހަރުދަނާ ކުންފުނިތަކަށް ވަދެގަނެ ތަހުގީގަށް މުދާ ހިފެހެއްޓުން ފަދަ އަމަލުތަކުގެ ސަބަބުން ޗައިނާގައި އިންވެސްޓްކުރާ އަދަދު ފާއިތުވި 2023 ގައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ޗައިނާގެ ރައްކާތެރިކަމަށް ކަމަށް ބުނެ ބޭރު ގައުމުތަކުން އަރާތިބި ވިޔަފާރިވެރިންނާ މެދު އަމަލުކުރަނީ އިންވެސްޓްމަންޓް ގެއްލޭ ގޮތަށް ކަމަށް ބައެއް ކުންފުނިތަކުން ބުނެ އެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމުގައި -- އެމެރިކާ ކޮޅަށް ޖެހިފައި ތިބި ގައުމުތަކުންވެސް ޗައިނާ ދޫކޮށް ދިއުމަކީ އިގުތިސާދު ހީނަރުވުމަށް އޮތް ސަބަބެކެވެ.
ޓައިވާންގެ މައްސަލާގައި ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން ވެސް ޗައިނާގެ އިގުތިސާދަށް ވަނީ ނޭދެވޭ އަސަރު ފޯރާފަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ކުންފުނިތަކުން ޗައިނާއާ އެކު ވިޔަފާރިކުރުން އެމެރިކާ ސަރުކާރުން މަނާކުރުމާ ގުޅިގެންވެސް ޗައިނާއަށް އިންވެސްޓްމަންޓްތައް އަންނަނީ ގެއްލެމުންނެވެ.
އެމެރިކާގެ ވިޔަފާރިވެރިންނާއި ފަންނީ މާހިރުން އަދި ބިޔަ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޝީ ޖިންޕިން ދެއްކެވި ވާހަކަތަކުގެ ތަފްސީލް އަދި ހާމަކޮށްފައި ނުވި ނަމަވެސް އިގުތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުން މި ބައްދަލުވުމަކީ ހެޔޮ ފާލެކެވެ.
ޝީ ޖިންޕިން އިސް ނަންގަވައި މިފަދަ ބައްދަލުވުމެއް ބޭއްވުމަކީވެސް އިންވެސްޓަރުންނަށް ބޮޑު އިތުބާރެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.