ޗައިނާގެ ސިޓީއެއް ކަމަށްވާ ޒޫޝާންގެ އުޑު މައްޗަށް އާދަޔާހިލާފު ފަދަ ރަތްކުލައެއް އަރައި އެ ހިސާބުގައި ދިރިއުޅޭ މީހުން ބިރުން ގޮސް އަވަދިވާވަރު ވެއްޖެ އެވެ. ހަފުތާ ބަންދު ދުވަސްތަކުގައި އެ ސިޓީގެ އުޑުމައްޗަށް ގަދަ ރަތްކުލަ އަރާފައި ވަނިކޮށް އެ ހިސާބުގައި ދިރިއުޅޭ މީހުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވެއެވެ.
ގްލޯބަލް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ހުރިހާ ހިސާބެއްގެ އުޑުމަތީގައި ވެސް ގަދަ ރަތްކުލަ ހުރިއިރު އެންމެ ރަތްކަން ގަދައީ ބަނދަރު އޮންނަ ސަރަހައްދުގެ އުޑުމަތީގައި ކަމަށެވެ.
މި މަންޒަރުތައް ފެންނަ ވީޑިއޯތައް ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ސިނާ އައި ވައިބޯގައި ވައިރަލް ވުމުން 150 މިލިއަނަށް ވުރެ ގިނަ ވިއުޒް މި ވީޑިއޯތަކަށް ލިބިފައި ވެއެވެ.
މި ވީޑިއޯތައް ބަލައި ކޮމެންޓުކުރި ގިނަ މީހުން ބުނީ މިއީ ޗައިނާ ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ ލާއިންސާނީ ކަންތައްތަކުގެ ސަބަބުން ދިމާވެގެން އުޅޭ ސުންޕާ ކަމެކެވެ.
ގިނަ ބަޔަކު ބުނެފައިވަނީ އެމީހުންގެ ހަޔާތުގައި ދުވަހަކުވެސް މިފަދަ މަންޒަރެއް ނުދެކޭ ކަމަށެވެ. ޒޫޝާން ސިޓީގެ މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ކޮށްގެން އުޅޭ ކަމެއް ނޫނެވެ. މިއީ ގުދުރަތީ ގޮތުން ދިމާވެފައިވާ މައްސަލަ އެކެވެ.