މެދުޒިޔާރަތުގެ މޮެޑެލް: ގައުމީ ލޯބީގެ ރަަމްޒެއް!

މާލެ ތެރެއިން އެއް ދިމާއަކަށް ނަޒަރު ހިންގާލުމުން މުހިއްމު އެއްތަނަަކަށް މާލޭގެ މެދުޒިޔާރަތް ފެންނާނެ އެވެ. މިއީ ދިވެހިންގެ ފަހުރެކެވެ. އަދި މާލޭގެ އަރާ ފަތުރުވެރިންގެ ވަރަށް ބޮޑު ޝައުގުކެވެ. މުލިއާގެ އާއި އިންވެގެން ހުންނަ މެދުޒިޔާރަތަކީ ދިވެހިން އިސްލާމްދީނަށް އެނބުރުމަށް މެދުވެރިވި، މަޣުރިބުގެ އިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ރާއްޖެ އިސްލާމްވުމާއި ގުޅިފައިވާ ތާރީހެއް އޮންނަ ތަނެެކެވެ. ރާއްޖޭގެ ތާރީހާއި ގުޅޭ އަދިއަދަށް ވެސް ސަލާމަތުން ހުރި އެންމެ ދުވަސްވީ އެއް ބިނާ އެވެ.

މެދު ޒިޔާރަތަކީ ދިވެހިންގެ މުއްސަންދި ތާރީހާއި ތަރިކައިގެ ވެސް އަދި ސަގާފަތުގެވެސް ރީއްޗެކެވެ. އެތާނގެ ވާހަކަ ދެއްކުމާއި އެތަން ދެމެހެއްޓުން އޮތީ ދިވެހިންގެ އަތްމަތީގަ އެވެ.

މެދުޒިޔާރަތުގެ މޮޑެލްއެއް އަސްލާއި އެއްގޮތަށް ފުރިހަމައަށް ދިވެހި ޒުވާނަކު މިދިޔަ ދިގު ލޮކްޑައުންގައި ފަރުމާކޮށް، ހަދާފައި ވެއެވެ.

މި މޮޑެލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުﷲ ޝާފިއުގެ ފުރިހަމަ މަސައްކަތެކެވެ. ލޮކްޑައުންގައި ކުރިން ވެސް ކާޑްބޯޑާއި ފްލައިވުޑް ބޭނުން ކޮށްގެން ކުޑަގެއެއްގެ މޮޑެލް އޭނާ ހެދި އެވެ. ފަހުން އޭނާ ހެދި މެދުޒިޔާރަތުގެ މޮޑެލްއަށް ރަނގަޅަށް ބަލައިލުމުން އަސްލާއި އެއްގޮތް ކުރުމަށް ކޮށްފައިވާ މަސައްކަތް ވެސް ފެނެ އެވެ.

"ކުޑައިރުއްސުރެ ވެސް އެކި ކަހަލަ މޮޑެލް ހަދަން. ޑޯލް ހައުސް ކަހަލަ އެއްޗެހި ހަދަނީ. މެދުޒިޔާރަތުގެ މި މޮޑެލް ހެދުމަކީ އަޅުގަނޑުގެ އަންހެނުން ދިން ހިޔާލެއް. މި ހިޔާލާއި އެއްގޮތަށް މި މޮޑެލް ހެދުމަށް މެދުޒިޔާރަތް ފޮޓޯ ނަގައި ރަނގަޅަށް ބެލީ. ލޮކްޑައުންގައި ލިބުނު ވަގުތުގައި ކުރި މަސައްކަތެއް މިއީ. ގާތްގަނޑަކަށް އެއްމަސް ދުވަސް ނެގި މި މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.

ޝާފިއުގެ މި މޮޑެލް ހެދި އިރު ގިނަ ވަގުތު އޭނާ ހޭދަކޮށްފައި ވަނީ އަސްލާއި އެއްގޮތް ކުރާށެވެ. މެދުޒިޔާރަތުގައި ލަކުޑިން ހަދާފައިވާ ގޭޓު އޭނާ ގެނެސްދީފައި ވަނީ ކުދި ކުދި ފިލާކޮޅުތަކާއި އިލޮށިކޮޅުތަކުގައި ކުލަޖައްސައިގެންނެވެ. ފޫޓެއް ހާ އުސްމިނުގެ މި މޮޑެލްގައި އޭނާ ލާފައިވާ ބޮކިތައް ދިއްލާލެވޭ އިރު ބޮކިތަކުގައި ހުރި ޑިޒައިން ވެސް އަސްލާ ދާދި އެއްގޮތެވެ.

"ފިލާކޮޅުތައް ކުދި ކުދިކޮށް ކަފައި ކުލަޖައްސާއިގެން އެއްގޮތް ކުުރުމަށް މަސައްކަތް ކުރިން. އަދި މެދުޒިޔާރަތުގައި ހުންނަ ބޮކިތަކާއި މި މޮޑެލްގެ ހުންނަ ބޮކިތަކާއި އެއްގޮތް ކުރުމަށް ފައިން ޑީޓެއިލްސް ވެސް އެއްގޮތް ކުރިން" އޭނާ ބުންޏެވެ. "މޮޑެލް ހެދުމަށް ކުރި މަސައްކަތުގައި މެދުޒިޔާރަތާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އަހަންނަށް ލިބިގެން ދިޔަ... މިހާރު ބޭނުން ވަނީ ދިވެހިންގެ މި ކަހަލަ ތާރީހީ ތަންތަނުގެ މޮޑެލް ހަދަން. ވީހާވެސް ގިނަ ބަޔަކު ޝައުގުވެރި ކުރުވާ ތާރީހީ ކަންކަން ހޯދާ ބަލަން އެންކަރޭޖް ކުރަން"

ވަރަށް ގިނަ ބަޔަކަށް ޝާފިއުގެ މި މޮޑެލް ކަމުގޮސް އޭނާއަށް ތައުރީފު ކޮށްފައި ވެއެވެ. މި މަސައްކަތާއެކު މޮޑެލް ހެދުމުގެ އިތުރުން ދިވެހި ތާރީހަށް ވެސް އިތުރު ލޯއްބެއް އޭނާގެ ހިތުގައި އުފެދިއްޖެ އެވެ. އޭނާގެ މިހާރުގެ ގޯލަކަށް ހަދާފައި ވަނީ ނޮވެމްބަރު ތިނެއްގައި ބަޣާވާތެއްކޮށް ސަރުކާރު ބަދަލު ކުރާން ރާއްޖެ އެރި ތަމަޅަ ޓައިގަރުން ދިން ޓެރަރިސްޓް ހަމާލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އާއި އެއްގޮތް މޮޑެލެއް ފަރުމާ ކުރާށެވެ.

"މި މޮޑެލްއާއި އެއްގޮތަށް މިއަށްވުރެ ކުޑަކޮށް ހަދާ ސުވެނިއާސް ގޮތުގައި ހަދަން ވިސްނަން. ދެން ބޭނުމީ މިއުޒިއަމްތަކަށް ހަދިޔާ ކުރަން އެހެން މީހުންނަށް ތާރީހީ ތަންތަނާއި ގުޅޭ ގޮތުން އުގައްނައިދޭން" މިއީ އޭނާގެ ވިސްނުމެވެ.

ތާރީޚީ ބިނާތަކާއި ޒިޔާރަތްތަކަކީ އަޅާނުލެެވި ހިރަފުހަށް ދޫކޮށްލާފައިވާ ތަންތަނަށް ވެގެން ދިއުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ ދިވެހިން ތާރީހަށް ލޯބިކުރާ ބަޔަކަށް ހަދާށެވެ. މި ގައުމާއި އިސްލާމް ދީނަށްޓަކައި ދިވެހިން ކުރި އަގު ނުކުރެވޭނެ މސައްކަތްތަކަށް ޝުކުރުކޮށް އިހްތިރާމް ދޭށެވެ. ޝާފިއުގެ ފުރިހަމަ މި މަސައްކަތުން ގައުމީ ލޯބި ތާޒާާވާނެ އެވެ.