ލައިފްސްޓައިލް

ޖޫހެއްގެ މައްސަލައިގައި އެއާޕޯޓް އޮފިޝަލުންނަށް ހަމަލަދީފި

އާއްމުން ގޮސް އުޅޭ ކޮންމެ ތަނެއްގައި ވެސް ހެދިފައިވާ ގަވާއިދުތަކެއް ހުރެ އެވެ. އެތަނަށް ވަދެ ޚިދުމަތް ހޯދާ ބަޔަކު އެ ގަވާއިދުތަކަށް ބޯލަނބާތޯ ބަލައި ކަށަވަރުކުރަން ކަމާ ގުޅޭ މުވައްޒަފުން ވެސް އެ ތަންތަނުގައި ތިބެ އެވެ. ޚާއްސަކޮށް އެއާޕޯޓްތަކުގައި އޮންނަ ޕްރޮޓޮކޯލް ވަރަށް ތަފާތެވެ. ފަސިންޖަރުންނާއި އެއާޕޯޓަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ސެކިއުރިޓީ އިންތިޒާމްތައް އެއާޕޯޓްތަކުގައި ހުރެ އެވެ. އަދި ކޮންމެ މީހަކު ވެސް ކެތްތެރިކަމާއެކު މަޑުމައިތިރިކަމާއެކު އެ ހުރިހާ ކަމަކަށް ތަބައަ ވާން ޖެހެ އެވެ.

އެމެރިކާ ފަދަ ގައުމުތަކުގައި 9/11ގެ ހާދިސާއަށް ފަހު އެއާޕޯޓްތަކުގެ ސެކިއުރިޓީ ވަކިން ބޮޑަށް ވަރުގަދަ ކޮށްފައި ވެއެވެ. ނަމަވެސް އެއާޕޯޓް ސެކިއުރިޓީ އޮފިޝަލުން އަންގާ ގޮތަށް އަމަލު ނުކުރަން ބޮޑާ ހާކާ ގަދަ ދައްކާ މީހުންނާ މަދުން ނަމަވެސް ކުރިމަތިލާން އޮފިޝަލުންނަށް ޖެހެ އެވެ.

މިއީ އެމެރިކާގެ އާކަންސޯގެ ފޮނެކްސް ސްކައި ހާބާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި ޓީންއޭޖް ފުރައިގެ ޒުވާނެއްގެ ވާހަކަ އެކެވެ. މި ޒުވާނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއާޕޯޓްގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ތިން މީހަކަށް ހަމަލަދީ އެތަނުން ދެ މީހަކު ޒަޚަމްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިފައިވާތީ އެވެ.

މި ޒުވާނާ އާއި އެއާޕޯޓްގައި ސެކިއުރިޓީ ބަލަހައްޓަން ތިބި އޮފިޝަލުންނާ ދެމެދު ޖެހުނީ އާފަލު ޖޫހެއްގެ މައްސަލަކަމަށް އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އުމުރުން 19 އަހަރުގެ މާކިއާ ކޯލްމަން ހަމަލަ ދިނީ ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ)ގެ އޮފިޝަލުން ތަކަކަށެވެ. މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގީ ސެކިއުރިޓީ ޗެކްކުރުމުގެ ތެރެއިން މާކިއާ އަތުގައި ހުރި އާފަލު ޖޫސްތަކެއް ނުގެންދެވޭނެކަމަށް ބުނެ އޮފިޝަލުން އެ އެއްޗެތި ޑަސްޓްބިނަށް އަޅާލުމުންނެވެ.

ކޯޓު ޑޮކިއުމަންޓްގައިވާ ގޮތުން މާކިއާގެ އަތުގައި ބޯޓަށް އަރުވަން ހުއްދަ ނޫން މިންވަރަކަށް އާފަލު ޖޫސް ހުއްޓެވެ. އެހެންވެ އެ އެއްޗެތި ނުގެންދެވޭނެ ކަމަށް އޮފިޝަލުން ނިންމައި އެ އެއްޗެތި އަތުލައި ޑަސްޓްބިނަށް ލީއެވެ.
މާކިއާ ކައިރިއަށް އައި ރުޅިން އޮފިޝަލުންނާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބުކޮށް ޑަސްޓްބިނަށް ލީ އާފަލު ޖޫސް ޕެކެޓްތައް ނަގަން އުޅެން ފެށުމުން އެތަނުގައި ހުރި އޮފިސަރަކު އޭނާ ކޮއްޕާ އެއްފަރާތް ކުރީ އެވެ. ވަގުތުން މާކިއާ އޭނާއަށް ހަމަލަދީ އެހެން އޮފިސަރެއްގެ އަތުގައި ދަތް އަޅައި އެހެން މީހުންގެ ބޮލުގައާއި އަތާއި އުޅަބޮށިން ތަޅައި އަނިޔާ ކުރި އެވެ. އަދި އެތަނުގައި ހުރި އަންހެން އޮފިސަރެއްގެ އިސްތަށިގަނޑަށް ދަމައި ހެދުމުން އޭނާއަށް ވެސް އަނިޔާވި އެވެ.

ވަގުތުން ފުލުހުން ގެނެސް މި ޒުވާނާ ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށް މީނާ އާ ދެކޮޅަށް ކޯޓަށް ހުށަހެޅި ބަޔާނުގައި އެއާޕޯޓް ސެކިއުރިޓީން ބުނެފައި ވެއެވެ.

މި ހަމަލައިގައި ދެ އޮފިސަރަކަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށާއި ފަހުން އެމީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެއެވެ.

މި ޒުވާނާ ކުށްވެރިވާ ކަމަށް ކޯޓުން ނިންމައިފިނަމަ ބޮޑު ޖޫރިމަނާ އަކާއެކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މީނާގެ ސަބަބުން އެ ޗެކް ޕޮއިންޓްގެ މަސައްކަތް ހުއްޓި އެ ވަގުތު އެތަނުގައި ސެކިއުރިޓީ ޗެކިންގެ އިންތިޒާރުގައި ތިބި 450 ވަރަކަށް ދަތުރުވެރިން އެހެން ޗެކް ޕޮއިންޓަކަށް ފޮނުވަން ޖެހުމުން އެމީހުން ފުރަންޖެހޭ ގަޑީއަށް ނުފުރި އިތުރު މައްސަލަތައް ވެސް ކުރިމަތިވި ކަމަށް ސެކިއުރިޓީ އޮފިޝަލުންގެ ބަޔާނުގައި ވެއެވެ.