"ސޫޝީ ޓެރަރިޒަމް"ގެ ކުށުގައި މީގެ ދެ ތިން މަހެއް ކުރިން ޖަޕާނުގެ ޓީންއޭޖް ފުރައިގެ ތިން ކުއްޖަކު ހައްޔަރުކޮށްފައި ވެއެވެ.
މި ކުދިން ވަނީ ޖަޕާނުގެ ސޫޝީ ރެސްޓޯރަންޓަކަށް ގޮސް ސޫޝީ ކެއުމުގެ ތެރޭގައި ވަރަށް މުޑުދާރު އަމަލުތަކެއް ހިންގައި އެ މަންޒަރު ވީޑީއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. މިއީ އެ ކުދިން މަޖަލަށް ކުރި ކަމެއް ނަމަވެސް ވީޑީއޯ ބެލި މީހުން އެކުދިންގެ މި އަމަލަކީ "ސޫޝީ ޓެރަރިޒަމް"ގެ ގޮތުގައި ސިފަކޮށް މި ކުދިން ދެކެ ވަރަށް ރުޅިއައިސްގެން ކޮމެންޓްކޮށްފައި ވެއެވެ.
ސޫޝީ ރެސްޓޯރަންޓަށް ގޮސް ސަކަރާތްގަތުމުގެ ތެރޭގައި މި ކުދިން ވަނީ އެ ރެސްޓޯރެންޓްގައި ހުރި ކޮންވޭޔާ ބެލްޓް (ސޫޝީ ތަށިތައް ދައުރުވާ ގޮތަށް ތައްޔާރުކޮށްފައިވާ އެނބުރޭ ބެލްޓެއް)ގެ ތެރޭގައި ހުރި ސޫޝީ ތަށިތަކުގައި ހުރި ސޫޝީގައި ކުޅު އުނގުޅައި އަދި ސޯޔާ ސޯސް ފުޅީގައި ދޫލާ ހަދާފަ އެވެ. އަދި ބައެއް ތަށިތަކަށް ސެނިޓައިޒާ ވެސް ސްޕްރޭ ކޮށްފައި ވެއެވެ.
މި ކުދިން މި މުޑުދާރުކަންތައްތައް ކުރީ ޖަޕާނުގެ ފުޑް އެންޑް ލައިފް ކޮމްޕެނީން ހިންގާ ރެސްޓޯރަންޓް ޗެއިންގެ ތެރެއިން އަކިންޑޯ ސުޝީރޯގައި ހުންނަ ރެސްޓޯރަންޓް ގައެވެ.
މި ވީޑިއޯ ވައިރަލްވުމުން ގިނަ ބަޔަކު މައްސަލަ ޖައްސައި ޖަޕާނު ފުލުހުންނަށް މިކަމުގެ ޝަކުވާ ކުރުމުން މި ތިން ކުދިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ރެސްޓޯރަންޓުން ވަނީ ސޯޔާ ސޯސް ފުޅީގައި ދޫލި ކުއްޖާ 480،000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. އެ ކުއްޖާ ކުރި ކަންތަކުގެ ސަބަބުން އެ ރެސްޓޯރަންޓަށް ކާން ދާން ފަކުރުން ވަރަށް ގިނަ މީހުން މިހާރު އެ ތަނަށް ނާންނަ ކަމަށް ރެސްޓޯރަންޓުން ބުނެފައި ވެއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި މި ތިން ކުދިން މަޖަލަކަށް ކުރި މިކަންތައް މިހާ ބޮޑުކަމަކަށް ވެދާނެ ކަމަކަށް އެކުދިން ހިޔެއް ނުކުރެ އެވެ. އަދި ސޯޝަލް މީޑީއާގައި ވީޑިއޯ ޕޯސްޓްކުރިއިރު އެ ވައިރަލް ވެދާނެ ކަމަކަށްވެސް އެކުދިން ހިޔެއް ނުކުރެ އެވެ. ނަމަވެސް މިހާރު ސަކަރާތް ވިހަވެ މި ކުދިންނަށް މުޅި އުމުރުގައި ހިތުން ނުފިލާ ވަރުގެ ބޮޑު ކަމެއް ކުރިމަތިވީ އެވެ.