ލައިފްސްޓައިލް

މައިންބަފައިންނަށް ބިރުދައްކައި ފައިސާ އަތުލާތީ ޖަލަށް ލައިފި

އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅު މީހެއް ކަމަށްވާ ދައިވަން ޕަޓޭލް، 47، އޭނާގެ މައިންބަފައިންނަށް އިހާނެތިކޮށް ހަދާތީ އެ ގައުމުގެ ޖަލަކަށް ލައިފި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޕަޓޭލް ޖަލަށް ލީ މައިންބަފައިންނަށް އާދޭސްކޮށް، ބިރުދައްކައިގެން ފައިސާ އަތުލާތީ އެމީހުން ކުރި ޝަކުވާއާ ގުޅިގެންނެވެ.

ޕަޓޭލްގެ މައިންބަފައިންނަށް އޭނާ ބިރުދައްކާތީ ކުރިން ވެސް އެމީހުންނާ ބައްދަލު ނުކުރުމަށް ކޯޓުން ވަނީ ޕަޓޭލް އަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރާ ޚިލާފަށް ޕަޓޭލް އެމީހުންނާ ބައްދަލުކޮށް ޖަޒުބާތީ ގޮތުން އެމީހުން ބްލެކްމެއިލްކޮށް ފައިސާ އަތުލަނީ އެވެ.

ޕަޓޭލް މިގޮތަށް އަބަދު ކަންތައް ކުރާތީ މި ދެމަފިރިން ވަރަށް ލަދުގަނެ އަދި ޑިޕްރެޝަން އަށް ގޮސްފައި ވެއެވެ.
ޕަޓޭލް ވަރަށް ގިނައިން އޭނާގެ މައިންބަފައިންނަށް ގުޅާފައި ފައިސާ ދޭށޭ ކިޔައިގެން އާދޭސްކޮށް ބިރު ދައްކަ އެވެ. އަދި އެމީހުން ފޯނު ނުނެގުމުން އެމީހުން ދިރިއުޅޭ ގެޔަށް އައިސް ގޭގެ ދޮރުގައި ތަޅާ ހަޅޭއްލަވަ އެވެ.

ވޮލްވާހެމްޕްޓަން ކްރައުން ކޯޓުގައި މިދިޔަ މާޗް 27 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ޕަޓޭލްގެ މައިންބަފައިންގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރާ ގާނޫނީ ވަކީލު ކޯޓުގައި ބުނި ގޮތުގައި ކޮންމެ ދުވަހަކު 10 ވަރަކަށް ފަހު ޕަޓޭލް އޭނާގެ މައިންބަފައިންނަށް ފޯނުކޮށްގެން ފައިސާ ދޭށޭ ކިޔައި އާދޭސްކޮށް ބިރު ދައްކަ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ޖޯން ބަޓަފީލްޑް ވަނީ މި ކަމުގައި ޕަޓޭލް ކުށްވެރިވާ ކަމަށް ނިންމައި އޭނާ ޖަލަށް ލުމަށް ހުކުމް ކުރައްވާފަ އެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ދިރިއުޅެން ދަތިވެ، އަތްމަތި ހުސްވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޕަޓޭލް އޭނާގެ މައިންބަފައިންނާ އެއްގޮތަކަށް ވެސް ނުގުޅުމަށް އަދި އެމީހުންނާ ބައްދަލުނުކުރުމަށް ދެ ފަހަރެއްގެ މަތިން ކޯޓުން އަމުރުކޮށްފައި ވެއެވެ. ނަމަވެސް މި އަމުރުތަކަށް ތަބާ ނުވެ އޭނާ މައިންބަފައިންނަށް އުނދަގޫކުރަމުންދާތީ ޖަލަށް ލާން ފަނޑިޔާރު ނިންމެވީ އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޕަޓޭލްގެ އުނދަގޫ ބޮޑުވެގެން އޭނާގެ މައިންބަފައިން ފުލުހުންނަށް ގުޅައިގެން ގެންނަން ފެށީ އެމީހުންގެ އަތުގައި އޭނާއަށް ދޭނެ ފައިސާ ނެތި އަތްމަތި މުޅިން ހުސްވީމަ އެވެ.

ޕަޓޭލް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ވާތީ އެ ތަކެތި ގަންނަ ވަރަކަށް އޭނާގެ މައިންބަފައިންނަށް ފައިސާއެއް ނުލިބެ އެވެ. އެހެންވެ ފައިސާ ނުލިބުމުން ޕަޓޭލްގެ ބިރުދެއްކުންތަކަށް އޭނާގެ މައިންބަފައިންނަށް ކެތްނުކުރެވުނީ އެވެ. މިހާރު ޕަޓޭލް ހުރީ ކާޑިފް ޖަލުގަ އެވެ.