ލައިފްސްޓައިލް

އިންސާނުންގެ މަސްތައް ކައި ހުސްކުރާ ޒޮމްބީ ޑްރަގް"ގެ ބިރު

އިންސާނުންގެ ހަށިގަނޑުގައި ޖަހާފައި ހުންނަ މަސްތައް ކައި ހުސްކުރާ މަސްތުވާ އެއްޗެއް ކަމަށްވާ "ޒޮމްބީ-ޑްރަގް" އެމެރިކާގެ ލޮސް އެންޖަލިސްގެ މަގުތަކުގައި އާއްމުވާން ފަށައިފި އެވެ.

ޒައިލެޒިން ނަމަކަށް ކިޔާ މި ޑްރަގް އެހެން ބައެއް ޑްރަގްއާ އެއްކޮށްގެން ބޭނުން ކުރުމުން އެ ބޭނުންކުރާ މީހާގެ ފުރާނައަށް ގެއްލުންވާވަރުގެ އަސަރެއް ހަށިގަނޑަށް ކުރެ އެވެ. އަދި މަރު ނުވިޔަސް އެފަދަ މީހުންގެ ގައިގެ ހަމާއި މަސްތައް ފާރުވެ ހަލާކުވަމުން ދިއުމުގެ ސަބަބުން ހަށިގަނޑުގައި ބޮޑެތި އައިބުތައް ލައި ވަރަށް ވޭނުގައި އުޅެން ޖެހެ އެވެ.

ލޮސް އެންޖަލިސްގެ ކައުންޓީ ޝެރިފްގެ އޮފިޝަލުން ވަނީ މި ބާވަތުގެ ޑްރަގް ބޭނުންކުރާ މީހުން ހޯދައި އެމީހުންނަށް ފަރުވާ ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ.

މި ޑްރަގް އަށް "ޒޮމްބީ ޑްރަގް" ވަނަމަކަށް ކިޔާ އުޅެނީ މި ބޭސް ބޭނުންކުރާ މީހުންގެ މަސްތަކާއި ހަންތައް ހަލާކުވެ ކުނިވެ ފަނާވާތީ އެވެ. މި ބާވަތުގެ ޑްރަގް އާއްމުވަމުން ދާތީ އެޑިޝަން ސްޕެޝަލިސްޓުންނާއި އަމަންއަމާންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

"އަހަރެމެންނަށް މިހާރު މި ފެންނަ ކަހަލަ ކަމެއް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނުވޭ،" އެޑިކްޝަން އެކްސްޕާޓް ކެރީ ކޯޝަން ވިދާޅުވި އެވެ.

ޒައިލެޒިންގެ ސައިޑް އިފެކްޓްސް ތަކުގެ ބާރު ވަރަށް ގަދައެވެ. ގައިގެ އެތަން މިތަނުގައި ބޮޑެތި ފާރުގަނޑުތައް ހެދި ގުނަވަންތައް ބުރިކުރަން ވެސް ބައެއް ފަހަރު ޖެހެ އެވެ. އަދި މާގިނައިން މި ޑްރަގް ބޭނުންކުރެވިގެން މަރުވާ ރޭޓް ވެސް އެހާ މައްޗެވެ.

ކޯޝަން ވިދާޅުވި ގޮތުގައި އޭނާ ކައިރިން ފަރުވާ ހޯދަން އައި އަންހެނަކު އޯވަޑޯޒްވެގެން ދާދިފަހުން މަރުވެފައި ވެއެވެ. އަދި އޭނާގެ އަންހެން ކޮއްކޮއަކު ވެސް މި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އަތާއި ފައިގެ މަސްތައް ހަލާކުވެ ކުނިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިގެ ހަމާއި މަސްތައް ހަލާކުވެ ކުނިވަމުން ދަނީ ޒައިލެޒިން އާއި އެހެނިހެން ޑްރަގް މިކްސް ކޮށްގެން ބޭނުން ކުރާތީ ކަމަށް އަހަރެންނަށް ލަފާ ކުރެވެނީ،،" އެކްސްޕާޓް ވިދާޅުވި އެވެ.