އެމެރިކާގެ އަސްކަރިއްޔާގެ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ޓްރާވިސް ލީކު ރަޝިއާގައި ހައްޔަރުކޮށްފި އެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް މޮސްކޯގެ ކޯޓަކުން ވަނީ ތަންފީޒީ ބާރުތަކަށް އަމުރުކޮށްފަ އެވެ.
ޓްރާވިސް ހައްޔަރުކުރީ މަސްތުވާތަކެތީގެ މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ.
ރިިޕޯޓްތައް ބުނާ ގޮތުން ޓްރާވިސް ރަޝިއާގައި ދިރިއުޅޭތާ ޒަމާންތަކެއް ވަނީ ވެފަ އެވެ. މޮސްކޯގައި އޭނާ މަސައްކަތްކުރަނީ މިއުޒިކު ކުޅޭ މީހެއް ގޮތުގައި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
މޮސްކޯގެ ކަމޯފްނިކީ ކޯޓާ ހަވާލާދީ ރަޝިއާގެ ޓާސް ނޫހުން ބުނާ ގޮތުން އޮގަސްޓް 6 ގެ ނިޔަލަށް ޓްރާވިސް ހައްޔަރުކޮށްފައި ބަހައްޓާނެ އެވެ.
ރަޝިއާގެ ފުލުހުން ޓްރާވިސްގެ އެޕާޓްމަންޓަށް ވަދެ ވަނީ ފާސްކޮށްފަ އެވެ. މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އެތަނުން ފުލުހުން ގެންދިޔަ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރަޝިއާގައި މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމަކީ ކުށެކެވެ. ޓްރާވިސްގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުކަން ސާބިތުވެއްޖެ ނަމަ 12 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޓްރާވިސް އަކީ އެމެރިކާގެ އަސްކަރިއްޔާގައި ވައިކުޑާގައި ތަންތަނަށް ފައިބައި ހަމަލާތަކުގައި ބައިވެރިވެ އުޅުނު މީހެކެވެ. މިހެންކަމުން އެމެރިކާގެ އަސްކަރިއްޔާއާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު އޭނާއަށް ހުންނާނީ ލިބިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިން އީރާގަށް އަރައިގަނެ ސުންނާފަތިކުރި ދުވަސްވަރު އަސްކަރީ ހަރަކާތްތަކުގައި ޓްރާވިސް ބައިވެރިވި އެވެ. އަދި ހަތިޔާރާއެކު މަތިންދާބޯޓުން ފުންމުމުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.
ރަޝިއާ އާއި އެމެރިކާއާ ދެމެދު މިހާރު އޮތް ނުތަނަވަސް ކަމުގައި ޓްރާވިސްގެ ކިބައިން ވަރަށް ގިނަ ފައިދާ ރަޝިއާއަށް ހޯދިދާނެ އެވެ. އެ ނޫން ގޮތެއްގައި އެމެރިކާގެ ޖަލުތަކުގައި ތިބި ރަޝިއާ މީހުން -- ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރަޝިއާއަށް ގެނައުމަށްވެސް ޓްރާވިސް ބޭނުންކުރެވިދާނެ އެވެ.
ރަޝިއާގައި މިދާކަށް ދުވަހާ ޖެހެންދެން ހައްޔަރުކޮށްފައި ހުރި ބާސްކެޓް ކުޅުންތެރިޔާ ބްރިޓިނީ ގްރައިނާ ވެސް ވަނީ ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން އެމެރިކާއަށް ފޮނުވާފަ އެވެ.
ބްރިޓްނީ ގްރައިނާ ވެސް ހައްޔަރުކުރީ އޭނާގެ ލަގޭޖުން މަސްތުވާތަކެތި ފެނުމުންނެވެ. އެއަށްފަހު ޝަރީއަށް ކުރެވި ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.