ދުނިޔެ

އެމެރިކާގެ ބާސްކެޓް ކުޅުންތެރިޔާ ނުވަ އަހަރަށް ޖަލަށް

އެމެރިކާގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ބްރިޓްނީ ގްރައިނާ ނުވަ އަހަރަށް ޖަލަށްލާން ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އޭނާއަށް މިވަރުގެ ހުކުމެއް އައީ ރަޝިއާއަށް މަސްތުވާތަކެތި އެތެރެކުރުމާ ގުޅިގެންނެވެ.

ގްރައިނާއަށް ނުވަ އަހަރުގެ ޖަލަށް ލުމުގެ އިތުރުން 16،600 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ހުކުމްކޮށްފައިވެ އެވެ.

މޮސްކޯ ސަރަހައްދުގެ ޚިމްކީ ސިޓީ ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ގްރައިނާގެ ވަކީލުން ވަނީ ބުނެފަ އެވެ. އަދި ބުނީ ރަޝިއާގެ ގާނޫނުތަކަށް ގޮންޖަހައި ޑްރަގު އެތެރެކުރުމުގެ ވިސްނުމެއް ގްރައިނާ ނުގެންގުޅޭ ކަމަށެވެ.

ބްރިޓްނީ ގްރައިނާ 31، ހައްޔަރުކުރީ ރަޝިއާއަށް މަސްތުވާ ތަތެކެތި އެތެރެކުރި މައްސަލައެއްގައި މިދިޔަ ފެބްރުއަރީގަ އެވެ.

ރަޝިއާގެ އިދާރާތަކުން ބުނި ގޮތުން ގްރައިނާގެ ދާގީނާތައް ބަލައި ފާސްކުރުމުގެ ތެރޭގައި މެރިޖުއާނާ ވަނީ ފެނިފަ އެވެ.

ގްރައިނާ ބުނި ގޮތުން އޭނާ ގެންގުޅުނީ ތަދުކަނޑުވަން ބޭނުންކުރާ ބާވަތުގެ ކެނަބިސް އެވެ. އެއީ ބޭސްވެރިކަމުގައި ހުއްދަ ކުރާ ބާވަތެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ރަޝިއާގެ ގާނޫނު މުގުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.

ކޯޓުން ހުކުމްކުރުމާ އެކު ގްރައިނާ ވަނީ ކަރުނަބާލައި ރޮއިގެންފަ އެވެ. އާއިލާ ދެކެ ލޯބިވާ ކަމަށް ބުނެ ލުއިދިނުމަށް އެދިފައިވެ އެވެ. އަދި ރަޝިއާގެ އެއްވެސް ގާނޫނަކަށް ގަސްދުގައި އަރައިގެންފައި ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ބާސްކެޓް ކުޅުންތެރިޔާއަށް ޖަލު ހުކުމް އިއްވިއިރު އެމެރިކާއިން ވަނީ އޭނާ ދޫކޮށްދިނުމަށް އެދި ކުށްވެރިން ބަދަލުކުރުމަށް މަޝްވަރާކޮށްފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއަށް ގުޅުއްވައި ކުށްވެރިން ބަދަލުކުރުމަށް ކުރެއްވި މަޝްވަރާގައި، ގްރައިނާގެ ބަދަލުގައި އެމެރިކާއިން ހައްޔަރުކޮށްފައި ހުރި ރަޝިއާގެ ވިކްތަރު ބޫތު ދޫކޮށްލާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެ ބޭފުޅުންގެ މަޝްވަރާ ނިމުނީ ކޮޅެއްގައި ނުޖެހި އެވެ. އެމެރިކާއިން އެދުނު ގޮތަށް ރަޝިއާ އެއްބަހެއް ނުވި އެވެ. ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ތަފުސީލު ވާހަކަތައް މީޑިއާއަކަށް ނުލިބެ އެވެ.