އެމެރިކާގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ގޯޑަން ބްލެކް ތިން އަހަރާ ނުވަ މަހަށް ޖަލަށް ލުމަށް ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޯޑަންއަށް އިއްވި ހުކުމުގައި އޮތް ގޮތުން އާންމު އާބާދީއާ ވަކިން އޮންނަ ޖަލަކަށް އޭނާ އަރުވާލާނީ އެވެ.
ގޯޑަން ބްލެކަށް ދައުވާކޮށްފައިވަނީ އަންހެނެއްގެ އަތުން 10،000 ރުބެލްސް ފޭރިގަތުމުގެ މައްސަލައިގަ އެވެ. އެއަށްފަހު އާންމުންނަށް ބިރުދައްކައި މަރުގެ އިންޒާރު ދީފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.
މި މައްސަލާގައި ދައުލަތުން އެދިފައި އޮތީ ހަތަރު އަހަރާއި އަށް މަހަށް ޖަލަށް ލުމަށެވެ. އަދި 470 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް އޭނާއަށް ކޯޓުން އިއްވީ ތިން އަހަރާއި ނުވަ މަހުގެ ހުކުމެކެވެ.
ރަޝިއާގެ ސެކިއުރިޓީ އޮފިސަރުން ބުނާ ގޮތުން ގޯޑަން ބްލެކް ރަޝިއާއަށް އެތެރެވީ ދެކުނު ކޮރެއާ މަގުންނެވެ. އޭނާ ރަޝިއާއަށް އެތެރެވި ސަބަބެއް ނޭނގޭ ކަމަށްވެސް އޮފިސަރުން ބުނެ އެވެ.
ގޯޑަން ބްލެކް ރަޝިއާއަށް އެތެރެވުމުގައި އޮތް ބޭނުން ހޯދުމަށް ވަކި ތަހުގީގެއް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރަޝިއާއަށް އެތެރެވާ އެމެރިކާގެ ރައްޔިތުންނާ މެދު ރަޝިއާއިން ދެކެނީ ވަކި ބޭނުމަކު -- ސިޔާސީ ނުވަތަ ޖާސޫސީ ބޭނުމަކު އެތެރެވާ ބައެއްގެ ގޮތުގަ އެވެ. މިއީ އެމެެރިކާއާއި ރަޝިއާއާ ދެމެދު އޮތް ބީރައްޓެހި ވާދަވެރިކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ ތުހުމަތެކެވެ.
އެމެރިކާ އިންވެސް ރަޝިއާގެ ރައްޔިތުންނާ މެދު ދެކެނީ ރަޝިއާއަށް ޖާސޫސްކޮށްދޭ އެޖެންޓުންގެ ގޮތުގަ އެވެ.
މިފަދަ ހާލަތްތަކުގައި ރަޝިއާ ރައްޔިތުން އެމެރިކާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވެސް އެބަހުއްޓެވެ.
އދގެ ބޭނުންތަކަށް ރަޝިއާ އޮފިޝަލުން އެމެރިކާއަށް ކުރާ ދަތުރުތަކުގައިވެސް ވިސާ ހިފަހެއްޓުމާއި އަނބުރާ ގައުމަށް ފޮނުވާލުން ފަދަ ޖެއްސުން އެމެރިކާގެ އިމިގްރޭޝަނުން ކޮށްފައި އެބަހުއްޓެވެ.