އެމެރިކާގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ރަޝިއާގެ ވިކްތަރު ބޫތުގެ ބަދަލުގައި ރަޝިއާގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ބްރިޓްނީ ގްރައިނާ ދޫކޮށްލައިފި އެވެ.
އެމެރިކާ އާއި ރަޝިއާ އިން ކުށްވެރިން ބަދަލުކުރުން އޮތީ އަބޫދާބީގެ އެއާޕޯޓްގަ އެވެ.
ރަޝިއާގެ ވިކްތަރު ބޫތު، 55، އެމެރިކާއިން ހައްޔަރުކުރީ 2008 ގައި ތައިލޭންޑްގައި އެމެރިކާގެ އެޖެންޓުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭރުވެސް އޭނާ އުޅުނީ ގޮރިއްލާ ގުރޫޕްތަކަށް ހަތިޔާރު ވިއްކުމުގަ އެވެ.
ބޫތު ހައްޔަރުކުރުމަށް ފަހު ދައުވާ އުފުލީ ވެސް ހަތިޔާރު ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށުގަ އެވެ. އޭނާއަށް ހުކުމްކުރީ 2012 ގަ އެވެ. އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެމެރިކާގެ ބާސްކެޓް ކުޅުންތެރިޔާ ބްރިޓްނީ ގްރައިނާ، 32، ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ 17 ގައި ރަޝިއާއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއާޕޯޓުންނެވެ.
ރަޝިއާގެ އިދާރާތަކުން -- ކަސްޓަމްސް އާއި ސެކިއުރިޓީން ބުނި ގޮތުން ގްރައިނާގެ ދާގީނާތައް ބަލާ ފާސްކުރުމުގެ ތެރޭގައި މެރިޖުއާނާ ވަނީ ފެނިފަ އެވެ.
ގްރައިނާ ބުނީ އޭނާ ގެންގުޅުނީ ތަދުކަނޑުވަން ބޭނުންކުރާ ބާވަތުގެ ކެނަބިސް ކަމަށެވެ. އެއީ ބޭސްވެރިކަމުގައި ހުއްދަ ކުރާ ބާވަތެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ރަޝިއާގެ ގާނޫނު މުގުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.
ގްރައިނާއަށް ހުކުމްކުރީ ނުވަ އަހަރަށް ޖަލަށްލުމަށާއި 16،576 ޑޮލަރު -- އެއްމިލިއަން ރޫބެލް (ރަޝިއާގެ ފައިސާ) އިން ޖޫރިމަނާ ކުރުމަށެވެ.
ރަޝިއާ އާއި އެމެރިކާއާ ދެމެދު ކުށްވެރިން ބަދަލުކުރަން ކުރި މަޝްވަރާތަކުގައި ރަޝިއާގެ އޮފިޝަލުން ބައިވެރިވުން އެމެރިކާ އޮތީ ދެކޮޅު ހަދާފައި ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މަޝްވަރާގެ ފުރަތަމަ ކޮޅުގައި ވިކްތަރު ބޫތު ދޫކޮށްލާ ގޮތަށް އެމެރިކާ އެއްބަސްނުވި ކަމަށްވެސް ރަޝިއާ ބުނެ އެވެ.
އެހެން ނަމަވެސް، ފޮރިން މިނިސްޓްރީން ބުނީ ކުށްވެރިން ބަދަލުކުރަން ރަޝިއާ ކުރަން ޖެހުނު ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވުނީ ރަޝިއާ ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ކުށްވެރިން ބަދަލުކުރުމުގައި މެދުވެރިންގެ ގޮތުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ދެބޭފުޅުންނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް، މުހައްމަދު ބިން ޒައިދު އަލްނަޙްޔާން އާއި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އެވެ.