ދުނިޔެ

އެމެރިކާއިން އިންޑިއާއަށް އަސްކަރީ ޕެކޭޖެއް

އިންޑިއާއަށް އަސްކަރީ ގޮތުން އެހީތެރިވެވިދާނެ ގޮތްތަކެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ބައިޑަން ސަރުކާރުން އޮތީ ބުނެފަ އެވެ. ޚަބަރުތައް ބުނާ ގޮތުން އިންޑިއާ ހިތުން ނުފިލާ ވަރުގެ އަސްކަރީ ޕެކޭޖެއް އެމެރިކާއިން ހުށަހަޅާނެ އެވެ.

އެމެރިިކާއިން އެއްވެސް ގައުމަކަށް ކޮށްދޭ އެއްވެސް ކަމަކީ ބަދަލެއް ނެތި ހަމަ މުޅިން ހިލޭ ކޮށްދޭ ކަންތައްތަކެއް ނޫނެވެ. އަސްކަރީ ގޮތުން އިންޑިއާ ބާރުވެރިކުރަން އެމެރިކާ މިހާރު ބޭނުންވެގެން އުޅެނީ އިންޑިއާއަށް ބޭނުންވާ ހަތިޔާރު ގަތުމުގައި ރަޝިއާއަށް ބަރޯސާކުރުން ހުއްޓުވުމަށެވެ.

ބްލޫމްބާގް ހަބަރުތައް ބުނާ ގޮތުން އިންޑިއާއަށް ދޭ އަސްކަރީ ޕެކޭޖްގެ އަގަކީ 500 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް އިންޑިއާގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ މި ޕެޖޭކްގައި ހިމެނެނީ ކޮން ބާވަތްތަކެއްގެ ހަތިޔާރު ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

އިންޑިއާ އާއި ރަޝިއާ އަކީ އަސްކަރީ ގޮތުން އަދި އިގުތިސޯދީ ގޮތުން ވެސް ވަރަށް ގާތް ދެ ގައުމެވެ. ރަޝިއާގައި އުފައްދާ ބާރުގަދަ ހަތިޔާރު އިންޑިއާއަށް ވިއްކުމުގައި ރަޝިއާއިން އެހެން ގައުމުތަކާ ތަފާތު ފަސޭހަތަކެއް އިންޑިއާއަށް ދެއެވެ.

ރަޝިއާގައި އުފައްދާފައި ހުރި އެންމެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމް، އެސް400 ވެސް މިހާރު ހުރި އިންޑިއާގައި ބަހައްޓާފަ އެވެ. ރަޝިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އިންޑިއާއަށް އެސް400ގެ ބައިތައް ފޮނުވާނެ އެވެ.

ރަޝިއާއިން އެސް400ގެ ފަސް ޔުނިޓް ގަތުމަށްޓަކައި އޮކްޓޯބަރު 2018 ގައި އިންޑިއާއިން ވަނީ ފަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެސް400ގެ ބައިތައް އިންޑިއާގައި ބަހައްޓައި މިހާރު ވަނީ އަޖުމަ ބަލަން ފަށާފަ އެވެ.

އިންޑިއާ އެމެރިކާއަށް ބަރޯސާނުކޮށް ރަޝިއާއިން އަސްކަރީ އާލާތްތައް ގަންނަ ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް އެމެރިކާއިން އޮތީ ބުނެފަ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ދެކޭ ގޮތުގައި އެމެރިކާ ބުނާ ގޮތް ނުހަދާ ނަމަ އިންޑިއާއަށް އަދަބުދޭން ޖެހެ އެވެ.

އެހެން ނަމަވެސް، އިންޑިއާއަށް އަދަބުދީ ދަތިކުރުމަކީ އެމެރިކާއަށް މިހާރު ފަސޭހަ ކަމަކަށް ނުވެ އެވެ. އެއަށް ވުރެ މުހިންމު ކިތަންމެ ކަމެއް އިންޑިއާއިން އެމެރިކާއަށް ކޮށްދެ އެވެ.

އިންޑިއާއަށް ބޭނުންވާ އަސްކަރީ އާލާތްތައް ގަތުމުގައި އިންޑިއާއިން ރަޝިއާ ދޫކޮށްނުލި ނަމަވެސް، އެމެރިކާއިން ބައެއް ސާމާނު ގަތުމަކީ ކުރިއަށް އޮތް ތަކުގައި ކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ. މަޝްރަހު ދިރާސާކުރާ މީހުން މިކަހަލަ ވާހަކަތަކެއް މިހާރު އެބަ ދައްކަ އެވެ.