ލައިފްސްޓައިލް

ވައްކަންކުރާ ތަން ހުވަފެނަކުން ފެނި ނިދީގައި އަމިއްލަ ގަޔަށް ބަޑިޖަހައިފި

ނިދާފައި އޮންނައިރު ފެންނަ ބައެއް ކަހަލަ ހުވަފެނަކީ ވަރަށް ބިރުވެރި ތަޖުރިބާ އަކަށް ވެއެވެ. މިފަދަ ބައެއް ހުވަފެންތަކުގެ ނޭދެވޭ އަސަރުތައް ބައެއް މީހުންނަށް އެތައް ޒަމާނަކަށް ކޮށްފައި އެބަހުއްޓެވެ.

އެމެރިކާގެ އިލިނޮއިގައި ދިރިއުޅޭ މި މީހާއަށް ވެސް ފެނުނު ހުވަފެނުގެ ބިރުވެރިކަމުން ނިދީގައި އޮވެ އަމިއްލަ ގަޔަށް ބަޑި ޖެހިފައި ވެއެވެ.

އެންބީސީ ނިއުސް އިން ބުނި ގޮތުގައި މި މީހާއަށް ހުވަފެނުން ފެނުނީ ވައްކަމެއް ކުރަން ބަޔަކު އުޅޭ ތަނެވެ. އެހެންވެ އޭނާގެ އަތުގައި އޮތް ބަޑިއެއް ނަގައި ނިދީގައި އަމިއްލަ ގަޔަށް ބަޑި ޖެހުނީ އެވެ. ނަމަވެސް މި މީހާ މަނާ ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

މިކަމެއް ހިނގާފައިވަނީ މިއަހަރުގެ އެޕްރީލް މަހު އެވެ. ލޭކް ބެރިންޓަންސްގައި ހުރި ގެއެއްގެ ތެރެއިން ބަޑީގެ އަޑު އިވިގެން އަވަށްޓެރިން ފުލުހުންނަށް މި ޝަކުވާ ކުރުމުން ފުލުހުން އައިސް އެގެ ބެލިއިރު އެ ގޭގައި ދިރިއުޅޭ މާކް ޑިކާރާ، 62، ގެ ފަޔަށް ބަޑީގެ ވަޒަނެއް އަރައި އޭނާ އޮތީ ޒަޚަމްވެފަ އެވެ.

ޑިކާރާ އަށް ފަރުވާ ދީ ރަނގަޅުވުމުން ފުލުހުން އޭނާއާ ސުވާލުކުރުމުން ބުނީ ނިދާފައި އޮއްވާ ހުވަފެނުގައި އޭނާގެ ގެޔަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަދެގަން މަންޒަރު ފެނިގެން އޭނާ ގެންގުޅޭ ރިވޯލްވަރު ނަގައި އޭގެން ވަޒަނެއް ފޮނުވާ ލެވުނީ ކަމަށެވެ.

އޭނާ ހިތުން އެ ވަޒަން ފޮނުވާލީ އެ ގެއަށް ވަދެގެން އުޅޭ މީހުންނާ ދިމާލަށެވެ. ނަމަވެސް ހުވަފެނުން ހޭލެވުނުއިރު ވަޒަން އަރާފައިހުރީ އޭނާގެ އަމިއްލަ ފަޔަށް ކަމަށްވެސް ބުންޏެވެ.

ފުލުހުން މި މީހާ ހައްޔަރުކުރުމުން 150،000 ޑޮލަރުގެ ބޮންޑް ބަހައްޓައިގެން އެމީހާ ވަނީ މިނިވަން ވެފަ އެވެ. މި މީހާގެ ކުށަކީ ލައިސަންސް ނެތި މަނާ ހަތިޔާރު ގެންގުޅުމެވެ.

އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުގެ މައުލޫމާތަށް ބަލާއިރު އެ ގައުމުގައި ލައިސަންސް ނެތި ހަތިޔާރު ގެންގުޅޭ މީހުންނަށް ގަސްތަކާ ނުލާ ބަޑި ޖެހިގެން 2020ގައި އެކަނިވެސް 19،384 މީހުން މަރުވެފައި ވެއެވެ. މިއީ އެގައުމުގައި އެ އަހަރު މަރުވި މީހުންގެ 43 ޕަސެންޓެވެ.