ޕެޓްރިކް ބްރައުން އަކީ އެމެރިކާގެ ލުއިޒިއާނާގެ މީހެކެވެ. އުމުރުން މިހާރު 49 އަހަރު ފުރިފައިވާ ޕެޓްރިކް ދާދިފަހުން ވަނީ ޖަލުން މިނިވަން ވެފަ އެވެ. އެއީ 30 ވަރަކަށް އަހަރު ޖަލުގައި ހުރި ފަހުން އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންނެވެ.
ޕެޓްރިކް ޖަލަށްލީ ރޭޕްގެ ތުހުމަތުގަ އެވެ. އެކަން ކުރީ ޕެޓްރިކް ނޫން ކަމަށް މިކަން މެދުވެރިވީ އަންހެން މީހާ ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް އެމެރިކާގެ ކޯޓަކުން ޕެޓްރިކް ކުށްވެރިވާ ކަމަށް ނިންމައި ޖަލަށް ލީ އެވެ.
އޯލީންސް ޕެރިސް ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ޕެޓްރިކް 1994 ވަނަ އަހަރު ޖަލަށްލީ ރޭޕްކުރިކަމަށް ސާބިތުވެގެންނެވެ. އޭނާގެ އަނިޔާވެރި މި އަމަލު އަމާޒުވީ އޭނާގެ ހަ އަހަރުގެ ދޮން ދަރިއަކަށް ކަމަށްވެ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާ އެންމެ ފަހަރަކުވެސް ކޯޓަށް ގެނެސް އެ ކުއްޖާއާ ސުވާލުކޮށްފައެއް ނުވެ އެވެ.
ޕެޓްރިކް އަށް ކުރި ހުކުމް ބިނާކޮށްފައިވަނީ އެ ކުއްޖާ ބުނި ކަމަށް އޭނާގެ ބަލަދުވެރިންގެ ގޮތުގައި ތިބި ބޮޑެތި މީހުންނަށް ގަބޫލުކުރެވިގެން ދެއްކި ވާހަކަތަކެއްގެ މައްޗަށެވެ.
ޕެޓްރިކް ދޫކޮށްލަމުން ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަނިޔާ ލިބުނު އަންހެން ކުއްޖާއަކީ މިހާރު ބޮޑު މީހެއް ކަމަށެވެ. އަދި އޭނާއަށް އެ އަނިޔާތައް ދިނީ ޕެޓްރިކް ނޫން ކަމަށް ފާއިތުވީ 20 ވަރަކަށް އަހަރު ތެރޭ އެތައް ފަހަރަކު އަންހެން ކުއްޖާ ބުނަމުން އައި ކަމަށެވެ. އަދި ލިބިފައިވާ އާ ހެކިތަކަކުން ކުއްޖާ ދައްކަނީ ތެދު ވާހަކައެއް ކަމަށް ބާރު ލިބޭ ކަމަށެވެ. އެހެންވެ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޖަލަކުން ޕެޓްރިކް ވަނީ މިނިވަންކޮށްފަ އެވެ.
ޕެޓްރިކްގެ ގާނޫނީ ވަކީލު ކެލީ އޯރިއަންސް ބުނި ގޮތުގައި އޭނާއަށް ކޮންމެވެސް ދުވަހަކުން އިންސާފު ލިބި މިނިވަންވާނެ ކަމުގެ އުއްމީދު ޕެޓްރިކްގެ ހިތުގައި އަބަދުވެސް އޮތެވެ.
ކޯޓުގައި ހުރި މީހެއް ކައިރީގައި ޕެޓްރިކް ބުނި ގޮތުގައި އޭނާ މިނިވަންވީ ނަސީބަކުން ނޫނެވެ. އޭނާގެ ކުށެއްނެތްކަން ޔަގީންވާތީ އެ ޔަގީންގެ މައްޗަށް އޭނާ ކެތްތެރިވެ ހުރެ ކުރި މިންނަތް މަސައްކަތުންނެވެ.
ޖަލުން މިނިވަންވެގެން ޕެޓްރިކް އަށް ނުކުމެވުނީ މުޅިން އާ ދުނިޔެ އަކަށެވެ. އޭނާ ޖަލަށްލީއިރު ސެލްފޯނެއް ކޮމްޕިއުޓަރެއް ހައިބްރިޑް ކާރެއް އިލެކްޓްރިކް ވެހިކަލެއް ޑެބިޓް ކާޑެއް ކްރެޑިޓް ކާޑެއް ވުޖޫދަކު ނެތެވެ. އެހެންވެ މި އެއްޗިއްސަކީ އޭނާއަށް މުޅިން އާ އެއްޗިއްސެވެ. އޭނާ ޖެހެނީ އަލުން ބަލުން މި އެއްޗެތި މަސައްކަތްކުރާ ގޮތް ދަސްކުރާށެވެ.