އެމެރިކާގެ ފްލޮރިޑާގެ މީހަކު ނުކުރާ ކުށެއް ކުރިކަމަށް ސާބިތުވެގެން ޖަލަށް ލީތާ 34 އަހަރު ފަހުން މިނިވަންވެއްޖެ އެވެ.
ސިޑްނީ ހޯމްސް ނަމަކަށް ކިޔާ މި މީހާ ޖަލަށް ލީ 1988 ވަނަ އަހަރު އޭނާ ހަތިޔާރުތަކެއް ވަގަށް ނެގިކަމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ހޯމްސްގެ ކުށެއް ނެތްކަން ސާބިތުވީއިރު އޭނާ ޖަލުގައި ހުންނަތާ 34 އަހަރު ވެއްޖެ އެވެ.
ޖަލުން މިނިވަން ވުމަށްފަހު ފްލޮރިޑާގެ ނަން-ޕްރޮފިޓް އޮގަނައިޒޭޝަން (އެންޖީއޯ)އެއް ކަމަށްވާ "އިނޮސަންސް ޕްރޮޖެކްޓް އޮފް ފްލޮރިޑާ" އަށް ދިން ބަޔާނެއްގައި ހޯމްސް ބުނީ ކޮންމެވެސް ދުވަހަކުން އޭނާގެ މައުސޫމުކަން ސާބިތުވެ ޖަލުން މިނިވަންވާނެކަމުގެ ޔަގީންކަން އޭނާއަށް އަބަދުވެސް އޮތް ކަމަށާއި އެހާ ދުވަސްވީއިރުވެސް އުއްމީދު ކަނޑާނުލާ ކަމަށެވެ. އަދި މިނިވަންވެގެން ނުކުމެ މަންމަ ގައިގައި ބައްދާލެވޭނެ އިރަކަށް އިންތިޒާރު ކުރަމުންދާ ކަމަށްވެސް ހޯމްސް ބުންޏެވެ.
ހޯމްސްގެ ކުށެއް ނެތްކަން ސާބިތުވީ މި އެންޖީއޯ އިން ކުރި މަސައްކަތުންނެވެ. ހޯމް ޖަލުން މިނިވަންވެގެން ދުނިޔޭގެ ޖައްވަށް ނޭވާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނީ މިދިޔަ ހޯމަ ދުވަހު އެވެ.
މިހާރު އުމުރުން 57 އަހަރު ފުރިފައިވާ ހޯމްސްގެ ޒުވާން ދުވަސްތައް އޭނާ ހޭދަކޮށްފައިވަނީ ގައިދީއެއްގެ ގޮތުގަ އެވެ. އަދި 34 އަހަރު ޖަލުގައި ހުރިއިރުވެސް ޖޯމްސް އެއްވެސް ގޯސްކަމަކަށް އަރައި ނުގަނެ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުއްޓެވެ. އަދި މިއީ އޭނާގެ ރަނގަޅުކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ޖޫން 1988ގައި ބަޔަކު ހަތިޔާރުތަކެއް ވަގަށް ނެގިއިރު އެ ހަތިޔާރުތައް އުފުލި ވެހިކަލްގެ ޑްރައިވަރަކަށް އިނީ ހޯމްސް ކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ހުކުމްގައި ބުނެފައި ވެއެވެ. ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް ހޯމްސް ބުނަމުން ދިޔައީ އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށެވެ.
ހޯމްސްގެ މައްސަލަ އަލުން ރިވިއު ކުރަން "ކޮންވިކްޝަން ރިވިއު ޔުނިޓް (ސީއާރްޔޫ)އަށް ހުށަހެޅީ 2020ގަ އެވެ. އެތަނުން މި މައްސަލަ ބަލަން ފެށުމާއެކު ހޯމްސްއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަހުން އެމީހުންނަށް ފެނުނީ ހަގީގަތުގައި ވެސް ހޯމްސްގެ ކުށެއް ނެތް ކަމެވެ.
ކޯޓުގައި ހޯމްސްގެ މައްސަލަ އަލުން ރިވިއު ކުރި ޕެނަލްގައި ތިބި ހަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ވޯޓު ދެއްވީ ހޯމްސް މިނިވަން ކުރުމަށެވެ. އަދި މި މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުން ވެސް ތިބީ ހޯމްސްއާ އެއްކޮޅަށެވެ. ހޯމްސްއަށް ހުކުމް އައިސްފައިވަނީ އެކަށީގެންވާ ހެކި ނެތިކަމަށް އެމީހުން ވެސް ގަބޫލުކުރެ އެވެ.
ހޯމްސްގެ އޮރިޖިނަލް މައްސަލައިގައި އޭރު ޝާމިލުވެގެން އުޅުނު ޑެޕިއުޓީންނަށް ވެސް އެ ދުވަހު ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެމީހުންގެ އަތުން އެވަރު ބޮޑު ގޯހެއް ހެދި، އޭނާ ނުކުރާ ކުށަކަށް 34 އަހަރު ޖަލުގައި ބެހެއްޓުނީތީ އެވެ.
ހޯމްސް ޖަލުން މިނިވަން ކުރުމުން އާއިލާއާ ބައްދަލުކުރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑީއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ވަރަށް ގިނަ ބަޔަކު ހޯމްސް މިނިވަން ވީތީ އުފާފާޅުކޮށްފައި ވެއެވެ.