ލައިފްސްޓައިލް

ވެއިޓަރެއްގެ ދުރު ވިސްނުމުން ކުޑަކުއްޖަކު އަނިޔާއިން ސަލާމަތްވެއްޖެ

ކޮންމެ މީހަކު ވެސް އެމީހާގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންތައްތަކަށް ސަމާލުވެ ހޭލުންތެރިވުން މުހިއްމެވެ. ސަބަބަކީ މިގޮތަށް ސަމާލުވެ ހޭލުންތެރިކަން ބަހައްޓައިގެން ބޮޑު މުސީބާތަކުން މީހަކު ސަލާމަތް ކުރުމުގެ ފުރުސަތު ވެސް ލިބިދާނެތީ އެވެ. މުޅި ހަޔާތުގައި ކުރިމަތިވަމުން އައި އަނިޔާ އާއި ހިތްދަތި ކަމުން ކުޑަ ކުއްޖަކު ސަލާމަތް ކުރަން މި ވެއިޓަރަށް އެހީތެރި ވެދެވުނު ގޮތަށެވެ.

މައިންބަފައިން ދެމުންދިޔަ ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ 11 އަހަރުގެ މި ފިރިހެންކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީ އެ އަނިޔާތަކުން އެ ކުއްޖާ ސަލާމަތް ކުރެވުނީ ކުއްޖާއަށް އެހީތެރިކަން ބޭނުންވެފައިވާކަން ވެއިޓަރަށް ވިސްނިގެނެވެ.

މި ހާދިސާ ހިނގި ދުވަހު ވެސް އެމެރިކާގެ އޯލަންޑޯގައި ދިރިއުޅޭ ފްލެވައިން ކާވަޅޯ ހުރީ މިސިޒް ޕޮޓޭޓޯ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ވަޒީފާގައި އެ ތަނަށް އަންނަ މީހުންނަށް ކާއެއްޗެތި ސާވް ކުރާށެވެ. އެ މަސައްކަތުގައި އޭނާ އުޅެނިކޮށް އެތަނަށް ދެމަފިރިއަކު ކުޑަ ފިރިހެން ކުއްޖެއް ގޮވައިގެން އައެވެ. އެ ކުއްޖާ އިން ގޮތުން ކުއްޖާއަށް އެހީތެރިކަމެއް ބޭނުންވާހެން ވެއިޓަރަށް ހީވީ އެވެ. އަދި ކުޑަ ނޯޓެއް ލިޔެފައި ސިއްރުން އެ ކުއްޖާގެ އަތަށް ދިނީ އެވެ.

"އެއްވެސް އެހީތެރި ކަމެއް ބޭނުންތަ؟" އެ ނޯޓުގައި ފްލެވައިން ލިޔެފައި ވެއެވެ.

ކުޑަ ކުއްޖާ އެހީތެރިކަމަށް ބޭނުން ވެފައިވާހެން ފްލެވައިން އަށް ހީވީ އޭނާގެ މައިންބަފައިން ކާ އެއްޗިއްސަށް އޯޑަރު ކޮށްގެން ގަދަޔަށް ކަމުން ގެންދިޔައިރު ކުއްޖާއަށް އެއްވެސް އެއްޗެއް އޯޑަރު ކޮށްފައި ނުވާތީ އެވެ.

ކުއްޖާގެ ބައްޕަ ވިލްސަން ވެއިޓަރު ކައިރީ ބުނި ކަމަށް ވަނީ ކުއްޖާ ކާނީ ގެއަށް ގޮސް ކަމަށެވެ. ކުއްޖާއަކީ އަނިޔާ ލިބެމުންދާ ކުއްޖެއްކަން ވެއިޓަރަށް ޔަގީންވި އަނެއް ކަމަކީ އެ ކުއްޖާގެ މުޅި ހަށިގަނޑުން ފެންނަން ހުރި އަނިޔާގެ ނިޝާން ތަކެވެ.

"މޫނާއި އަތުގައި ޒަޚަމްތައް ހުރި. ބުމަ ކައިރީގައި ވެސް ޒަޚަމެއް ހުރި. އަދި ލޯ ކައިރި ވެސް ހުރީ ދުޅަވެފަ. އެހެންވެ އަހަންނަށް އެނގުނު ކޮންމެވެސް ކަމެއް ޔަގީނުން ވެސް ގޯސް ކަން،" އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ވެއިޓަރު ބުނެފައި ވެއެވެ.

އެހިސާބުން ވެއިޓަރު ސިއްރު ސިއްރުން ނޯޓެއް ލިޔެލާފައި ކުއްޖާ އަތަށް ދިނީ އެވެ.

އޯލެންޑޯ ފުލުހުން ފަހުން ރިލީޒްކުރި އޯޑިއޯ ކްލިޕެއްގައި ވެއިޓަރު ފޭވަލިން ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކުރަން ކުރި ކޯލުގައި ދެއްކި ވާހަކަތައް ޝެއާކޮށްފައި ވެއެވެ.

"އަހަރެން ވަރަށް ބޮޑަށް ހާސްވެފައި މިހުރީ. އަހަންނަކަށް ނޭނގެ ކިހިނެއް ކަމެއް ހަދަންވީ. މިކަމުގައި އަހަރެން ހަދަންވީ ގޮތެއް ބުނެދީފާނަންތަ؟ އަހަރެން ކިހިނެއް ހަދަންވީ؟ އެ ކުޑަ ފިރިހެންކުއްޖާގެ ހަށިގަނޑުގައި ބައިވަރު ޒަޚަމްތައް އެބަހުރި. އަދި އެހެން މީހުން ކަނީ އެކަމަކު އެ ކުއްޖާ އެއްވެސް އެއްޗެއް ނުވެސް ކައި،" ވެއިޓަރު ފުލުހުންނަށް ކުރި ކޯލުގައި ބުނެފައި ވެއެވެ.

ވެއިޓަރުގެ ކޯލަށް ފަހު ފުލުހުން އައިސް ކުޑަ ކުއްޖާގެ މަންމަ ކްރިސްޓެން ސްވޯން، 31، އާއި ދޮންބައްޕަ ޓިމޮތީ ވިލްސަން، 34، ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ކުއްޖާއަށް އިހުމާލުވެ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ މިހާރު އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ކުޑަކުއްޖާއަށް އަނިޔާ ކުރި ކަމުގެ ދެ މައްސަލައެއްގައި އޭނާގެ ދޮންބައްޕަގެ މައްޗަށް ދައުވާ ކުރެ އެވެ.

ފުލުހުން ވަނީ އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ލިބިފައިވާ އަނިޔާތައް ޗެކްކޮށްފަ އެވެ. މި ކުއްޖާ ބެލި ޑޮކްޓަރުން ދީފައިވާ ބަޔާނުގައި ކުއްޖާގެ ހަށިގަނޑުގައިވާ ޒަޚަމްތަކުގެ އިތުރުން އޭނާގެ ހުންނަންވާ ބަރުދަނަށް ވުރެ 20 ޕައުންޑު ލުއިކަން ފާހަގަ ކޮށްފައި ވެއެވެ.

މި ކުއްޖާ ފުލުހުން ކައިރީ ބުނި ގޮތުގައި މަންމަ އާއި ދޮންބައްޕަ އޭނާއަށް ވަރަށް ގިނައިން އަނިޔާކުރެ އެވެ. އަދި ގަވާއިދުން ކާކަށް ވެސް ނުދެ އެވެ. އަދި ކަރާއި ފައިގައި ވާ ޖަހައި ބަނދެފައި ބާއްވަ އެވެ. އަދި ކުނިކަހާ ފިހިގަނޑުން ދޮންބައްޕަ އޭނާއަށް އަނިޔާކުރެ އެވެ.

މިހާރު މި 11 އަހަރުގެ ކުއްޖާ އާއި އޭނާގެ ހަގަށް ތިބި ކޮއްކޮމެން ވަނީ ފްލޮރިޑާ ޑިޕާޓްމަންޓް އޮފް ޗިލްރަން އެންޑް ފެމެލީޒްގެ ބެލުމުގެ ދަށަށް ގެނެއްސަ އެވެ.

މި އަނިޔާއިން މި ކުއްޖާ އާއި އޭނާގެ ކޮއްކޮމެން ސަލާމަތް ކުރެވުނީ ވެއިޓަރުގެ ދުރުވިސްނުމުންނެވެ. ގިނަ ފަހަރަށް މިފަދަ މަންޒަރެއް ފެނުނަސް ގިނަ މީހުން ލަދުން ނުވަތަ ބިރުން ނުވަތަ އެމީހާއާ ބެހޭ ކަމެއް ނޫނޭ ބުނެ އެކަންކަން ނުފެންނަ ކަމަށް ހަދަ އެވެ. އަދި އެފަދަ ކަމެއް ހިނގާ ތަނަކުން އަވަހަށް ދުރަށް ދެއެވެ. އެހެން މީހުން ކުރާ ކަންތައްތަކާ ބެހުމަކީ ރަނގަޅުކަމެއް ނޫންކަމަށް ދެކިގެންނެވެ. އެއީ އެމީހުންގެ ޒާތީ ކަމެއް ކަމަށް ބަލާފަ އެވެ. ނަމަވެސް މި ހާދިސާގައި ވެއިޓަރު މީހާ އެގޮތަށް ކުއްޖާ އަށް އަޅާނުލިނަމަ އެ ކުއްޖާ އަދިވެސް އުޅުނީހީ އެ ހާލުގަ އެވެ. ނޫންހަމަ އަނިޔާތަކަށް ކެތް ނުވެގެން ކުއްޖާގެ ފުރާނަ ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވީމާ ފެންނަ ހުރިހާ ކަމަކީ އެމީހާ އާ ބެހޭ ކަމެއް ނޫނޭ ބުނެ އަޅާ ނުލުމަކީ ވެސް ރަނގަޅުކަމެއް ނޫންކަން މި ވާހަކައިން ލިބުނު އިބުރަތަކަށް ފުދެ އެވެ.