ލައިފްސްޓައިލް

ކްރައިމް ޝޯތައް ބަލާބަލާ މީހަކު މަރާހިތްވެގެން މީހަކު މަރާލައިފި

ކްރައިމް ޝޯތައް ނުވަތަ މާޑާ މިސްޓްރީޒް ތަކަކީ މި ފަހަކަށް އައިސް ގިނަ ބަޔަކު އެންމެ ބަލާހިތްވާ ޓީވީ ޝޯތަކަށް ވަނީ ވެފަ އެވެ.

މިފަދަ ސަސްޕެންސް އެކުލެވޭ ޑްރާމާތަކާއި ޑޮކިއުމެންޓްރީތައް ބެލުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. ހަގީގީ މުޖުރިމުންގެ ހަޔާތުގެ ވާހަކަތަކާއި އެމީހުން އެހެން މީހަކު ނުވަތަ ބަޔަކު މަރާލަން މެދުވެރިވީ ސަބަބުތައް މިފަދަ ސީރީޒް ނުވަތަ ފިލްމުތަކުގައި ކިޔައިދެ އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ވަރަށް ގިނަ ބަޔަކު މިފަދަ ޝޯތައް ބެލުމަށް މިހާރު ތިބީ ދެވިހިފާފަ އެވެ.

މިފަދަ ޝޯތައް ބަލާ ބައެއް މީހުންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އެ މީހުންގެ ވިސްނުމަށް ނޭދެވޭ ބަދަލުތަކެއް އާދެ އެވެ.

މިފަދަ ޝޯތައް ބަލާ ސައުތު ކޮރެއާ އަންހެނަކަށް ވެސް ވީ މިފަދަ ގޮތެކެވެ. އޭނާ އަކީ މީހުން މެރުމާ ގުޅޭ ހަގީގީ ހާދިސާތައް ކިޔައިދޭ ޝޯތައް ބެލުމަށް ނުވަތަ ކްރައިމް ސްޓޯރީޒް އަށް ދެވިހިފާފައި ހުރި އަންހެނެކެވެ. މިފަދަ ގިނަ އަދަދެއްގެ ޓީވީ ޝޯތައް ބެލުމުގެ އިތުރުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާ ބެހޭ ގޮތުން ލިޔެފައިވާ ފޮތްތައް ވެސް އެމީހާ ވަރަށް ގިނައިން ކިޔައި އުޅެ އެވެ.

ޖަންގް ޔޫ-ޖަންގް، 23، މިދިޔަ ބުދަ ދުވަހު ވަނީ ސައުތު ކޮރެޔާގެ ބުސަންގައި ހުއްޓާ ހައްޔަރުކޮށްފަ އެވެ. އޭނާގެ ކުށަކީ ވަރަށް ރޭވުންތެރިކަމާއެކު މީހަކު މަރާލައި އެ ކުށް ފޮރުވަން މަސައްކަތް ކުރުމެވެ.

ސައުތު ކޮރެޔާ ޓައިމްސް އިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޖަންގް އަށް ރަސްމީކޮށް މީހަކު މަރާލިކަމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ކޮރެޔާ ފުލުހުން ބުނި ގޮތުގައި މީހަކު މަރާލާހިތް ޖަންގް އަށް ވީ ކްރައިމް ޝޯތައް ބަލައި އެފަދަ ފޮތްތައް ކިޔާކިޔާ އެވެ.

ޖަންގް މަރާލި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެމީހަކީ ޕްރައިވެޓްކޮށް ޓިއުޝަންދޭ އަންހެން ޓިއުޓަރެއް ކަމަށް ބުނެފައި ވެއެވެ.

ޖަންގް މި ޓިއުޓަރު ހޯދީ އޮންލައިން ސައިޓަކުންނެވެ. މި މައްސަލަ ތަހުގީގުކުރާ ޓީމުން ބުނި ގޮތުގައި ޖަންގް އެ ޓިއުޓަރާ ގުޅީ ގްރޭޑް 9ގައި ކިޔަވާ ދަރިވަރެއްގެ މަންމައަކަށް ވެގެންނެވެ. އޭނާގެ ދަރިފުޅަށް އިނގިރޭސި މާއްދާއިން ޕްރައިވެޓް ޓިއުޝަން ބޭނުންވާ ކަމަށް ބުނެ އެވެ.

މި ގަތުލަށް ތިންމަސް ފަހުން ފުލުހުން ބުނެފައިވާ ގޮތުގައި ޓިއުޓަރު މަރާލުމުގެ ކުރިން ޖަންގް ވަނީ ގަބުރެއް ފޮރުވާނެ ގޮތާ ބެހޭ މައުލޫމާތު އޮންލައިންކޮށް ހޯދާފަ އެވެ. މި މައުލޫމާތު ފުލުހުންނަށް ލިބުނީ ޖަންގްގެ ފޯނު ރެކޯޑުތަކުންނެވެ.

މީގެ އިތުރުން މީހުން މަރާލާ ގޮތުގެ މައުލޫމާތު އެކުލެވޭ ފޮތްތައް ލައިބްރަރީން ގެނެސްގެން ޖަންގް ކިޔާފައި ވެއެވެ. އަދި މީހުން މަރައި އެމީހުންގެ ގަބުރު ފޮރުވައިގެން ގެންގުޅޭ މީހުން ކަންތައްތައް ކުރާ ގޮތް ދައްކާ ޓީވީ ޝޯތައް ވެސް ބަލާފައި ވެއެވެ. އަދި ވަޅި ހަރައިގެން މީހުން މަރާނެ ގޮތުގެ ޓެކްނިކްތައް ވެސް ދަސްކޮށްފައިވެ އެވެ.

ޓިއުޓަރު މަރާލުމުގެ ދެ ދުވަސް ކުރިން އޭނާ ޓިއުޓަރަށް ގުޅާފައި އެ ގެއަށް އޭނާގެ ދަރިފުޅު ކިޔަވަން ފޮނުވާނެ ކަމަށް ބުންޏެވެ. އަދި ޓިއުޓަރު މަރާލި ދުވަހު ޖަންގް އެ މީހާގެ ގެއަށް ދިޔައީ އޮންލައިންކޮށް ގަނެފައިވާ ޔުނިފޯމެއް ލައިގެން ސްކޫލް ކުއްޖަކަށް ހެދިގެންނެވެ.

ޖަންގް އަކީ ވަރަށް އިސްކޮޅުން ކުރު މީހަކަށް ވާތީ އެއީ ސްކޫލް ކުއްޖެއް ނޫން ކަމެއް ޓިއުޓަރަކަށް ވިސްނާލަކަށް ނޭނގުނެވެ. ޓިއުޓަރު ދޮރު ހުޅުވާލުމާއެކު ޖަންގް ވަނީ އޭނާގެ ގަޔަށް ވަޅި ހަރާފަ އެވެ. އަދި ގޭތެރެއަށް ވަދެ ޓިއުޓަރު މަރާލައި އޭނާގެ ގުނަވަންތައް ބުރިކުރުމަށްފަހު ކައިރީ ހުރި ފިހާރައަކަށް ގޮސް ބްލީޗް އާއި ގާބޭޖް ކޮތަޅު ގަނެގެން އައިސް ބުރިކޮށްފައިވާ ގުނަވަންތައް އެ ކޮތަޅުތަކަށް ލައި ބަންދުކޮށް އޭނާ ގެނައި ސޫޓްކޭހަކަށް އެޅި އެވެ. އަދި ސޫޓްކޭސް ހިފައިގެން ޓެކްސީއެއްގައި ޖަންގަލި ތެރެއަށް ވަދެ އެތަނުގައި ސޫޓްކޭސް ބަހައްޓާފައި ގެއަށް ދިޔައީ އެވެ.

ޖަންގް އުޅުނު ގޮތުން ޝައްކުވެގެން ފުލުހުންނަށް ގުޅީ އޭނާ ސޫޓްކޭސް ހިފައިގެން ދަތުރުކުރި ޓެކްސީގެ ޑްރައިވަރެވެ. ފުލުހުން އައިސް ބެލިއިރު މަރާލިމީހާގެ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން ސޫޓްކޭހަށް ނުލެވުނު ބައިތައް ޖަންގްގެ ގޭގައި ކަޅުކޮތަޅުތަކެއްގައި ހުއްޓެވެ.

ފުލުހުން ސުވާލުކުރުމުން ފުރަތަމަ ޖަންގް ހެދީ ދޮގެވެ. އޭނާ ބުނީ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގައި ޓިއުޓަރު މަރުވީ ކަމަށެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ ފުލުހުންނަށް ގަބޫލު ނުކުރެވި ސުވާލުތައް ކުރަން ފެށުމުން އެންމެ ފަހުން ޓިއުޓަރު މަރާލި ކަމަށް ޖަންގް ވަނީ އެއްބަސްވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޖަންގްއަށް ކުރެވުނު ކަންތަކާ މެދު އޭނާ ހިތާމަކުރެ އެވެ. އަދި ސައިކޯ މައްސަލަތަކެއް ޖަންގްގެ ހުރިތޯ ބަލަން ޓެސްޓްތައް ހަދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮރެއާ ޓައިމްސްގައި ބުނެފައިވާ ގޮތުގައި ކްރައިމް ޝޯތަކާއި ފިލްމުތައް ބަލާބަލާ އޭނާގެ ބޯ ގޯސްވީ ކަމަށް ޖަންގް ފަހުން ވަނީ އަމިއްލައަށް އެއްބަސްވެފަ އެވެ.