ލައިފްސްޓައިލް

ނުވަދިހައިގެ ބައެއް ހަނދާންތައް ވަރަށް ހާއްސަ!

ނުވަދިހައިގެ އަހަރުތަކުގެ ޖީލަކީ ވަރަށް "ހާއްސަ ޖީލެ" ކޭ މީހުން ބުނަނީ އެ ޖީލަކީ ވަކި ކަންތައްތަކެއް އެންމެ ފަހުން ތަޖުރިބާ ކުރިބަޔަކަށް ވާނެތީ އެވެ. ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ފުރާވަރަށް އަޅައި މިހާރު ބޮޑެތިވެފައިވާ ޖީލަށް ހާއްސަ ހަނދާންތަކެއް އާވާނެ އެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ވެސް ހުރެއެވެ.

އެންމެ ފަހުން މަގުމަތީ ކުޅެ އުޅުނު ޖީލަކީ އެއީ!

ނުވަދިހައިގެ ކުރީކޮޅު މާލޭގެ މަގަކުން ނުވަތަ ގޯޅިއަކަށް އެޅިޔަސް އަބަދުވެސް ކޮންމެވެސް ކުދިބަޔަކު މަގުމަތީގައި ފައިގަތަޅާ ކުޅޭނެ އެވެ. ފުޓުބޯޅަ އާއި ކިރިކެޓާއި ބެޑްމިންޓަން ކުޅޭތަން ފެނެއެވެ. ބައިސްކަލް ދުއްވާނެ އެވެ. ތޮއްޖެހިފައިވާ މާލޭގައި އޭރުވެސް ބޭރުގައި ކުޅެލާނެ ފުރުސަތެއް ނެތަސް މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި މަދުވެ، އަމާންކަމުން މައިންބަފައިން ވެސް ކުދިން މަގުމައްޗަށް ކުޅެން ފޮނުވާކަށް ހާހެއް ނުވެއެވެ.

ބައިސްކަލު ބައްތި

ބައިސްކަލު ދުއްވުމަކީ ވަރަށް އާއްމުކަމެކެވެ. ރޭގަނޑު ވެއްޖެޔާ ބައިސްކަލު ބައްތިއެއް ކޮންމެ މީހަކު އަތުގައި އޮވެއެވެ. މީހާރު އޭގެ ބައްތިއެއް ފެނިއްޖެނަމަ މޫނަށް ހިނިތުންވުން ގެނެސް ދެއެވެ. ފުރާވަރުގައި ރަށްޓެހިންނާއެކު ބައިސްކަލު ދުއްވި ދުވަސްތަކާއި ދުއްވަން ދަސްކުރި ހަނދާތއް އާވެގެންދެ އެވެ.

ގަނޑުފެން ގަންނަން ގޭގަށް ދިއުން

ރޯދަ މަހުގެ ދުވަސްތަކުގައި ގަނޑިން ހަވީރު 5:55 ވުމާއެކު އެއީ ގަނޑުފެން ގަންނަން ގޭގެއަށް ދާ ގަޑިއަށް އޮންނަނީ ވެފައެވެ. ފޯރުންތެރިކަން އާއްމުވެފައި ނުވުމާއި ހުރިހާ ގޭގައި އައިސްއަލަމާރީ ނުހުންނާތިވެ ރޯދަ މަހުގެ ރޯދަ ވީއްލުމަށް ތައްޔާރުކުރާ ޖޫހަށް އަޅަން ގަނޑުފެން ގަތުމަކީ އޭރު އާއްމު ކަމަކަށް ވިޔަސް މިހާރު މިއީ އެހެން ޒަމާނެކެވެ. ސުކޫލު ނިމުމުން ރަށްޓެހިންނާއެކު ގޭގެއަށް ގޮސް ލޮލީ އާއި ކިއްލި އާއި ހެލެނބެލި ހުތް ފަދަ ތަކެތި ގަނެގެން ކޭ ދުވަސްވަރަކީވެސް އެއީ އެވެ.

ޒެންޑޯ ފައިވާނާއި ކިޓޯ ފައިވާން

ޒެންޑޯ ފައިވާނާއި ކިޓޯ ފައިވާނަށް އެންމެން އެރިދުވަސްވަރަކީވެސް ނުވަދިހައިގެ އަހަރުތަކެވެ. އެ ފައިވާން އާއްމުވެގެން ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ނަލަ ހެދިގެން އަރާފައިވާނަކަށް ވެގެން ދިޔައެވެ.

ފުރާޅުމަތީ މަޑިއެއްލުން

ކޮންކްރީޓް ޖަންގައްޔަކަށް ވެފައިވާ މި މާލެ ސިޓީގައި ގޭގޭގެ ފުރާޅަށް އަރާ މަޑި އެއްލުން ވެސް ވެގެންދިޔައީ މަޖާ ކަމަކަށެވެ. މިހާރު މިއީ ހަމަ އެއްވެސް ގޮތަކަށް ފެންނާނެ މަންޒަރު ތަކެއް ނޫނެވެ.

މިއުޒިކާއި ލަވައިގެ ދުނިޔެއެއް

އެމެރިކާގެ މިއުޒިކް ބޭންޑްތައް ކަމަށްވާ "ބެކްސްޓްރީޓް ބޯއީޒް" އަދި ބޮއިޒޯން ފަދަ މިއުޒިކް ބޭންޑްތައް މަޝްހޫރުވެ އެ ބޭންޑްތަކުގެ ޕޯސްޓަރެއް ގޭގެ ފާރެއްގައި ތަތް ނުކުރާ ކުއްޖަކު މަދުވާނެ އެވެ.

ނޮކިއާ ފޯނުން ސްނޭކް ގޭމް ކުޅުން

މިއީ ނުވަދިހައިގެ ފަހުކޮޅުގައި ނަމަވެސް، މި ދުވަސްވަރު މިހާރުގެ ނަމުން ނަމަ ބައްތި ފޯނުން ގޭމް ކުޅުން މިއީ މަޖާ ކަމެކެވެ. އެހެންކަމުން ނުވަ ދިހައިގެ އަހަރުތަކުގައި ފުރާވަރަށްއަރައިގެން އައި ޖީލަކީ ވަރަށް ފޯރި ނެގި މަޖާ ޖީލެއް އަދި އޭގެ ބައެއް ކަންކަމަކީ އެ ޖީލަށް އެކަނި ހާއްސަ ކަން ކަމަށް ވެދާނެ އެވެ.