ލައިފްސްޓައިލް

ބަދަލު ކުރަންވީ ވިސްނުމާއި ފިކުރު

މާލެ ސަރަހައްދަކީ މީހުން ގިނަ ޓްރެފިކްގެ ބާރު އެހާބޮޑު ތަނެކެވެ. ހާއްސަކޮށް ސްކޫލް ގަޑިތަކުގަ އާއި އޮފީސް ގަޑި ތަކުގައި ފާހަގަ ކޮށްލެވެނީ އަބަދުވެސް ގިނަ އަދަދެއްގެ އެއްގަމު އުޅަނދުތައް މަގުތަކަށް ތޮއްޖެހިފައިވާ މަންޒަރެވެ. ސިނަމާލެ ބްރިޖާއި ހައިވޭއަށް ނަޒަރު ހިންގާލި ނަމަވެސް މީ ދޮގެކޭ ނުބުނެވޭނެއެވެ.

ދުއްވާ އެއްޗެތީގެ ބާރު ބޮޑުވުމުން ބައެއް ކަހަލަ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި މީހުންގެ ފުރާނަ ގޮސްފައި ވެއެވެ. ޓްރެފިކް ބާރު ބޮޑުވުމަށް ހައްލެއް މިއަދާ ހަމައަށް ލިބިފައި ނުވާ މި މާލެ ސަރަހައްދުގައި މި އޭރިޔާގައި ދުއްވުމަށް ހުއްދަދީފައިވާ ކިތައް އުޅަނދު ވޭތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ވަކި އަކުރެއް ދީފައިވާއިރު މިކަމަށް ސަމާލުކަން ދެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ދިރިއުޅުން އެހެން ރަށްރަށަށް ބަދަލު ކުރާއިރު އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ބަދަލު ނުކޮށް ބޭނުން ކުރަމުން ދެއެވެ.
ދެން ޖެހެނީ ސްޓިކާ ޖަހާ މައްސަލަ އެވެ. ސްޓްކާ ޖެހުމުން ގޯސްވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ އިދާރާ އެކެވެ. އަމިއްލަ ފަރުދީ ޒިންމާއެއް ވާކަން ގަބޫލު ކުރަނީ ވަރަށް މަދު ބައެކެވެ.

"މިސްކިތައް އަރާ ނަމާދު ކޮއްލައިގެން ފޭބިއިރު ސްޓިކާ ޖަހަފިއޭ" އަދި "ފިހާރައިން އެއްޗެއް ގަނެގެން ނުކުތްއިރު ސްޓިކާ ޖަހައިފިއޭ" ބުނެ ކުރާ ވަރަށް ގިނަ ޕޯސްޓްތައް ފެނެއެވެ. ސުވާލަކީ ސްޓިކާ ޖެހީ ގަވައިދާ ހިލާފުވީމާ ހެއްޔެވެ؟ އަމިއްލަ ފަރުދީ ޒިންމާގެ އިހުމާލެއް ވާކަން ގަބޫލު ނުކުރަން ހެއްޔެވެ؟

ޓްރެފިކް ވައިލެންސް ސްޓިކާ ޖެހުމުން ގޯސްވާ އުސޫލުން އަމިއްލަ ނަފްސުގެ އަމަލުތައް އިސްލާހު ކުރުމަށް އަޒުމް ކަނޑަ އެޅުމުން، ހަޔާތުގައި އިތުރު ވައިލެންސް ސްޓިކާ އެއް ނުޖަހާ ސަލާމަތް ވެވިދާނެއެވެ. ބަދަލު ކުރަންވީ ވިސްނުމާ ފިކުރުގެ އިތުރުން އަމަލުތަކެވެ.