ޕޮޕް ސްޓާ ޓޭލާ ސްވިފްޓްގެ ފޭނުން އޭނާގެ ކޮންސެޓްތަކަށް ދަނީ އެ ކޮންސެޓަށް ގޮސް ލިބޭ ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވެ އެވެ. އެމީހުންގެ އެންމެ ލޯބިވާ ތަރި ޕާފޯމްކުރާއިރު އެންމެ ހިނދުކޮޅަކަށްވެސް އެ މަންޒަރުން އެމީހުންގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރޭކަށް ބޭނުމެއް ނުވެ އެވެ. އަދި ސްވިޕްޓްގެ ފޭނުންގެ ތެރޭގައި އޭނާއާ ހެދި މޮޔަވެފައި ތިބޭ ގްރޫޕެއް ވެސް ތިބެ އެވެ.
މި ގްރޫޕްގެ މީހުން ސްވިޕްޓްގެ ކޮންސެޓްތައް ބަލަން ދަނީ ބޮޑެތި މީހުންގެ ޑައިޕާ ޖަހައިގެންނެވެ. އެއީ ފާޚާނާއަކަށް ދާން ވިޔަސް އެތަނުން ގުޑާ ނުލާ ހުރެ އެކަން ކުރެވޭނެ ގޮތް ހެދުމުގެ ގޮތުންނެވެ. ފާޚާނާއަށް ދާ ވަގުތުކޮޅު ވެސް ސްވިފްޓްގެ ލަވައިގެ ބައެއް ނުވަތަ ލަވައެއް ޕާފޯމްކުރާތަން ނުފެނިދާތީ އެފަދަ ފުރުސަތެއް އަޔަ ނުދިނުމަށެވެ.
ޓިކްޓޮކް އިން މި ވާހަކަ ފެނިފައި ގިނަ ބަޔަކު ހީކުރީ މީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް މި ވާހަކައަށް ކޮމެންޓުކުރި ބައެއް މީހުން ވަނީ ހަމަ ހަގީގަތުގައި ވެސް އެމީހުން ސްވިފްޓްގެ ކޮންސެޓު ބަލަން ޑައިޕާ ޖަހައިގެންދާ ކަމަށް އެއްބަސްވެފަ އެވެ. އަދި މި ވާހަކަ އަޑުއިވުމުން ކުރިމަގުގައި ކޮންސެޓުތަކަށް ދާއިރު އެމީހުން ވެސް މިގޮތަށް ކަންތައް ކުރާނެ ކަމަށް ބުނި މީހުން ވެސް ތިއްބެވެ.
ދާދިފަހުން އެމެރިކާގެ ހިއުސްޓަން، ޓެކްސަސްގައި ބޭއްވި ޓޭލާ ސްވިފްޓްގެ ކޮންސެޓުގައި ބައެއް މީހުން ޑައިޕާ ޖަހައިގެން ތިބި ފޮޓޯތައް ވެސް އިންޓަނެޓުގައި ދައުރުވުމުން މިއީ ހަމަ ހަގީގަތުގައި ވެސް ބައެއް މީހުން މިކަންކުރާ ގޮތް ކަން ޔަގީންވި އެވެ.
ޑައިޕާ ޖަހައިގެން ތިބި މީހުން ޑައިޕާ ރަނގަޅުކުރާ ތަން ފެނިފައިވާއިރު އަނެއް ބަޔަކު އެމީހުން ޖަހައިގެން ތިބޭ ޑައިޕާ ދައްކާފައިވަނީ ވަރަށް ފަޚުރުވެރިކަމާ އެކުގަ އެވެ. އަދި ކޮންސެޓްގެ އިޝްތިހާރާއެކު ޑައިޕާ ޖަހަން ހަނދާން ކޮށްދީ ނުވަތަ ހިތްވަރުދޭ މެސެޖުތައް ވެސް ބައެއް މީހުން ޝެއާ ކޮށްފައި ވެއެވެ.