ލައިފްސްޓައިލް

"ސައުދީ އައިޑަލް" ބާއްވަނީ

ސައުދި އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން އާއި އެމްބީސީ ގުރޫޕުން ގުޅިގެން މަޝްހޫރު ލަވަ ޓެލެންޓް ޝޯ އައިޑަލް ފްރެންޗައިޒްގެ ދަށުން "ސައުދީ އައިޑަލް" ބާއްވަން ތައްޔާރުވަމުންދާ ކަމަށް އިއުލާންކޮށްފި އެވެ.

ޖީއީއޭގެ ޗެއާމަން ތުރްކީ އަލް-ޝޭހް ވިދާޅުވީ "ސައުދީ އައިޑަލް"ގެ ފުރަތަމަ ސީޒަން ފަށާނީ މިއަހަރުގެ ޑިސެމްބަރު ގައެވެ.

އެމްބީސީއިން ބުނި ގޮތުގައި ސައުދީ އައިޑަލް ޓެލެންޓް ޝޯގެ ޝޫޓިން ކުރިއަށް އޮތް އޮކްޓޫބަރު މަހު ފަށާނެ އެވެ.

މި ޝޯގައި ޖަޖުންގެ ގޮތުގައި ތިބޭނީ ސައުދީ އާއި ޔަމަނަށް ނިސްބަތްބވާ ލަވަކިޔުންތެރިޔާ އަސީލް އަބޫ ބަކުރާއި ޔޫއޭއީގެ ލަވަކިޔުންތެރިޔާ އަހްލާމް އާއި ސީރިއާގެ ލަވަކިޔުންތެރިޔާ އަސާލާގެ އިތުރުން އިރާގާއި ސައުދީ ނިސްބަތްވާ މިއުޒިކް ކޮމްޕޯޒަރު މަޖީދް އަލް މޯހަންދިސް އެވެ.

ސައުދީ އައިޑަލް އަކީ ސައުދި އަރަބިއްޔާގައި މިއުޒިކް އިންޑަސްޓްރީ ތަރައްގީކުރުމަށް ބާއްވާ ޓެލެންޓް ޝޯއެކެވެ.

އައިޑަލް ފްރެންޗައިޒް ބިނާކޮށްފައިވަނީ 2001 ގައި ސައިމަން ފުލާ ހެދި ބްރިޓިޝް "ޕޮޕް އައިޑަލް" އަށެވެ.

މި ފްރެންޗައިޒްގެ ދަށުން އެމެރިކަން އައިޑަލް، އޮސްޓްރޭލިއަން އައިޑަލް، އިންޑިއަން އައިޑަލް، ސިންގަޕޯ އައިޑަލް އަދި ރާއްޖޭގައި މޯލްޑިވިއަން އައިޑަލް ފަދަ ޝޯތައް ކުރިއަށް ގެންގޮސްފައިވެ އެވެ.