ލޯތްބަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ވެވިދާނެ އެއްޗެއްކަން މި ދެ މީހުން ވަނީ މިސާލުން ދައްކާފަ އެވެ.
ޕާކިސްތާނުގެ މި ދެ މީހުންގެ ތެރެއިން އަންހެން މީހާ އަށް އަދި 18 އަހަރެވެ. ފިރިހެން މީހާ އަށް 55 އަހަރެވެ.
މި ދެ މީހުންގެ އާދަޔާޚިލާފު ލޯބީގެ ވާހަކައިން ހައިރާންވީ ހަމައެކަނި މި ޚަބަރު އަޑުއެހި މީހުން އެކަންޏެއް ނޫނެވެ. މި ދެ މީހުންގެ އާއިލާގެ މީހުން ވެސް ތިބީ މި ވާހަކައާ މެދު ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
މި ދެ މީހުން ބުނާ ގޮތުގައި އެމީހުންނަށް ލޯބި ވެވުނީ ބޮބީ ޑެއޯލްގެ ލަވައަކުންނެވެ.
މުސްކާން، 18، ޕާކިސްތާނުގައި ދިރިއުޅޭ ގެ ހުންނަނީ ފާރޫގު، 55، ދިރިއުޅޭ ގޭގެ ކުރިމަތިންނެވެ.
މުސްކާން އަކީ ވަރަށް ލަވަ އަޑުއަހައި ލަވަ ކިޔަން ލޯބިކުރާ ކުއްޖެކެވެ. ފާރޫގަށް މުސްކާން ލަވަ ކިޔާ އަޑު ވަރަށް ގިނައިން އިވި އެ އަޑާ ވަރަށް ގަޔާ ވެވުނެވެ.
މުސްކާން ކިޔާ ލަވަތަކުގެ ޖާދޫގައި ޖެހިގެން ފާރޫގު އެގެޔަށް ދާން ފެށި އެވެ. މުސްކާން އަށް ފާރޫގު އޭނާއާ ގަޔާވާކަން އެނގުމުން ބޮބީ ޑެއޯލްގެ "ބާދަލު"ގެ ލަވައެއް ކަމަށްވާ 'ނާ މިލޯ ހަމްސޭ ޒިޔާދާ' (އަހަންނާ މާ ގިނައިން ބައްދަލު ނުކުރާށެވެ) މި ލަވައިން އޭނާގެ އިހްސާސްތައް ވައްބަހުން ފާރޫގަށް ހާމަކުރަން ފެށި އެވެ.
ފާރޫގު ބުނާ ގޮތުގައި އެންމެ ފުރަތަމަ ލޯބިވާ ވާހަކަ ބުނީ މުސްކާން އެވެ. މުސްކާން ލަވަކިޔާލެއް އޭނާއަށް ވަރަށް ރީތިކަމަށާއި މުސްކާން އަށް ކަމުދިޔައީ ފާރޫގުގެ ވާހަކަ ދެއްކުމުގެ ސްޓައިލް ކަމަށް އޭނާ ބުންޏެވެ.
ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވިއްޖެކަން އެނގުމުން ކައިވެނި ކުރަން މަސައްކަތް ފެށި ނަމަވެސް ދެ ފަރާތުގެ އާއިލާއިން މި ކައިވެންޏާ ދެކޮޅު ހެދި އެވެ. ނަމަވެސް އެމީހުން ވަނީ އާއިލާ އާއި މުޖުތަމައުގެ ނުރުހުމާއެކު ވެސް ކައިވެނި ކޮށްފަ އެވެ.
އުމުރުން 55 އަހަރުވެފައި ވިޔަސް ފާރޫގު މީގެ ކުރިން ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. މުސްކާން އާއި ފާރޫގު ބުނާ ގޮތުގައި އުމުރުގެ ތަފާތު ކިތަންމެ ބޮޑަސް އެމީހުންގެ ކައިވެނި ވަރަށް އުފާވެރި އެވެ.