ތިން އަނބިން ގެންގުޅޭ ޕާކިސްތާނު މީހަކަށް 60 ވަނަ ދަރިފުޅު ލިބިއްޖެ އެވެ. އަދި ކުރިމަގުގައި އިތުރު ދަރިން ހޯދަން މަސައްކަތް ކުރާނެ ކަމަށް އެމީހާ ބުންޏެވެ.
ސަރްދާރް ޖާން މުހައްމަދު ޚާން ޚިލްޖީގެ އުމުރުން މިހާރު 50 އަހަރެވެ. އޭނާގެ 60 ވަނަ ދަރިފުޅު ހާޖީ ކުޝަލް ޚާން އުފަންވީ މިދިޔަ ހަފުތާގަ އެވެ.
މި މީހާ އަކީ ކުއެޓާ ސިޓީގެ އެސްޓާން ބައިޕާސް ކައިރީގައި ދިރިއުޅޭ ޑޮކްޓަރެކެވެ. ތިން މީހުންނާ ކައިވެނިކޮށްގެން އުޅޭއިރު މުޅި ހިސާބުގަނޑަށް މި ޑޮކްޓަރު މަޝްހޫރުވެފައިވަނީ ބޮޑު އާއިލާއެއް ގެންގުޅޭ މީހެއްގެ ގޮތުގަ އެވެ.
ޚިލްޖީ ބުނި ގޮތުގައި ހަތަރު ވަނަ ކައިވެންޏެއް ކުރަން މީހަކު ހޯދަން މިހާރު އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރެން ރައްޓެހިން ކައިރީގައިވެސް ބުނެގެން މި އުޅެނީ ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދުމަށް އެހީތެރިވެދޭށޭ،" ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ޚިލްޖީ ބުންޏެވެ.
އާ އަންބެއްގެ އިތުރުން އިތުރު ދަރިން ހޯދުމުގެ އުންމީދު ވެސް ޚިލްޖީ ކުރެ އެވެ. ހާއްސަކޮށް އަންހެން ދަރިން އޭނާ އަދި އިތުރަށް ބޭނުމެވެ.
އާއިލާ ބޮޑުކުރުމުގެ ވިސްނުމުން އަދިވެސް ޚިލްޖީ ގެންގުޅޭއިރު އާއިލާގެ އެންމެން ބޮޑު އެއް ގޭގައި ގެންގުޅުމަކީ ވެސް ޚިލްޖީގެ ހުވަފެނެކެވެ. ނަމަވެސް އަމިއްލަ ގައުމު ޕާކިސްތާނުގެ އިންފްލޭޝަން ރޭޓް މަތިވަމުން ދިއުމަކީ ޚިލްޖީ އަށް އޮތް ކަންބޮޑުވުމެކެވެ.
"ވިޔަފާރިތައް ހުއްޓުމަކަށް އަތުވެއްޖެ. ގޮދަން ފުށާއި ހަކުރާއި ގިތެޔޮ ފަދަ އާއްމު މުދަލުގެ އަގު ތިން ގުނަ މަތިވެއްޖެ. ފާއިތުވީ ތިން އަހަރު ޕާކިސްތާން އެކަންޏެއް ނޫން މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވަނީ އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކޮށްފައި،" ޚިލްޖީ ބުންޏެވެ.
ނަމަވެސް އަނބިންނާއި ދަރިންނަށް ބޭނުންވާ ހުރިހާ ޒަރޫރީ ބޭނުންތަކެއް ފުއްދާ ދިނުމަށް ޚިލްޖީ ވަނީ އަޒުމު ކަނޑައަޅާފަ އެވެ.
ޚިލްޖީ އެންމެ ބޭނުންވާ އެއް ކަމަކީ އޭނާގެ ބޮޑު އާއިލާ ގޮވައިގެން ދުރު ތަންތަނަށް ދަތުރު ކުރުމެވެ. ނަމަވެސް ގިނަ އަދަދެއްގެ ވެހިކަލް ކުއްޔަށް ހިފަން ޖެހޭތީ މިއީ އޭނާއަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.
"އާއިލާ ގޮވައިގެން ދަތުރެއް ކޮށްލަން ސަރުކާރުން އަހަންނަށް ބަހެއްގެ ހިދުމަތް ފޯރުކޮށްދީފިނަމަ ހުރިހާ ކުދިން އެ ބަހަށް އަރުވައިގެން އަހަރެން ދަތުރެއް ކޮށްލާނަން،" މުޅި ޕާކިސްތާނުގެ ހުރިހާ ކަންކޮޅަކަށް ދަރިން ގޮވައިގެން ދަތުރުކޮށްލަން ބޭނުންވާ ޚިލްޖީ ބުންޏެވެ.