ކައިވެނީގެ ހަދިޔާގެ ގޮތުގައި ބައެއް ފިރިހެނުން އެމީހުންގެ އަލަތު އަނބިންނަށް ވަރަށް އަގުބޮޑު ހަދިޔާތައް ދެއެވެ. އެއްބައި މީހުން އަލިމަހުގެ އަނގޮޓިދޭއިރު ރަނުގެ އަގުބޮޑު ގަހަނާތައް ދޭ މީހުން ވެސް މަދެއް ނޫނެވެ. އަދި އަގުބޮޑު ކާރާއި ފަރުނީޗަރު ފަދަ ތަކެތި ވެސް ދީ އުޅެ އެވެ. ގިނަ މީހުން ކައިވެނީގެ ހަދިޔާއަށް ދޭން ވިސްނަނީ ކިތަންމެ ޒަމާނެއްވިޔަސް ބޭނުން ހިފޭ ކަހަލަ އެއްޗިއްސެވެ. ނަމަވެސް ކައިވެނީގެ ހަދިޔާގެ ގޮތުގައި ޖަނަވާރެއް ޚާއްސަކޮށް ހިމާރެއް ފަދަ އެއްޗެއް ދޭނީ ވަރަށް މަދު މީހެއްކަން ޔަގީނެވެ. ދާދިފަހުން ޕާކިސްތާނުގައި ކުރި ކައިވެންޏެއްގައި ފިރިހެންމީހާ އޭނާގެ އަލަތު އަނބިމީހާ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދީފައިވަނީ ހިމާރެކެވެ.
މިއީ ފިރިހެންމީހާ ވަރަށް ވިސްނާފައި ދިން ހަދިޔާ އެކެވެ. މިފަދަ ހަދިޔާއެއް ދޭން އޭނާ ގަސްތުކުރީ މިއީ އެ ދެ މީހުންގެ ހިތުގައި ވެސް ވަރަށް ޚާއްސަ ލޯތްބެއް އޮތް އެއްޗަކަށް ވާތީ އެވެ.
ޕާކިސްތާނުގެ ޔޫޓީއުބާ އަޒްލާން ޝާހް އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި އޭނާ އާއި އަންހެނުން ވަރީޝާގެ ކައިވެނީގެ ހަފުލާއަށް ހިމާރެއް ވައްދާތަން ފެނެ އެވެ. އަދި ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެކުވެރިންގެ ކުރިމަތީގައި އަޒްލާން ވަނީ އޭނާގެ އަލަތު އަނބިމީހާ ވަރީޝާ އަށް މި ހަދިޔާ ދީފަ އެވެ.
އަޒްލާން ބުނި ގޮތުގައި މި ހަދިޔާ ދިނުމުގެ އަޑީގައި ވަރަށް ރަނގަޅު މަގްސަދެއް ވެއެވެ. މި ހަދިޔާގެ އެންމެ މައިގަނޑު އެއް މަގްސަދަކީ އޭނާގެ އަންހެނުން ހިމާރު ދެކެ ލޯބިވުމެވެ. އަދި ޚުދް އޭނާވެސް ހިމާރު ދެކެ ވަރަށް ލޯބިވާ ކަމަށް އަޒްލާން ބުންޏެވެ.
މި ދެމަފިރިން އެ ހިމާރަށް ކިޔާފައިވަނީ "ބޯލާ" އެވެ. އަދި ހިމާރު އެޑޮޕްޓްކުރަން ވެސް އެމީހުން ވަނީ ނިންމާފަ އެވެ. އަދި އެއާއެކު ފޮޓޯ ޝޫޓެއް ވެސް ކައިވެނީގެ ހަފުލާގައި އެމީހުން ވަނީ ބާއްވާފައެވެ.
ހަދިޔާއަކަށް ބޯލާ ދިން އިރު އެ ސޮރުގެ މަންމަ ވެސް މި ޕާޓީއަށް ގެނައެވެ. އަޒްލާން ބުނި ގޮތުގައި ބޯލާގެ މަންމަ އާއި ބޯލާ ވަކިކުރާކަށް އެމީހުން ބޭނުމެއް ނޫނެވެ. އެހެންވެ ބޯލާ އާއެކު އެމީހުންގެ ގޭގައި ބޯލާގެ މަންމަ ވެސް ދިރިއުޅޭނެ އެވެ.