ޕާކިސްތާނުގެ 60 އަހަރުގެ ފިރިހެނަކު މަރުވުމުގެ ކުރިން 100 ކައިވެނި ހަމަކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.
މިހާތަނަށް އެމީހާ 26 މީހުންނާ ކައިވެނިކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން 22 އަނބިން ވަނީ ވަރިކޮށްފަ އެވެ. އެމީހާ ކައިވެނި ކުރި މީހުންގެ ތެރޭގައި އޭނާއަށް ކާފަ ކިޔާ އުމުރުގެ ކުދިންވެސް ހިމެނެ އެވެ.
މި މީހާ ބުނި ގޮތުގައި 100 ކައިވެނި ހަމަކުރުމަކީ އޭނާގެ ހުވަފެނެކެވެ. އަދި އެވަރަކުން ވެސް ނުނިމެ އެވެ. މީގެން ކޮންމެ ކައިވެންޏަކަށް ދަރިން ވެސް އޭނާ ބޭނުންވެއެވެ.
އޭނާ މިހާތަނަށް ކައިވެނިކުރި ކޮންމެ މީހަކު ވެސް ދަރިއަކު ލިބޭއިރަށް ވަރިކޮށްފައި ވެއެވެ.
މި މީހާގެ ވީޑިއޯއެއް ޖިޔޯތު ޖީތު ކިޔާ މީހަކު ޓުވިޓާގައި ޝެއާ ކުރުމުން މި ޕޯސްޓް ވައިރަލްވެ އެތައް މިލިއަން ބަޔަކު މި ވީޑިއޯ ބަލާފައި ވެއެވެ. މި ވީޑިއޯގައި ފެންނަނީ ކޮންމވެސް މީހަކު 60 އަހަރުގެ މީހާއާ އިންޓަވިއު ކުރާ ތަނެވެ. މި އިންޓަވިއު ދޭއިރުވެސް މި ފިރިހެންމީހާގެ ކައިރީގައި އޭނާގެ ޒުވާން އަނބިންތަކެއް ތިބެ އެވެ.
މި ވަގުތު އެމީހާގެ ހަތަރު އަނބިން އެބަތިއްބެވެ. އެ މީހުންގެ އުމުރު އުޅެނީ 19-20 އަހަރު ގައެވެ. މިއަށްވުރެ ދޮށީ އެންމެ އަންބެއް ވެސް ނެތެވެ.
މި މީހާ ވަރަށް ސާބިތުކަމާއެކު ބުނެފައިވަނީ މި އަނބިންނަށް ވެސް ދަރިއަކު ލިބޭއިރަށް ވަރި ކުރާނެ ކަމަށެވެ. މި މީހާގެ މަގްސަދު ކައިވެނީގެ ކުރިން އެނގިފައި އޮތަސް މި ޒުވާން އަންހެންކުދިން މި މީހާ އާ ކައިވެނިކުރަން އެއްބަސްވާ ސަބަބެއް ނޭނގެ އެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ބުނީ މިއީ ހައިރާންވާ ކަހަލަ ވާހަކަތަކެއް ދައްކާ މީހެއް ކަމަށެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި 100 ކައިވެނިކޮށް 100 ވަރި ކުރަން ބޭނުންވާ ކަމަށް ފިރިހެންމީހާ ބުނެފައި ވާތީ އެވެ.
އެމީހާ ބުނި ގޮތުގައި މިހާރުވެސް އޭނާގެ 22 ދަރިން އެބަތިއްބެވެ. މި ހުރިހާ ދަރިން ވެސް ދިރިއުޅެނީ އެ ދަރިންގެ މަންމައިން ކައިރީގަ އެވެ. ކޮންމެ މީހަކުވެސް ވަރިކުރަނީ ދިރިއުޅޭނެ ގެއެއް ދީފައި ކަމަށާއި އެމީހުންނަށް ބަރާބަރަށް ޚަރަދުކުރާ ކަމަށްވެސް ފިރިހެންމީހާ ބުންޏެވެ.