ބޮލީވުޑްގެ ބައެއް ލޯބީގެ ފިލްމުތަކަކީ ފިލްމު ބަލާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ފިލްމު ތަކެކެވެ. މިފަހަރު މިއީ މިފަދަ ހަގީގީ ލޯބީގެ ވާހަކަ އެކެވެ.
އައިޝާ އަކީ ޕާކިސްތާނުގެ ވަރަށް މުއްސަނދި އާއިލާއެއްގެ އަންހެނެކެވެ. އައިޝާ އަށް ލޯބިވެވުނީ ވަރަށް ފަގީރު މީހަކާ އެވެ. ޖިސެން ނަމަކަށް ކިޔާ މި މީހާއަކީ އައިޝާގެ ކާރުގެ ޓަޔަރު ފަޅައިގެން ދިއުމުން ޓަޔަރު އަޅުވައިދޭން އުޅުނު ޓެކްނީޝަނެކެވެ.
މިހާރު އައިޝާ އާއި ޖިސެން ވަނީ ކައިވެނިކޮށްފަ އެވެ. އަދި އެ ދެ މީހުންގެ ލޯބީގެ ވާހަކަ ޔޫޓިއުބުގައި ވާހަކަ ގެނެސްދޭ ސައިދު ބާސިތު އަލީ އަށް ދިން އިންޓަވިއު އެއްގައި ކިޔައިދީފައި ވެއެވެ.
މި ވީޑީއޯ ފެށޭއިރު ސައިދު މި ދެމަފިރިން ތައާރަފްކޮށްދެ އެވެ. އޭނާ ބުނި ގޮތުގައި ޖިސެން އާ ބައްދަލުކުރާ ހިތުން އޭނާ ކައިރިއަށް ދާހިތުން އައިޝާ ގަސްދުގައި އެތައް ފަހަރަކު އޭނާގެ ކާރުގެ ޓަޔަރު ފަޅާލާފައި ވެއެވެ. އޭގެ ފަހުން އައިޝާ ވަނީ އޭނާ އާއި ޖިސެން ބައްދަލުވީ ގޮތާއި އެ ދެމެދުގައި ލޯބީގެ ގުޅުން އުފެދިގެން އައި ގޮތް ކިޔައިދީފަ އެވެ.
އައިޝާ ބުނި ގޮތުގައި އެއް ދުވަހަކު އޭނާގެ ކާރު ޓަޔަރު ހަމަ އަސްލު ފަޅައިގެން ދިޔައީ އެވެ. ޓަޔަރު މަރާމާތުކުރަން އޭނާ ފުރަތަމަ ދިޔައީ އެހެން މީހެއް ގާތަށެވެ. އޭނާއަށް އެކަން ވާގޮތް ނުވުމުން ކާރު ކޮއްޕާފައި ގެންދިޔައީ ޖިސެން މަސައްކަތްކުރާ ވޯކްޝޮޕް ކައިރި އަށެވެ. އޭނާ އާ ޖިސެން އާ ފުރަތަމަ ބައްދަލުވީ އެ ފަހަރު އެވެ.
އެ ދުވަހު އައިޝާ އަށް ޖިސެން ކަންތައް ކޮށްދިނީ ވަރަށް ރަނގަޅަށެވެ. ޓަޔަރު ރަނގަޅުކޮށް އެޅުވެންދެން އޭނާ ތަނެއްގައި ބައިންދާ ސައި ވެސް ދިނެވެ. ޖިސެންގެ ރަނގަޅުކަމުން ފުރަތަމަ ބައްދަލުވުމުން ވެސް އައިޝާ އަށް ޖިސެން ކަމުދިޔަ އެވެ. އަދި ގަސްދުގައި ޓަޔަރު ފަޅާލައިގެން ގިނަ ގިނައިން ޖިސެން ކައިރިއަށް ދާން ފެށި އެވެ.
މިހާރު ދެ މީހުން ކައިވެނިކޮށް ވަރަށް އުފަލުގައި ދިރިއުޅެމުންދާ ކަމަށް އައިޝާ އާއި ޖިސެން ބުންޏެވެ.