ލައިފްސްޓައިލް

މަލާލާ އާއި ފިރިމީހާގެ "ދާ އިސްޓާކީނު"ގެ މަޖާ ވާހަކައެއް

ނޯބެލް ޕީސް ޕްރައިޒް ލިބިފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީ ޓުވިޓާގައި ދާދިފަހުން ޝެއާ ކުރި ޕޯސްޓެއްގައި ކައިވެންޏަށްފަހު އޭނާ ފިރިމީހާއާ އެކު ދިރިއުޅެމުންދާ ގޮތް ކުޑަކޮށް ފެނިފައި ވެއެވެ. އަދި މި ޓުވީޓު ކިޔާފައި އިންޓަނެޓުގައި ވަރަށް ގިނަ މީހުން މި ޓުވީޓް ވަރަށް މަޖާ އެއްޗަކަށް ވެގެން އުޅެފައި ވެއެވެ.

އުމުރުން 25 އަހަރުގެ މަލާލާގެ މި ޓުވީޓުގައި އޭނާ ވަނީ ފިރިމީހާގެ ދާ އިސްޓާކީނެއް އެމީހުން ދިރިއުޅޭ ގޭގެ ސިޓިން ރޫމް ސޯފާ މައްޗަށް އެއްލާލާފައި އޮއްވާ ފެނިގެން އެ ގެންގޮސް ކުނިއެއްޗަށް ލާ މަންޒަރު ފެނެ އެވެ.

"މި އިސްޓާކީނު ސޯފާ މަތީ އޮއްވާ ފެނުމުން މިއީ އޭނާގެ އިސްޓާކީނެއްތޯ އައްސަރު މަލިކު ކައިރީ އެހިން. އޭނާ ބުނި އިސްޓާކީނު އޮތީ ދާވެފައި ކަމަށާއި އަހަރެން އެ ނަގާށޭ. އެހެންވެ އަހަރެން އެ ނަގައިގެން ގެންގޮސް ކުނިއެއްޗަށް ލައިފިން،" މަލާލާ ލިޔެފައި ވެއެވެ.

އޭނާގެ މި ޕޯސްޓަށް އެންމެ ގިނައިން ލައިކް ދީ ކޮމެންޓް ކޮށްފައި ވަނީ އަންހެނުންނެވެ. އެމީހުން ބުނެފައިވަނީ އޭނާ އެ ހެދީ ހަމަ ރަނގަޅަށް ކަމަށެވެ.

މަލާލާގެ މި ޕޯސްޓް ވައިރަލް ވުމުން އޭނާގެ ފިރިމީހާ އަދި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ މެނޭޖަރު އައްސަރު މަލިކު ވަނީ ޓުވިޓާގައި ޕޯލް އެއް ކްރިއޭޓްކޮށް މަލާލާ އެކަންތައް ކުރި ގޮތާ މެދު މީހުންނަށް ފެންނަ ގޮތަކަށް ވޯޓު ދޭން އެދިފަ އެވެ.

"ސޯފާ މަތީ އޮތް އިސްޓާކީނު އޮތީ ދާވެފައޭ މީހަކު ބުނެފިނަމަ ކަލޭމެން ހަދާނީ ކިހިނެއް؟" އައްސަރުގެ ޕޯލްގެ ސުވާލަކީ މިއެވެ. މި ޕޯލްގައި އޭނާ ދީފައިވަނީ ދެ އޮޕްޝަނެކެވެ. އެއީ އިސްޓާކިނު އެއްލާލާނީތޯ ނުވަތަ ނޫންތޯ އެވެ.

އިސާހިތަކު މި ޕޯލް އަށް 1.3 މިލިއަން މީހުން ރެސްޕޮންޑްކުރި އެވެ. އަދި ގިނަ ބަޔަކު ވަނީ މި ޓުވީޓް އަލުން އެމީހުންގެ އެކުވެރިންނަށް ފޮނުވާ ފައެވެ.

ޕޯލް އަށް ވޯޓު ދިން ގިނަ މީހުން މަލާލާއަށް ތައުރީފުކުރަމުން ބުނެފައިވަނީ އޭނާ އެކަންތައް ކުރީ ހަމަ ރަނގަޅަށް ކަމަށާއި އެ މީހުން ނަމަވެސް އެ އެއްލާލާނެ ކަމަށެވެ. އަދި މި ޕޯލްގައި ތިންވަނަ އޮޕްޝަނެއް އިންނަމަ ރަނގަޅުވީސް ކަމަށްވެސް އެކަކު ލިޔެފައި ވެއެވެ. އެ އޮޕްޝަނަކީ އެ އިސްޓާކީނު ސޯފާ މަތީ ބޭއްވި މީހަކު އެ ނަގަންދެން އެ އެތާގައި ބޭއްވުމެވެ.

ޕާކިސްތާނުގައި ދިރިއުޅުނު އެ ގައުމުގެ ރައްޔިތެއް ކަމަށްވާ މަލާލާ އޮކްޓޯބަރު 9، 2012 ގައި ސްކޫލުން ގެއަށް ދަނިކޮށް މީހަކު ކުއްލިއަކަށް އޭނާގެ ބޮލަށް ބަޑި ޖަހައި ޒަޚަމްކޮށްލި އެވެ. ފަޒުލުއްލާ އާއި ތާލިބާނުން މިކަމުގެ ޒިންމާ އުފުލި އެވެ. އޭރު މަލާލާއަށް 15 އަހަރެވެ.

ތާލިބާނުން މަލާލާ މަރާލަން މަސައްކަތްކުރީ ޒުވާން އަންހެން ކުދިންނަށް ތައުލީމު ލިބެން ޖެހޭނެކަމަށް ބުނެ އޭނާ އެކަމަށް ވަކާލާތުކުރާތީ އެވެ.

މަލާލާގެ ފުރާނަ ސަލާމަތްވީ އިނގިރޭސިވިލާތުގެ ބާމިންހަމްއަށް ގެންގޮސްގެން ވަރަށް ބޮޑެތި ސާޖަރީތައް ހަދައިގެންނެވެ. އަދި އޭގެ ފަހުން އުމުރުން 17 އަހަރުގައި މަލާލާ އަށް ނޯބައިލް ޕްރައިޒް ލިބުނެވެ.

މަލާލާގެ ފުރާނައަށް އަދިވެސް ނުރައްކާ އޮތުމުން އޭނާއަށް އިނގިރޭސި ވިލާތުން ހިމާޔަތްދީ މިހާރު ދިރިއުޅެނީ އެ ގައުމުގަ އެވެ.