އިންޓަނެޓުގައި އެމީހަކު ބޭނުން ކަމެއް ބޭނުން ގޮތަކަށް ކޮށްލުމުގެ މިނިވަންކަން އޮންނާތީ އެ މިނިވަންކަމުގެ ބޭނުން އެކި މީހުން ކުރަނީ އެކި ގޮތަށެވެ.ބައެއް މީހުން އަމިއްލައަށް ނަށާފައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެ އެވެ. އަނެއް ބަޔަކު ކުރާ ކަމަކީ އެ މީހަކަށް ކިޔުނު ރާގަކަށް ކިޔުނު ގޮތަކަށް ލަވަ ކިޔާފައި ސޯޝަލް މީޑިއާގައި ޝެއާ ކުރުމެވެ.
ބަންގްލަދޭޝްގެ "ހީރޯ" އާލޮމް އަކީ ވެސް މިފަދަ މީހެކެވެ.
"ހީރޯ" އާލޮމްގެ އަސްލު ނަމަކީ އަޝްރަފުލް ހުސޒއިން އާލޮމް އެވެ. އޭނާ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވަނީ ލަވަކިޔާލެއް ހުތުރުކަމުން މީހުން އޭނާ ދެކެ ވާ ފޫހިންނެވެ.
މޮޅު ލަވަކިޔުންތެރިން ކިޔާފައި ހުންނަ ރީތި ކްލެސިކަލް ލަވަތައް އެއްވެސް ރާގެއް ހަމައެއް ލަމައެއް ނެތި ކިޔައިގެންނެވެ. އޮލަމް ކިޔާ ލަވަތައް ކިތަންމެ ބޮލަށް އުނދަގުލަސް ގިނަ ބަޔަކު އެ ލަވަތައް ބަލަ އެވެ.
މިކަން ޔަގީންވަނީ ފޭސްބުކްގައި އޮލަމް ފޮލޯކުރާ ދެ މިލިއަނަށް ވުރެ ގިނަ މީހުން ތިބީމަ އެވެ. އަދި ޔޫޓިއުބުގައި އޭނާގެ ލަވަތައް ބަލާ އެ ފޮލޯކުރާ މީހުންގެ އަދަދު 1.5 މިލިއަނަށް އަރާފައި ވާތީ އެވެ.
އާލޮމް އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އޭނާ އެންމެ ފަހުން ކީ ދެ ގަޒަލް އަށެވެ. އެއީ ގިނަ ބައެއްގެ ގަދަރާއި ލޯބި ހޯދާފައިވާ ދެ ޝަޚްސިއްޔަތުން ކަމަށްވާ ރަބިންދުރަނާތު ޓޭގޯ އާއި ބަންގްލަދޭޝްގެ މަޝްހޫރު ޝާއިރު ކާޒީ ނަޒުރުލް އިސްލާމްގެ ދެ ލަވަ އެކެވެ.
އާލޮމް ކީ މި ދެ ލަވައަކީ ބަންގްލަދޭޝްގެ ގައުމީ ޚަޒާނާއެއްގެ ގޮތުގައި ދެކޭ ދެ ލަވަ އެވެ. އެހެންވެ އޭނާގެ އެއްވެސް ރާގެއް މަޚުރަޖެއް ނެތި މި ދެ ލަވަ ކިޔާފައި ސޯޝަލް މީޑިއާގައި ޝެއާކުރުމާއެކު މީންހުތައް ރުޅިގަދަވެގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.
އޭއެފްޕީއަށް ދިން އިންޓަވިއު އެއްގައި އާލޮމް ބުނީ ފުލުހުން އޭނާއަށް ނަފްސާނީ ގޮތުން އަނިޔާ ދީފައިވާ ކަމަށެވެ. އަދި ކްލެސިކަލް ލަވަތައް ކިޔުން ހުއްޓާލަން އެންގި ކަމަށެވެ. އަދި ލަވަކިޔުންތެރިއަކަށް ވެވޭވަރަށް ވުރެ އޭނާގެ އަޑު މާހުތުރުކަމަށް ފުލުހުން ބުނި ކަމަށާއި މައާފަށް އެދި ލިޔުމެއް ލިޔުއްވާ އޭގައި ސޮއިކުރުވި ކަމަށް ވެސް އާލޮމް ބުންޏެވެ.
"ހެނދުނު 6 ޖެހިތަނާ ފުލުހުން އައިސް އަހަރެން ގެންދިޔަ ގޮތަށް އަށް ގަޑިއިރު ވަންދެން ޕޮލިސް ސްޓޭޝަނުގައި ބޭންދި. ފުލުހުން އަހަރެން ކައިރީ އެހީ ކީއްވެހޭ އަހަރެން ރަބިންދުރަ އާއި ނަޒުރުލްގެ ލަވަތައް ކިޔަނީ،" އާލޮމް ބުންޏެވެ.
ޑާކާގެ ޗީފް ޑިޓެކްޓީވް ހާރޫނުއްރަޝީދު ބުނި ގޮތުގައި އެ ލަވަތައް ކިޔުނީތީ އާލޮމް މައާފަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ ނުހޯދާ ފުލުސް ޔުނީފޯމް ލައިގެން އޭނާ ލަވަތައް ރެކޯޑް ކޮށްފައިވާތީ އެކަމަށް ވެސް މައާފަށް އެދުނު ކަމަށެވެ.
"އަހަރެމެންނަށް އޭނާގެ ވަރަށް ގިނަ ޝަކުވާތައް ވަނީ ލިބިފައި،" ހާރޫން ބުންޏެވެ.
ފުލުހުން ގެންގޮސް ސުވާލުކޮށް ހެދުމުން އާލޮމް ފަހުން ވަނީ އަނެއްކާވެސް މުޅިން އާ ވީޑީއޯއެއް ރިލީޒްކޮށްފަ އެވެ.
މި ވީޑީއޯގައި އޭނާ ހުންނަނީ ގައިދީންގެ ހެދުމުގައި ޖަލުގައި ހުރި މީހަކަށް ހެދިގެންނެވެ. އަދި އޭނާގެ ސްޓައިލަށް ހަދަހަދައިގެން ލަވައެއް ކިޔުމަށްފަހު އޭނާ ބުނަނީ އޭނާ އެހެރީ ދަން ޖައްސަން ތައްޔާރުކޮށްފައި ކަމަށެވެ.