ބަންގްލަދޭޝް މީހަކާއި ޕާކިސްތާނު މީހަކު ކައިވެނިކޮށްގެން ލިބުނު ދަރިފުޅަށް 'އިންޑިޔާ'ގެ ނަން ދީފި އެވެ. އަދި ސޯޝަލް މީޑީއާއިން މި ޚަބަރުކީ މީހުން ވަރަށް މަޖާ ކަމަކަށް ވެގެން މި ވާހަކަ މިހާރު ދައްކަމުން އެބަދެ އެވެ.
އޮމަރު އީސާ އަކީ ޕާކިސްތާނު މީހެކެވެ. އޭނާއަކީ މަދަހަ ކިއުމަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ފޭސްބުކްގައި އޮމަރު ވަނީ އޭނާ އާއި އޭނާގެ އަންހެނުންގެ ފޮޓޯއެއް ޝެއާކޮށްފަ އެވެ. އަދި ދެ މީހުންގެ މެދުގައި އޮށޯވެގެން އެމީހުންގެ ދަރިފުޅު އޮއްވާ މި ފޮޓޯއިން ފެނެ އެވެ.
އޮމަރުގެ ދަރިފުޅަށް އަސްލު ކިޔާފައިވަނީ އިބްރާހީމެވެ. ނަމަވެސް އެމީހުން ވަނީ ފަހުން އެ ކުއްޖާގެ ނަން 'އިންޑިޔާ' އަށް ބަދަލުކޮށްފަ އެވެ.
މި ފޮޓޯއާއެކު އޮމަރު ޝެއާ ކުރި ވާހަކައިގައި ބުނެފައިވަނީ އޭނާގެ އަންހެނުންނަކީ ބަންގްލަދޭޝް މީހެއް ކަމަށާއި ދަރިފުޅު ކުޑައިރުއްސުރެ ދެމަފިރިން ނިދާ އެނދުގައި ބާއްވައިގެން ނިންދަވާތީ މިހާރު އެއްގޮތަކަށް ވެސް އެ ކުއްޖާ އޭނާގެ އެނދުގައި ނުނިދާ ކަމަށެވެ. އެ އެނދުގައި ނިންދެވިޔަސް އިރުކޮޅަކުން އައިސް އޮންނަނީ ދެ މީހުންގެ މެދަށް ވަދެ ކަމަށެވެ.
"އަހަރެމެން އޭނާއަށް އަސްލު ކީ އިބްރާހީމް. އެކަމު މިހާރު ކިޔަނީ އިންޑިޔާ. ސަބަބަކީ އަހަރެމެން ދެ މީހުން (ޕާކިސްތާނާއި ބަންގްލަދޭޝް)ގެ މެދުގައި އޮންނަނީ އިންޑިޔާ ކަމަށް ވެފައި އަހަރެމެންގެ ދެ މީހުންގެ ޒަވާޖީ ހަޔާތަށް މީނާގެ ސަބަބުން ބުރޫ އަރާތީ،" ހެއްވާ މަޖާކޮށް އޮމަރު ލިޔެފައިވާ މި ވާހަކައިގައި ބުނެފައި ވެއެވެ.
މި ފޮޓޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެމީހުންގެ ދިރިއުޅުމުގައި ވެސް ދިމާވެފައިވާ މި ކަހަލަ މަޖާ ހާދިސާތައް ހިއްސާ ކޮށްފަ އެވެ. އަދި ދަރިންގެ ސަބަބުން އެމީހުންގެ ޒަވާޖީ ހަޔާތަށް ކުރިމަތިވީ އެކި ކަހަލަ މައްސަލަތައް މީހުން ވަނީ ކިޔައިދީފަ އެވެ.