ލައިފްސްޓައިލް

74 އަހަރު ކުރިން ވަކިވި ދެބެންގެ ބައްދަލުވުން

އިންޑިޔާ އާއި ޕާކިސްތާނު ދެ ގައުމަކަށްވެ ބައިބައިވެގެން ދިޔަ ދުވަސްވަރު ވަރަށް ގިނަ އާއިލާތަކަށް އެމީހުންގެ އާއިލާގެ މީހުންނާ ވަކިވާން ޖެހުނެވެ. ސަބަބަކީ އެއްބަޔަކު ޕާކިސްތާނާ ވީ ފަޅިއަށް ގޮސް ޕާކިސްތާނު މީހުންނަށް ވިއިރު އަނެއްބަޔަކު އިންޑިޔާ މީހުންނަށް ވެސް ދެ ބައިމީހުންގެ މެދުގައި ވަރުގަދަ ބޯޑަރެއް އުފެދުނީމަ އެވެ. މިއީ އެފަދަ ދެބެންގެ ވާހަކަ އެވެ.

ކަރްތާރްޕޫރު ސާހިބް ކޮރިޑޯގައި ދެބެން ބައްދަލުވެފައިވަނީ ދެބެން ވަކިވިތާ ބަރާބަރު 74 އަހަރު ފަހުންނެވެ. އެ ދެބެން މަޖްބޫރުން ވަކިވެގެން ދިޔައީ 1947 ވަނަ އަހަރު އެވެ. ކަރްތާރްޕޫރް ސާހިބު ކޮރިޑޯއަކަށް މި ގޮތަށް ވަކިވެފައިވާ މީހުން ގުޅުވައިދޭން ބަޔަކު އިސްނަގައިގެން ހިންގާ އޮގަނައިޒޭޝަނެކެވެ.

ފްރީ ޕްރެސް ޖާނަލްގައިވާ ރިޕޯޓެއްގައިވާ ގޮތުން މި ދެބެން ކުރެ މުހައްމަދު ސިއްދީގީ ދިރިއުޅެމުން ދިޔައީ ޕާކިސްތާނުގެ ފައިސަލްއާބާދުގަ އެވެ. އޭނާގެ ކޮއްކޮ ހަބީބް ދިރިއުޅެމުން ދިޔައީ އިންޑިއާގެ ޕަންޖާބުގެ ޕުލެންވާލް އޭރިއާގަ އެވެ.

އުމުރުން 80 އަހަރުގެ ސިއްދީގީ އާއި އޭނާގެ ކޮއްކޮގެ ބައްދަލުވުން އޮތީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މި ބައްދަލުވުން ބޮލީވުޑް ފިލްމެއްގެ މަންޒަރަކަށް ދޫނުކުރެ އެވެ. އެމީހުން އެތައް އިރެއް ވަންދެން އެކަކު އަނެކަކުގެ ގައިގައި ބައްދަމުން ރޮމުން ގެންދިޔަ އެވެ.

ހަބީބު ބުނި ގޮތުގައި އޭނާގެ ބޭބެ އާ 74 އަހަރު ފަހުން ބައްދަލުވެވުނީ ކަރްތާރްޕޫރު ސާޙިބު ކޮރިޑޯގެ ސަބަބުންނެވެ. އެކަމަށްޓަކައި އެ އޮގަނައިޒޭޝަނަށް އޭނާގެ ހިތުގެ އަޑިން ޝުކުރު އަދާ ކުރި އެވެ. އަދި ޕާޓިޝަންގެ ދުވަސްވަރު އެ ދެބެން ގޮތަށް ވަކިވެފައިވާ އާއިލާތަކަށް ބައްދަލުވެ އުފާ ފާޅު ކުރެވޭނެ ގޮތް ވާނެކަމަށް އުންމީދުކުރާ ކަމަށް ހަބީބު ބުންޏެވެ.

މިދިޔަ އަހަރު ކަރްތާރްޕޫރު ކޮރިޑޯ އިން ވަނީ މިގޮތަށް ޕާޓިޝަން ދުވަސްވަރު ވަކިވެފައިވާ ވަރަށް ގާތް ދެ އެކުވެރިންނަށް ވެސް ބައްދަލުވުމުގެ ފުރުސަތު ހޯދާދީފަ އެވެ. އިންޑިއާގެ ސަރްދާރް ގޯޕާލް ސިންގް، 94، އާއި އޭނާގެ ކުޑައިރުގެ ގާތް އެކުވެރިޔާ މުހައްމަދު ބަޝީރު، 91، ގެ ބައްދަލުވުން ވެސް ދިޔައީ ހަބީބު އާއި ސިއްދީގީގެ ބައްދަލުވުން ފަދަ ޖަޒުބާތީ ބައްދަލުވުމަކަށެވެ.