މަސައްކަތެއް ހޯދަން ބެންގަލޫރަށް ގޮސް އުޅުނު އިންޑިއާގެ ދެމަފިރިއަކު ބެންގަލޫރޫ ޖަލުގައި 301 ދުވަސް ހޭދަކޮށްފި އެވެ.
މި ދެމަފިރިން ޖަލުގައި ބަންދުކޮށްފައި ބޭތިއްބީ އިންޑިއާއަށް ވަގަށް އެތެރެވެގެން އުޅޭ ބަންގްލަދޭޝް ބަޔެއް ކަމަށް ހީކޮށެވެ.
މި ދެ މީހުންގެ މައްސަލަ ކޯޓުގައި ހިނގަމުން ގޮސް އެމީހުންގެ ކުށެއް ނެތް ކަމަށް ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި މީހުން މިނިވަންކޮށްފަ އެވެ. އަދި ދެ މީހުން ރޭލަށް އަރައިގެން މިހާރު އަމިއްލަ ރަށަށް ވަނީ ދަތުރުކޮށްފަ އެވެ.
ޕަލާޝް އާއި ޝުކްލާ އަދިކާރީއަށް މުސީބާތްތައް ކުރިމަތިވީ ޖުލައި 2022 ގައެވެ. އެމީހުންގެ ދެ އަހަރުގެ ދަރިފުޅު ގޮވައިގެން ބެންގަލޫރޫގައި އުޅެނިކޮށް ފުލުހުން އެމީހުން ހައްޔަރުކުރީ އެވެ. ގަވާއިދާޚިލާފަށް އުޅޭ ބަންގްލަދޭޝް ބަޔަކު ކަމަށް ޝައްކު ކުރެވިގެންނެވެ. އަދި އެމީހުން ބަނދުކޮށްގެން އުޅުނީ ބޭރު ގައުމުތަކުގެ މީހުންނަށް ހާއްސަކޮށް ހަދާފައިވާ ގާނޫނުތަކުގެ ދަށުންނެވެ.
މި މީހުންނަކީ ޖައުގްރާމްގެ ތެލެޕުކޫރް ކިޔާ އަވަށެއްގެ ބަޔެއް ކަމަށް ފުލުހުންނަށް ޔަގީންކޮށްދޭން ދެމަފިރިން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން އެމީހުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރި އެވެ.
ފަހުން ބެންގަލޫރޫ ފުލުހުން ޕަލާޝްގެ އަވަށަށް ގޮސް އޭނާގެ ޑޮކިއުމަންޓްތައް ވެސް ހޯދި އެވެ. ނަމަވެސް އެވަރުން ވެސް އެމީހުން ޖަލުން މިނިވަންކޮށެއް ނުދިނެވެ.
މި މައްސަލަ ކޯޓަށް ފޮނުވުމުން ޕަލާޝްގެ ތިމާގެ މީހުން ބެންގަލޫރަށް ގޮސް ގާނޫނީ ވަކީލެއް ހޯދައިގެން އެ މައްސަލައިގައި ކޯޓުގައި ވަކާލާތު ކޮށްފައި ވެއެވެ.
ޕަލާޝްގެ ދެމަފިރިން ކަފާލާތުގެ ދަށުން މިނިވަން ކުރަން އެޕްރީލް 28 ވަނަ ދުވަހު ކޯޓުން އަމުރުކުރި ނަމަވެސް އެމީހުން ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގޮތެއް ނެތުމާއެކު އެމީހުންގެ ގެރެންޓާއެއްގެ ގޮތުގައި ސޮއިކުރާނެ ބެންގަލޫރޫ މީހަކު ނުލިބިގެން އެމީހުން އިތުރު އެތައް މަހަކު ޖަލުގައި ތިބެން ޖެހުނެވެ. އެންމެ ފަހުން އެމީހުން ޖަލުން މިނިވަން ވެފައިވަނީ ފާއިތުވީ މޭ 24 ވަނަ ދުވަހު އެވެ.
ޕަލާސްގެ ދެމަފިރިން ޖަލުން މިނިވަން ކުރަން އެންމެ ބުރަ މަސައްކަތެއް ކުރީ އޭނާގެ ކޮއްކޮ ސާތީ އަތިކާރީ އެވެ. ބިއުޓީ ޕާލާއެއްގައި މަސައްކަތް ކުރާ ސާތީ ވަނީ ބޭބެ ސަލާމަތްކުރުމަށްޓަކައި އޭނާ އުމުރު ދުވަހު އެއްކޮށްފައި ހުރި ފައިސާ ޚަރަދުކޮށްފަ އެވެ.