އިންޑިޔާ އާއި ޕާކިސްތާނު 1947 ގައި ވަކި ދެ ގައުމުގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ވަރަށް ގިނަ އާއިލާތަކަށް އެމީހުންގެ ގާތް ތިމާގެ މީހުންނާ ވަކިވާން މަޖްބޫރުވި އެވެ. ބައެއް އާއިލާތަކުގެ އެއްބަޔަކު ޕާކިސްތާނު މީހުންނަށް ވީއިރު އަނެއް ބަޔަކު އިންޑިޔާ ރައްޔިތުންނަށް ވެސް އެ ގައުމުގައި ދިރިއުޅެން ޖެހުމުންނެވެ. އެއް އާއިލާއަކަށް ނިސްބަތްވިޔަސް ބޯޑަރުން އަނެއް ފަރާތަށް ނުދެވި އާއިލާތައް ވަކިވެގެން ގޮސް އެތައް އަހަރެއް ފާއިތުވީއިރު ވެސް އަލުން އެމީހުންނާ ބައްދަލު ވެވޭނެ ގޮތެއް ނެތިފައިވާ އާއިލާތައް ވެސް މަދެއް ނޫނެވެ.
މިއީ ވެސް އެފަދަ އާއިލާއެއްގެ އެއްބަނޑު އެއްބަފާ ދެބެންގެ ވާހަކަ އެކެވެ. މީގެ ތެރެއިން މެހެންދުރަ ކޯރު އަކީ އިންޑިޔާ ރައްޔިތެކެވެ. އުމުރުން 81 އަހަރުގެ މެހެންދުރަ އާއި އާއިލާ އިންޑިޔާގައި ދިރިއުޅެމުންދާއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝެއިޚް އަބްދުލްއަޒީޒަކީ 1947 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި ދިރިއުޅޭ އެ ގައުމުގެ ރަށްވެއްސެކެވެ. މިހާރު އުމުރުން 78 އަހަރުފުރިފައިވާ އަބްދުލް އަޒީޒަށް އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އާ ބައްދަލުވީ ޕާކިސްތާނާވީ ފަޅީގައިވާ ކަޝްމީރުގެ ކަރްތާރްޕޫރް ކިޔާ ރަށެއްގައި ހުންނަ ސިކުން އަޅުކަން ކުރާ ތަނަކަށް ވިސާ އާ ނުލާ ދާން އިންޑިޔާ ރައްޔިތުންނަށް ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން މަހެންދުރަ އެ ރަށަށް ދާދިފަހުން ކުރި ޒިޔާރަތެއްގަ އެވެ. މަހެންދުރަ އެ ތަނަށް އަންނަކަން އެނގިގެން އަބްދުލް އަޒީޒް އޭނާގެ ދައްތަ އާ ބައްދަލުކުރަން އެ ތަނަށް ދިޔައީ އެވެ.
ދެބެން ވަކިވިއިރު އަބްދުލް އަޒީޒަށް އެންމެ ތިން އަހަރެވެ. އޭނާގެ ދައްތަ އަށް ހަ އަހަރެވެ. އެހެންވެ މިފަހަރު ދެބެން ބައްދަލުވެފައިވަނީ ބަރާބަރު 75 އަހަރު ފަހުންނެވެ.
މި ދެބެން ވަކިވެފައިވަނީ ވަރަށް ކުޑައިރު ކަމަށްވާތީ ދެބެންނަށް އެކަކު އަނެކަކު މަތިން މާބޮޑަކަށް ހަނދާނެއް ނެތެވެ. ނަމަވެސް 1947 ގައި ދެ ގައުމު ވަކި ކުރުމާ ގުޅިގެން ގެއްލިފައިވާ އާއިލާތަކުގެ މީހުން ހޯދައި ގުޅުވައިދިނުމަށް ސޯޝަލް މީޑިއާގައި ބަޔަކު ކުރަމުންދާ މަސައްކަތްތަކެއްގެ ތެރެއިން މި ދެބެންނަށް ވެސް އެއީ އެއްބަނޑު އެއްބަފާ ދެބެން ކަން އެނގި ބައްދަލުކުރަން ބޭނުންވީ އެވެ.
ދެބެންގެ ފުރަތަމަ ބައްދަލުވުން ވެގެން ދިޔައީ ވަރަށް ޖަޒުބާތުން ފުރިގެންވީ ވަގުތުކޮޅަކަށެވެ. ދެބެންގެ އާއިލާގެ އެންމެން މި ބައްދަލުވުމުގައި ބައިވެރިވިއިރު ދެބެންގެ ކަރުގައި މާފަތި އަޅުވައި ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި ދެފަރާތު އާއިލާއިން ވަނީ މި ކަން ފާހަގަ ކޮށްފަ އެވެ.