ލައިފްސްޓައިލް

މަހާނައިގައި ތަޅުއަޅުވާފައޭ ކިޔައިގެން ފެތުރި ފޮޓޯގެ ހަގީގަތް

މީގެ ދުވަސްކޮޅެއް ކުރިން ޑެއިލީ ޓައިމްސް ކިޔާ ނޫހެއްގައި ޖެހި ޚަބަރެއްގައި ޕާކިސްތާނުގައި ގަބުރަށް ޖިންސީ ގޯނާ ކުރާ މައްސަލަ ބޮޑުވެ ޒުވާން އަންހެނުން މަރުވުމުން އެމީހުންގެ މައިންބަފައިން އެ މީހުންގެ މަހާނައިގައި ތަޅު އަޅުވާ ވާހަކައެއް ލިޔެފައި ވެއެވެ. އަދި އޭގެ ފަހުން އިންޑިޔާގެ ނޫސްތަކުން ވެސް ހަމަ މި ޚަބަރު މިގޮތަށް ގެނެސްދީފައި ވެއެވެ. ނަމަވެސް މިއީ ހަގީގަތުގައި ފޭކް ވާހަކަ އެކެވެ. މި ޚަބަރާއެކު ދައުރުވި ފޮޓޯއަކީ ވެސް ޕާކިސްތާނުގެ ގަބުރުސްތާނެއްގެ މަންޒަރެއް ނޫނެވެ. ހަގީގަތުގައި އެއީ އިންޑިޔާގެ ހައިދަރުއާބާދުގެ ގަބުރުސްތާނެއްގެ މަންޒަރެކެވެ.

ހަގީގަތުގައި މި ޚަބަރަކީ ކުރިން މުސްލިމެއްގެ ގޮތުގައި ހުރެފައި މިހާރު ދީން ގަބޫލުނުކުރާ އެތީސްޓެއް ކަމަށްވާ ހާރިސް ސުލްތާން އިސްލާމް ދީނަށް ހުތުރު އަރުވައި ދީނުގެ ނަން ކިލަނބުކުރަން ފެތުރި ޚަބަރެކެވެ.

މި ފޮޓޯއިން ފެންނަ މަހާނައިގައި ދޮރެއް ހަރުކޮށް އޭގައި ތަޅު އަޅުވާފައި ހުރީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އިންޑީޔާގެ ހައިދަރުއާބާދުގައި ހުރި މި މަހާނައަށް މިދިޔަ އަހަރު ވެސް ޒިޔާރަތްކުރި މީހަކު މި އަހަރު ވެސް އެ މަހާނައަށް ޒިޔާރަތްކޮށް މި ފޮޓޯގެ ހަގީގަތް ސޯޝަލް މީޑީއާގައި ކިޔައިދީފަ ވެއެވެ.

އޭނާ ބުނި ގޮތުގައި އެ މަހާނައަކީ އޭނާގެ ރައްޓެއްސެއްގެ މަންމަގެ މަހާނަ އެވެ. އެ މީހާ މިދިޔަ އަހަރު މަރުވުމުން ވަޅުލުމަށްފަހު އޭނާގެ މަހާނައިގައި ދޮރެއް ލައި ތަޅު ހަރުކުރީ އެ މަހާނައިގެ މަތީގައި އެހެން މީހަކު ވަޅުލުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވެއެވެ.

މި ގަބުރުސްތާނަކީ މިސްކިތަކާ ޖެހިގެން ހުރި ގަބުރުސްތާނެކެވެ. އެ މިސްކިތުގެ އިމާމު ބުނެފައިވާ ގޮތުގައި ދުވަސްވީ މަހާނަތަކުގެ މަތީގައި އަލަށް މަރުވާ މީހުން ވަޅުލާލަން އޭނާއަށް ފެނެ އެވެ. އަދި މިއީ ބައެއް މީހުން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެ އެވެ.

އެހެންވެ ބައެއް އާއިލާތަކުން އެ އާއިލާތަކުގެ މީހުން މަރުވުމުން ވަޅުލުމަށްފަހު އެ މަހާނަ މަތީގައި ދަގަނޑު ދޮރެއް ހަރުކޮށް އޭގައި ތަޅު އަޅުވާފައި ބަހައްޓަނީ ކަމަށް މިސްކިތުގެ އިމާމު ބުންޏެވެ.